އެއް ޕާޓީއަކުން އަނެއް ޕާޓީގެ ވެރިއެއްގެ ފުރާނަޔާ ކުޅުމަށް ހަމަލާއެއް ނުދޭނެ - އުމަރު

އެއްވެސް ސިޔާސީ މީހަކު، އިދިކޮޅު ސިޔާސީ ލީޑަރަކު ނުވަތަ އިދިކޮޅު ސިޔާސީ މީހަކު މަރަން ހަމަލާއެއް ނުދޭނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ހދ.ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ރިޔާސީ ލޯންޗުގައި ދެވުނު ހަމަލާއަށް އިޝާރާތް ކުރައްވާ މިނިސްޓަރ ވިދާޅުވީ، އެ ހަމަލާ އަކީ ސިޔާސީ ގޮތުން ދެވުނު ހަމަލާއެއް ނޫން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރިޔާސީ ލޯންޗު "ފިނިފެންމާ" ގައި ދެވުނު ހަމަލާއަކީ ވަރަށް ނުބައި، ވަރަށް މަކަރުވެރި ރޭވުންތަކެއްގެ ތެރެއިން ދެވުނު ހަމަލާއެއް ކަމަށެވެ. އަދި އެދުވަހުގެ ހަމަލާއިން ރައީސް ޔާމީން ސަލާމަތްވެ ވަޑައިގެންނެވީ އެމަނިކުފާނު އާންމުކޮށް އިށީނދެވަޑައިގަންނަވާ ގޮނޑިކޮޅުގައި އިށީނދެވަޑައިނުގަތުމުން ކަމަށާއި، އެހެން ނޫންނަމަ މިއަދު ދިވެހިރާއްޖޭގެ މިނިވަންކަމާއި، ރާއްޖެ އާއި ދައުލަތެއްގެ ގޮތުގައި ދެކޭގޮތް ބަދަލުވެގެން ދާނެ ކަމަށެވެ.
އުމަރު ވަނީ މިއަދު ޤައުމުގައި ހިނގަމުން މިދާ "އުނދަގޫ ވަގުތުގައި"، ޤައުމުގެ އިސްތިޤުލާލާއި އަމިއްލަ ވަންތަކަމާއި، ދައުލަތުގެ ކަރާމަތާއި، ވެރިކަމުގެ ޢިއްޒަތާއި، ވެރިކަމުގެ ކަރާމަތަށްޓަކައި ހުރިހާ ރައްޔިތުން އަތުގުޅާލައިގެން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްފަރާތް ކުރުމަށްފަހު މަސައްކަތް ކުރަން ޖެހިފައިވާ ވަގުތެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އެއްވެސް ސިޔާސީ ބަޔަކު ތަނެއްގައި ބޮމެއް ހަރެއް ނުކުރާނެ އޭނާގެ ސިޔާސީ ވާދަވެރިޔަކު މަރާކަށް. އަޅުގަނޑަށް ޔަޤީން ދިވެހިރާއްޖޭގެ ސިޔާސީ އެއްވެސް ޕާޓީއަކުން އަނެއް ޕާޓީގެ ވެރިޔެއްގެ ފުރާނަޔާ ކުޅުމަކަށް އެއްވެސް ހަމަލާއެއް ނުދޭނެ. އެއީ އަޅުގަނޑުމެންނަށް ޔަޤީންވާ ކަމެއް،" އުމަރު ވިދާޅުވިއެވެ.
ފިނިފެންމާ ލޯންޗުގައި ދެވުނު ހަމަލާގެ އިތުރުން، ރޭ މުލީއާގޭ ކައިރިން ފެނުނު އައިއީޑީ އަކީވެސް ރައީސް ޔާމީނަށް އަމާޒުކޮށް، އެމަނިކުފާނު އަވަހާރަކޮށްލަން ތައްޔާރު ކުރެވިފައި އޮތް އެއްޗެއް ކަމަށް އުމަރު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ އަކީ މި ދަންނަވާ މަގުން ވަރަށް ގިނައިން ދަތުރުކުރައްވާ ބޭފުޅެއް. އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް ވަޑައިގަތުމަށް ކޮންމެ ދުވަހަކުވެސް އެމަގުން ދަތުރު ކުރައްވާ. އެހެންވީމާ މި ދަންނަވާ ބޮން، އެމަނިކުފާނު ދަތުރުކުރައްވާ މަގުގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގެ ތެޔޮ ތާނގި މަތީގައި ބާއްވާފައި އެމަނިކުފާނުގެ ކާރު އަރާ ހަމަވީމާ އޭތި ގޮއްވާލުމުގެ މަގްސަދުގައި ކޮށްފައި އޮތް ކަމެއް ކަމަށް އަޅުގަނޑުމެން ޤަބޫލު ކުރަނީ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މިއީ އެއްވެސް އިންތިޚާބަކާއި ނުލައި ވެރިކަން ހޯދުމަށް "ކުރިންވެސް ކުރެވުނު މަސައްކަތަށް އިތުރުވެގެން ދިޔަ ބޮޅެއް" ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ދެކޮޅަށް "ޚާއިނުންތަކެއް" ނުކުމެގެން ކުރަމުން އަންނަ ކަމެއް ކަމަށާއި، މި ދަތި ދަނޑިވަޅުގައި އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް އެއްބާރުލުންދީ ސަރުކާރާއި އެކު ތިބުމަށް ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ