އަބްދުﷲ ގާޒީ ހައްޔަރުކުރުމުން އެމްއެންޑީއެފްގެ ޗީފާއި ޕޮލިސް ކޮމިޝަނަރު 241 ކޮމިޓީ އަށް ހާޒިރުކުރަނީ

މިދިޔަ ހޯމަ ދުވަހުގެ ރޭ ސަލާމަތީ ބާރުތަކުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލަ އާއި މިހާރު މާލޭގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ސުވާލުކުރުމަށް އެމްއެންޑީފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލާއި ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މާދަމާ ހާޒިރުކުރުމަށް އެ ކޮމިޓީން މިއަދު ނިންމައިފި އެވެ. މަޖިލީހުގެ " 241 ކޮމިޓީ"ގެ ބައްދަލުވުމެއް މިއަދު ބޭއްވީ މިހާރު ހިންގަމުންދާ ހަމަނުޖެހުންތައް ބެލުމަށްޓަކައި، އެ ކޮމިޓީގެ ތިން މެމްބަރުންކަމުގައިވާ މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާއި ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު އަދި ފުލިދޫ ދާއިރާގެ ޔޫސުފް ނައީމު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. ރިޔާޒު ވިދާޅުވީ ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ މެމްބަރުން ދެކޮޅުހެއްދެވި ކަމަށާއި ނަމަވެސް ފަހުން ބައްދަލުވުން ކުރިއަށް ގެންދެވީ ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފައެއް ލިބުމުން ކަމަށެވެ. "އެ ބޭފުޅުން ވިދާޅުވީ ހުށަހަޅާފައިވާ މައްސަލައިގައި ޣައިރު ގާނޫނީ ކަންކަމޭ ލިޔެފައި އޮތުމުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް. ނަމަވެސް ކައުންސެލް ޖެނެރަލްގެ ލަފާގައި ބުނެފައިވަނީ އެއީ މައްސަލަ ހުށަހެޅުއްވި ފަރާތުން ދެކޭ ގޮތް ކަމަށްވުމާ އެކު އެކަން ކޮމިޓީގައި ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށް،" ރިޔާޒު ވިދާޅުވި އެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު، ދިއްދޫ ދާއިރާގެ މެމްބަރު އަހްމަދު ސަމީރު ވިދާޅުވީ ކޮމިޓީ އަށް ހުށަހަޅާފައިވާ މައްސަލަ އޮތް ގޮތުން އެއީ ކޮން ކަމަކަށް ހުށަހަޅާފައިވާ މައްސަލައެއްކަން ސާފުނުވާ ކަމަށެވެ. ހިޔާލު ތަފާތުވީ އެހެންވެ ކަމަށާއި ނަމަވެސް މަޝްވަރާ އަށް ފަހު ކޮމިޓީން ނިންމީ މިހާރު ހިންގަމުންދާ ކަންކަމުގައި ސަލާމަތީ ބާރުތަކުގައި މައްސަލައެއް އޮތްތޯ ބެލުމަށް ކަމަށް ސަމީރު ވިދާޅުވި އެވެ. މާދަމާ " 241 ކޮމިޓީ" އަށް ފުރަތަމަ ހާޒިރުކުރާނީ ޗީފް އޮފް ޑިފެންސް ފޯސް އެވެ. މެންދުރު 00: 1 ގައި އޭނާ ކޮމިޓީ އަށް ހާޒިރުކުރުމަށް ފަހު، ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހު ކޮމިޓީ އަށް ހާޒިރުކުރާނީ 00: 2 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ