ބިލް އަނބުރާ ގެންދިޔައީ ގާސިމް އެދިވަޑައިގެނެއް ނޫން: ޖުމްހޫރީ ޕާޓީ

އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހެޅި ބިލް އަނބުރާ ގެންދިޔައީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެން ނޫން ކަމަށް އެ ޕާޓީން ރޭ ބުނެފި އެވެ. އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވީ އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ހުށަހެޅި ބިލް އަނބުރާ ގެންދިޔައީ ގާސިމް އެދިވަޑައިގެން ކަމަށް ސަރުކާރުން ވާހަކަ ފެތުރި ނަމަވެސް އެއީ ދޮގެއް ކަމަށެވެ. ވިޔަފާރީގެ ގޮތުން، ގާސިމާ އަބަދުވެސް ގާތް ގުޅެއް އޮންނަ މުހައްމަދު މޫސާ (އުއްޗު) އާ އެކު މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު، ޖެހިގެން އައި ދުވަހު ބިލް އަނބުރާ ގެންދިޔައީ ވެސް އެއީ ގާސިމް އެދިވަޑައިގެން ކުރެއްވި ކަމެއްގެ ގޮތުގައި "ދެއްކުމަށް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަމީން ވިދާޅުވި ގޮތުގައި މުހައްމަދު މޫސާއާ އެކު ގާސިމް ބޭއްވި ބައްދަލުވުމުގެ މެދުތެރެ އިން ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ވަޑައިގެން އެ ބިލް އަނބުރާ ނެގިދާނެ ކަމަށް ގާސިމަށް ދެންނެވި އެވެ. އެކަމަކު ބިލާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ގާސިމް މަޝްވަރާ ނުކުރައްވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ. "ބިލާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ އެއީ ތިމަންނަ އެހާ ކަންބޮޑުވާ މައްސަލައެއް ނޫނޭ. ތިމަންނަ އަށް ރައީސް ކަމަށް ކުރިމަތިނުލެވޭ ދުވަހެއްގައި ޕާޓީގެ ފަރާތުން ވެސް މީހަކު ތިމަންނަ ނެރޭނަމޭ. އެހެންވީމަ އެއީއަކީ ހަމައެކަނި ތިމަންނަ އަށް އުނިވާ ހައްގެއްގެ މައްސަލައިގެ ވާހަކައެއް ނޫނޭ މި ދައްކަނީ،" އަމީން ވިދާޅުވި އެވެ. އަމީން މިހެން ވިދާޅުވި ނަމަވެސް ބިލް ހުށަހެޅުއްވި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އިއްޔެ ވިދާޅުވީ ބިލް އަނބުރާ ގެނައީ، ގާސިމާއި އުއްޗުގެ އިތުރުން އަދީބު ބޭއްވެވި މަޝްވަރާތަކާ ގުޅިގެންނާއި ގައުމީ މަސްލަހަތަށްޓަކައި ކަމަށެވެ. މީގެ އިތުރުން ބިލް އަނބުރާ ގެނައުމަކީ ސަރުކާރުގެ ބައެއް އިސް ވެރިންގެ އެދިވަޑައިގަތުމެއް ކަން ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ހުށަހެޅި އިސްލާހުގެ ސަބަބުން، 2018 ގައި ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް ޔަގީން ކުރެވޭ ބޭފުޅުންގެ ތެރެއިން ފުރުސަތު ގެއްލެނީ ގާސިމަށް އެކަންޏެވެ. އެ އިންތިހާބު ބާއްވާއިރު އޭނާ އަށް 66 އަހަރު ފުރޭނެ އެވެ. އަމީން ވިދާޅުވީ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ ވިޔަފާރިއާ ގުޅޭ ގޮތުން ކަމަށެވެ. އެކަމަކު އަދީބު ބައްދަލުވުމަށް ވަޑައިގަތުމުން، ސަރުކާރުން ސިޔާސީ ދައުވާކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފަދަ ބޭފުޅުން ދޫކޮށްލަން އަދީބު އަރިހުގައި ގާސިމް އެދިވަޑައިގެންނެވި ކަމަށް އަމީން ވިދާޅުވި އެވެ. އޭނާ ވިދުޅާވި ގޮތުގައި އަޑު ފަތުރަމުންދާ ގޮތަށް އެ ބައްދަލުވުމުގައި ގާސިމް، އަދީބާއެކު "ޑީލެއް ނުހައްދަވަ" އެވެ. އެއީ އެއް އިރެއްގައި ވެސް ގާސިމް ކުރައްވާނެ ކަމެއް ނޫން ކަމަށް އަމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ