ބަޔަކު ދަނީ ފޭކް ބޮންތަކެއް ހަދަމުން، ޓެރަރިޒަމްގެ ދައުވާކުރާނަން: އުމަރު
ފަހަކަށް އައިސް ބަޔަކު މީހުން ދަނީ ފޭކް ބޮންތަކެއް ހަދަމުން ކަމަށާއި އެ މީހުން "ހިފިއްޖެނަމަ" ޓެރަރިޒަމްގެ ދައުވާ ކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. އޭނާ އެހެން ވިދާޅުވިއިރު ކަސްޓަމްސް ސަރަހައްދުން ރޭ ދަންވަރު ބޮމެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވި އެވެ. އަދި ދެކުނު ހާބަރު ސަރަހައްދުގައި ޕާކް ކޮށްފައި އޮތް ތެޔޮ ބައުޒަރެއްގެ ދަށުގައި ބޮމެއް އޮތް ކަމުގެ ރިޕޯޓް ލިބިގެން ވެސް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވި އެވެ. މި މައްސަލާގައި އުމަރު ވިދާޅުވީ ފޭކް ބޮންތަކެއް ހަދައި ބަޔަކު މީހުން މާލޭގެ އެކި ތަންތަނުގައި ބަހައްޓަމުންދާ ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލު ކަމަށެވެ. ހާބަރު ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރެއްގެ ދަށުގައި ބޮމެއް އޮތް ކަމަށް ބުލެ ލިބުނު ރިޕޯޓަކާ ގުޅިގެން މިއަދު ސިފައިން ހަރަކާތްތެރިވަނީ -- ހަވީރު ފޮޓޯ: މުހަންމަދު ޝަރުހާން "ސަބަބަކީ މުޅި ރަށުގައި ބިރުވެރިކަމެއް އުފެދެނީ މީގެ ސަބަބުން. މުޅި ސަރަހައްދު ސިފައިންނާއި ފުލުހުން ނުކުމެ ބަންދުކޮށް، އެއީ ކޯޗެއްތޯ ބަލައި ނިންމަން 3-4 ގަޑިއިރު ނަގާ. މިކަން ކުރާ މީހުންނަށް އަޅުގަނޑު ދޭ އިންޒާރެއް މިއީ ޓެރަރިޒަމްގެ ދައުވާ ކުރާނަން އަތުލެވިއްޖިއްޔާ. ޓެރަަރިޒަމްގެ ދައުވާއަށް ފެތޭނެ،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ކަސްޓަމްސް ސަރަހައްދުން ވެސް ފެނުނީ "ބޮމެއް ގޮތަށް ހަދާފައިވާ އެއްޗެއް" ކަމަށެވެ. އޭތި އޮތީ މިނިސްޓަރު ވިދާޅުވި ގޮތުގައި މޮބައިލް ފޯނަކާ ވެސް އެކުގަ އެވެ. ރައީސްގެ ކާރުކޮޅާއެކު ދަތުރުކުރާ ޖޭމާ ވެހިކަލް ސްޓޭޑިއަމްގެ ތެރޭގައި ބާއްވާފައި އޮތް އިރު، މުލީއާގެ ކައިރިން ފެނުނީ ބޮމެއްތޯ ބެލުމުގެ މަސައްކަތް ސިފައިން ކުރަނީ.---ހަވީރު ފޮޓޯ: ނިޝާން އަލީ މާލެތެރޭގައި ބޮން ގެންގުޅޭ ކަމުގެ ރިޕޯޓްތައް ލިބިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުން އައި ނަމަވެސް އަސްލު އައިއީޑީއެއް ފެނުނީ މުލީއާގޭގެ ކައިރިންނެވެ. މުލީއާގޭގެ އިރުމަތީ މަގުގެ ދެކުނުކޮޅުން ކަންމަތީގައި ކަހަލަ ގޮތަކަށް ޕާކް ކޮށްފައި އޮތް ލޮރީއެއްގެ ބެޓެރި ކޮމްޕާޓްމަންޓުގެ މަތީގައި، ޑައިނަމައިޓުން ހަދައި ގޮއްވާލަން ތައްޔާރުކޮށްފައި އޮތް ބޮމެއް މި ދިޔަ ހޯމަ ދުވަހުގެ ރޭ ފެނިފައިވާއިރު، އެ ބޮން ވަނީ މާފަންނު ސްޓޭޑިއަމް ސަރަހައްދަށް ގެންގޮސް ނުގޮވާ ގޮތް ހަދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ