އަބްދުﷲ ގާޒީ ކޯޓަށް ހާޒިރު ކުރުމަށް ފޮނުވި އަމުރަށް ސިފައިން މިފަހަރު ވެސް އަމަލެއް ނުކުރި

މިދިޔަ ހަފުތާގެ ހޯމަ ދުވަހު ސިފައިން ހައްޔަރުކޮށްފައިވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ބަންދާ ގުޅޭ މައްސަލަ ހިންގުމަށް އޭނާ ކޯޓަށް ހާޒިރުކުރުމަށް ސިފައިންނަށް އަމުރު ފޮނުވި ނަމަވެސް މިފަހަރު ވެސް އެ އަމުރަށް ސިފައިން ކިޔަމަނެއް ނުވި އެވެ. އަބްދުﷲ މުހައްމަދުގެ ބަންދާ ގުޅޭ ގޮތުން އޭނާގެ ވަކީލުންގެ ފަރާތުން ހުށަހެޅި މައްސަލައިގައި މެންދުރު ފަހު ތިނެއް ޖަހާއިރަށް އަބްދުﷲ ގާޒީ ހާޒިރު ކުރުމަށް ސިފައިންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ. ނަމަވެސް ސިފައިން އެ އަމުރަށް ކިޔަމަންވެފައެއް ނުވެ އެވެ. އަދި އެފަދަ މައްސަލަތަކަކީ ބަންދުގައި ހުރި މީހާ ސީދާ ހާޒިރުވާންޖެހޭ ފަދަ މައްސަލަތަކެއް ކަމުން އެ މައްސަލަ މިހާތަނަށް ހިންގޭ ގޮތެއް ނުވެ އެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރުމާއެކު އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް އެ ތިން އަމުރަށް ވެސް ސިފައިން ބޯލަނބާފައެއް ނުވެ އެވެ. އޭގެ އިތުރުން އަބްދުﷲ ގާޒީ ހައި ކޯޓަށް ހާޒިރު ކުރުމަށް ހައި ކޯޓުން ވެސް ވަނީ މީގެ ކުރިން އަމުރު ކޮށްފަ އެވެ. އެކަމަކު އެ އަމުރަށް ވެސް ސިފައިން އަމަލު ކޮށްފައެއް ނުވެ އެވެ. މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސިފައިންގެ މައްޗަށް ކޯޓުތަކުން ކުރި ފަސް އަމުރަކަށް ވަނީ އަމަލު ނުކޮށްފަ އެވެ. އަބްދުﷲ ގާޒީ ހާޒިރުކުރުމަށް އަމުރުކުރުމުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު ހާޒިރުވުމަށް ވެސް ކްރިމިނަލް ކޯޓުން އަމުރު ކުރި އެވެ. އެކަމަކު އެ ދެ އަމުރު ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ ދެ އަމުރަށް އަމަލު ކުރުން ފަސް ކުރުމަށް ހައި ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. ހައި ކޯޓުން އަމުރުކޮށްފައި ވަނީ ޕޮލިސް ކޮމިޝަނަރާއި މޫސާ އަލީ ޖަލީލު ހާޒިރުވުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުތައް ބާތިލް ކުރުމަށް ހައި ކޯޓުން އެދިފައިވާތީ އެ މައްސަލަ ބަލައި ނިމެންދެން އެ ދެ އަމުރަށް އަމަލުކުރުން ފަސް ކުރުމަށެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރުމުން އޭނާ ދޫކޮށްލުމަށް ގޮވާލައި ކޮންމެ ރެއަކު ވެސް އިދިކޮޅު ފަރާތްތަކުން ދަނީ މުޒާހަރާ ކުރަމުންނެވެ. އަބްދުﷲ ގާޒީ ދޫކޮށްލުމަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ގޮވާލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ