މުލީއާގެ ކައިރީގައި ބޮން ގޮއްވަން އުޅުނީ ރައީސް އަވަހާރަކޮށްލަން: އުމަރު
ރޭ މުލިއާގޭ ކައިރިން ފެނުނު އައިއީޑީ އަކީ ވެސް ރައީސް އަބްދުﷲ ޔާމީން އަވަހަރާކޮށްލުމުގެ ނިޔަތުގައި ގޮއްވާލަން އުޅުނު އެއްޗެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަ ކުރަމުން އަންނަ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ހދ. ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރޭ މުލިއާގޭ ކައިރީގައި އޮތް ވެހިކަލެއްގައި ބާއްވައިގެން ގޮއްވާލަން މަސައްކަތް ކުރީ ބޮމެއް ކަމަށާއި އެ ސަރަހައްދުގައި އެފަދަ ކަމެއް ކުރަން ބަޔަކު ރޭވީ އެއީ ރައީސް ޔާމީން ކޮންމެ ދުވަހަކު ވެސް ދަތުރު ކުރައްވާ މަގަކަށްވާތީ އެކަމަށް ޓާގެޓްކޮށްގެން ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. "...މިއީ ވެސް ރައީސުލްޖުމްހުރިއްޔާ އަވަހާރަކޮށްލުމަށްޓަކައި ހަމަލާ ދިނުމަށް ރާވާފައިވާ ރޭވުމެއް. ރައީސުލްޖުމްހުރިއްޔާއަކީ މި ދަންނަވާ މަގުން ކޮންމެ ދުވަހަކު ވަރަށް ގިނައިން ދަތުރު ކުރައްވާ ބޭފުޅެއް،" އުމަރު ވިދާޅުވި އެވެ. "އެ މަނިކުފާން ދިރިއުޅުއްވާ ގެއަށް ވަޑައިގަތުމަށްޓަކައި އެ މަގުން ވަރަށް ގިނައިން ދަތުރު ކުރައްވާ. އެހެންވީމާ މި ދަންނަވާ ބޮން އެ މަނިކުފާން ދަތުރު ކުރައްވާ މަގުގައި އޮތް ވެހިކަލެއްގެ ތެޔޮ ތާނގީގެ މަތީގައި ބާއްވާފައި އެ މަނިކުފާނުގެ ކާރު އަރާ ހަމަވީމާ އޭތި ގޮއްވާލުމުގެ މަގުސަދުގައި ކޮށްފައި އޮތް ކަމެއް އަޅުގަނޑުމެން ގަބޫލް ކުރަނީ." ރައީސްގެ ކާރުކޮޅާއެކު ދަތުރުކުރާ ޖޭމާ ވެހިކަލް ސްޓޭޑިއަމްގެ ތެރޭގައި ބާއްވާފައި އޮތް އިރު ބޮން ޑިފިއުޒްކުރާ ސިފައިންގެ މީހުން ހަރަކާތްތެރިވަނީ.---ހަވީރު ފޮޓޯ: ނިޝާން އަލީ މިނިސްޓަރު އަދި ވިދާޅުވީ އެކަން ކުރުން އުޅުނު ބަޔަކަށް ކާމިޔާބުވެ ރައީސްގެ ކާރުކޮޅު ގޮވުން ފަދަ ކަމެއް ހިނގި ނަމަ ރައީސްގެ ކާރުކޮޅު ބުރައިގެން ދާނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އުމަރު އަދި ވިދާޅުވީ ގޮއްވާލަން އުޅުނު ޑައިނަމައިޓަކީ ރާއްޖޭގެ ފަރުތަކާއި ބޭރު ގައުމުތަކުގައި ފަރުބަދަ ފަދަ ތަންތަން ގޮއްވާލަން ބޭނުން ކުރާ ޒާތުގެ އެއްޗެއް ކަމަށެވެ. "އެއީ ވަކި ވަގުތެއްގައި ގޮއްވާލެވޭ ގޮތަށް ތައްޔާރުކޮށްފައި އޮތް އެއްޗެއް. އޭތި ގޮއްވާލެވުނު ނަމަ ރޭގައި 60 ފޫޓްގެ ބޮޑު އަލިފާން ބޯޅައެއް އުފެދޭނެ. އެވަރުގެ ވަރުގަދަ ޑައިނަމައިޓެއް ބާއްވާފައި އޮތީ. ފަސްދޮޅަސް ފޫޓް އޭގެ ޑައިމީޓަރުގައި ހުރި، އޭގެ ފުޅާ މިނުގައި 60 ފޫޓް ހުރި އަލިފާން ބޯޅައެއް އެ މަގުގައި އުފެދިއްޖެއްޔާ އެ ސަރަހައްދުގައި އެހެރެ ގެތަކަށް ވަރަށް ބޮޑަށް އަސަރުކޮށް އެތައް ބައެއްގެ ފުރާނަ ގެއްލުމަކީ އެކަށީގެންވާ ކަމެއް،" އުމަރު ވިދާޅުވި އެވެ. މީގެ 27 އަހަރު ކުރިން ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން ކުލީ ސިފައިިންގެ ބަޔަކު ގެނައި ހާދިސާގެ ހަނދާންތައް އާކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިފަދަ އުދުވާނީ ހަމަލާތައް އުފެދިގެން މިހާރު ދަނީ ރާއްޖޭގައި ވެރިކަމަށް ދަހިވެތިވެފައި ތިބި ހާއިނުންތަކެއްގެ ފަރާތުން ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރައީސްގެ ލޯންޗްކޮޅަށް ދިން ހަމަލާއަކީ ވެސް ވެރިކަމުގެ ދެހިވެތިކަމުގައި ރައީސް އަވަހާރަ ކޮށްލަން ދިން ނާކާމިޔާބު ހަމަލާއެއް ކަމަށް ވިދާޅުވި އެވެ. ރޭ ފެނުނު އައިއީޑީ މާފަންނު ސްޓޭޑިއަމަށް ގެންގޮސް ސިފައިން ވަނީ އެ ނުގޮވާ ގޮތް ހަދައިފަ އެވެ. އުމަރު ވިދާޅުވީ ދިވެހި ދައުލަތަށް އަމާޒުކޮށް ދޭން ރާވާ މިފަދަ ހަމަލާތަކަކީ އެއްގޮތަކަށް ވެސް ސިޔާސީ ގޮތުން ދެވޭ ހަމަލާއެއް ނޫން ކަމަށެވެ. "މިއީ އެއްވެސް އިންތިހާބަކާ ނުލައި ވެރިކަން ހޯދުމުގެ ބޭނުމުގައި ކުރިން ވެސް ކުރެވުނު މަސައްކަތަށް އިތުރުކޮށްލެވުނު ބޮޅެއް،" މިނިސްޓަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ މިފަދަ ނުރައްކާތެރި ހަމަލާތައް ރާއްޖޭގައި ދޭން ބަޔަކު މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ދިވެހި ފުލުހުންނާއި ސިފައިންނާއި ތިބީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގެ އަޒުމުގައި ކަމަށެވެ. އަދި އެ މަސައްކަތަށް އެއްވެސް ހީނަރު ކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ