މަދަނީ އަބްދުﷲ އަދާލަތަށް ސޮއިކުރައްވައިފި

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) އަދާލަތު ޕާޓީއަށް ސޮއިކުރައްވައިފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން އަބްދުﷲ ވިދާޅުވީ އޭނާ އަދާލަތު ޕާޓީއަށް ސޮއިކުރެއްވީ ޕާޓީއަކާ ނުގުޅި ސިޔާސީ ގޮތުން ކުރިއަށް ދެވެން ނެތުމުން ކަމަށެވެ.
"އަޅުގަނޑު މިހާތަނަށް ވެސް މިހުރީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަދެ. ނަމަވެސް ސިޔާސީ ގޮތުން ކުރިއަށް ދިއުމުގެ އުއްމީދުތަކެއް އަޅުގަނޑު އެބަހުރި. އެކަމެއް ނެތް މިއަދު ޕާޓީއަކަށް ނުވަދެ ކުރެވޭކަށް. އެހެންވެ އަދާލަތު ޕާޓީއަށް މިވަނީ" އަބްދުﷲ ވިދާޅުވި އެވެ.
އަބްދުﷲ މިއަދު އަދާލަތު ޕާޓީއަށް ސޮއިކުރައްވާފައިވާއިރު، އަދާލަތު ޕާޓީން މިއަދު ބުނީ އެޕާޓީގެ ޓިކެޓުގައި ނޮޅިވަރަމް ދާއިރާއަށް ބޭފުޅަކު ކުރިމަތިލައްވާނެ ކަމަށާއި ނަމަވެސް އަދި މިދާއިރާގެ ޓިކެޓް އެއްވެސް ބޭފުޅަކަށް ދީފައި ނުވާނެ ކަމަށެވެ.
އަބްދުﷲ ވިދާޅުވީ މަޖިލިސް އިންތިހާބަށް އޭނާ ނިކުންނަވާނީ އަދާލަތު ޕާޓީގެ ޓިކެޓުގައި ނޮޅިވަރަމް ދާއިރާއަށް ކަމަށާއި އަދި ޓިކެޓް ލިބިފައި ނުވާ ކަމަށެވެ.
"ނަމަވެސް އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް އަދާލަތުގެ ޓިކެޓް ލިބޭނެ ކަމަށް. އަޅުގަނޑު އެމަސައްކަތް ކުރަމުން މިދަނީ" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޮޅިވަރަމް ދާއިރާގައި ހިމެނޭ ރަށްތަކުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ދާއިރާގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުންތަކުން އެނގިގެންގޮސްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ކަންކަން މިހާރުވެސް ހަމަޖައްސައިދީފައިވާނެ ކަމަށާއި، އަދި އިތުރަށް ހައްލުކުރަންޖެހޭ ކަންކަން ހައްލުކޮށްދިނުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް އަބްދުﷲ ވިދާޅުވި އެވެ.
ނޮޅިވަރަމް ދާއިރާއަކީ ސަރުކާރު ކޯލީޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވާދަކުރާ ދާއިރާ އެކެވެ. އެޕާޓީން ނޮޅިވަރަމް ދާއިރާއަށް ވާދަކުރައްވަނީ ނޮޅިވަރަމަށް ނިސްބަތްވާ ހުސައިން އަރީފު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ