ކޯލިޝަން ވެރިކަމުގައި, ރައްޔިތުން އެދި އެދި ތިބި ބަދަލު ގެނެސްދޭނަން: ފައިސަލް

މިއަހަރުގެ ރިޔާސީ އިންތިޚާބު ގުޅިފައިވާ ކޯލިޝަނުން ކާމިޔާބުކުރުމަށްފަހު ރައްޔިތުން އެދިއެދި ތިބި ހެޔޮ ބަދަލު ގެނެސްދެއްވައި އެކަން ރައްޔިތުންނަށް ދައްކަވާނެ ކަމަށް ވިދާޅުވެ ރަނިންމޭޓް ފައިޞަލް ނަސީމް ވައުދުވެ ވަޑައިގެންފިއެވެ.
ރަނިންމޭޓް ފައިސަލް މިގޮތަށް ވިދާޅުވެ ވައުދުވެވަޑައިގަތީ އިދިކޮޅު ކޯލިޝަނުން އައްޑޫއަތޮޅާއި ފުވައްމުލަކަށް ފަށާފައިވާ ކެމްޕޭނުގެ ދަތުރުފުޅުގައި ރިޔާސީކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހާއެކު ފައިސަލް ނިސްބަތްވާ ފުވައްމުލަކަށް ވަޑައިގެން އެދެބޭފުޅުންނަށް މަރުހަބާދެންނެވުމަށް އެއްވެފައިތިބި ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުންނެވެ.
ފައިސަލް ވިދާޅުވީ މަރުހަބާ ދެންނެވުމަށް ގޮސް ތިބި މީހުންގެ އަދަދަށް ބެއްލެވުމުން ވެސް ފުވައްމުލަކުގެ 80 އިންސައްތަ ރައްޔިތުން ތިބީ ކޯލިޝަނާއިއެކުގައިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގެންފި ކަމަށެވެ. އަދި ވިދާޅުވީ މުޅި ރާއްޖެއަށް ބެލި ނަމަވެސް 80 އިންސައްތަ ރައްޔިތުން ތިބީ އިސްލާޙަށް އެދިގެން ކަމަށާއި ރައްޔިތުން ބޭނުންވެގެން ތިބި އިޞްލާޙް ކޯލިޝަނުގެ ވެރިކަން ފެށުމާއިއެކު ގެނެސް ދެއްވާނެ ކަމަށެވެ.
"ފުވައްމުލަކަކީ އަޅުގަނޑުވެސް ނިޞްބަތްވާ ރަށް. މިރަށަށް ބޭނުންވާ ކަންކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. އެހުރިހާ ކަންކަން އަޅުގަނޑުމެން ކޮށްދޭނަން. (މިހާރުހެން) ހޮސްޕިޓަލަށް ވަނުމަށްފަހު ޚިދުމަތް ނުލިބި މާޔޫސްވެގެން ނުކުންނާކަށް ނުޖެހޭނެ" ކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ.
އިއްތިހާދުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވިދަޅުވީ އިރާދަފުޅާއެކު ފުވައްމުލަކުންވެސް މިއޮތީ ވައްކަމާއި އަނިޔާވެރިކާމައި ކޮރަޕްޝަނާ ދެކޮޅަށް ކެރިންގެން ނޫނެކޭ ބުނަން ކަމަށެވެ.
މިއަދު ހަވީރު އެ ދެ ބޭފުޅުން ފުވައްމުލަކަށް ވަޑައިގެންނެވުމުން އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކުވަނީ މަރުހަބާ ދަންނަވާފައެވެ. ފުވައްމުލަކުން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައަޅާފައިވާ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ވެސް ވަނީ ފުވައްމުލަކުން އެބޭފުޅުންނާ ގުޅިވަޑައިގެންފައެވެ.
އިބޫއާއި ފައިސަލު ފުވައްމުލަކަށް ވަޑައިގެންފައިވަނީ އައްޑުސިޓީގެ ބައެއް ރަށްރަށުގައި ޑޯ ޓު ޑޯ ކެމްޕޭންގައި އުޅުއްވުމަށްފަހުއެވެ. އިންތިހާބަށް ބާކީ 74 ދުވަހަށް ވެފައިވާ އިރު ރާއްޖޭގެ ހުރިހާ ރަށްރަށަށް ވެސް ކެމްޕޭނަށްދާ ގޮތަށް އިދިކޮޅު ފަރާތްތަކުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ