ޝަހީދު ޖުޑިޝަރީއާ ދުރަށް! ނަން އަނބުރާ ނަގަން ހުށަހަޅުއްވައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖޭއެސްސީން ނިންމާފައިވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދުގެ ނަން އަނބުރާ ނަގައި ދިނުމަށް އެދިވަޑައިގެން އޭނާ ޖޭއެސްސީ އަށް މިއަދު ހުށަހަޅުއްވައިފި އެވެ.ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު ހައި ކޯޓަށް އައްޔަން ކުރަން، ރައީސް މުހައްމަދު މުއިއްޒުގެ ކޮންޓްރޯލް އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މުހައްމަދު ޝަހީދު އައްޔަންކުރަން ހުއްޓުވަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ވަނީ  ބަލައިގެންފަ އެވެ. ކޯޓުން މައްސަލަ ބަލައިގަތް އިރު، ޝަހީދު އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިރެ އެވެ. ސިޔާސީ މަސއްކަތުގައި އުޅުއްވަމުން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަކަށް ޝަހީދު އައްޔަނު ކުރާތީ ގިނަބަޔަކު އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުން ނެވެ. އެކަމަާއި ގުޅިގެން ޖޭއެސްސީ އަށް ފޮނުއްވި ސިޓީގައި ޝަހީދު ވިދާޅުވީ، އޭނާގެ އެޕްލިކޭޝަން ބާތިލް ކޮށްދިނުމަށް އެދިވަޑައިގަތީ، އޭނާއަކީ މިހާރު ވެސް ސިޔާސީ ބޭފުޅެއް ކަމަށް ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ."ދިވެހި ގައުމަށްޓަކައި އަދި ޖުޑިޝަރީގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް މިއީ. އަޅުގަނޑު ސިޔާސީ މަގާމެއްގައި ހުއްޓަސް އެ މަގާމުން އިސްތިއުފާ ދީފައި މި ކަމާ ކުރިމަތިލީ ވެސް ސިޔާސީ ކަންކަމާ ދުރުވުމަށްޓަކައި،" ޝަހީދު ވިދާޅުވި އެވެ.ޝަހީދު ވަނީ ހައި ކޯޓަށް އޭނާ އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރަން މިރޭ ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވެސް ޖޭއެސްސީ އަށް އަންގަވައިފަ އެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ޝަހީދު ވިދާޅުވި އެވެ. ޖުލައި މަހާ ހަމައަށް ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުރި ޝަހީދަކީ ޕީޕީއެމް އަދި ޕީއެންސީގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ، ޕޯޑިއަމްތަކުގައި ވާހަކަ ދައްކައި، ޕާޓީގެ ކަންކަމުގައި ވަރަށް ގިނައިން އުޅުނު މީހެކެވެ. ޕީއެންސީގެ ދަފުތަރުގައި މިހާރު ވެސް އޭނާގެ ނަން އެބަ އޮތެވެ.މިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ހުސްނުއްސުއޫދު ވަކި ކުރިއިރު މި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ ސުއޫދަކީ ކުރިން އެމްޑީޕީގައި އުޅުއްވި ބޭފުޅެއް ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާފައިވާ ބޭފުޅުން ފަނޑިޔާރުންގެ މަގާމުގައި ތިބެގެން ނުވާނެ ކަމަށް މި ސަރުކާރުގެ އިސް ބޭފުޅުން އޭރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ