މޮރީނިއޯ އަންގައިގެން ފެނަބާޗޭ އިން ސަންޗޯގެ ޑީލުން ބޭރުވެއްޖެ މޮރީނިއޯ އަންގައިގެން ފެނަބާޗޭ އިން ސަންޗޯގެ ޑީލުން ބޭރުވެއްޖެ

އިސްތަންބޫލް، ތުރުކީ (ޖޫން 28) - ފެނަބާޗޭގެ ކޯޗު ހޯސޭ މޮރީނިއޯ އަންގައިގެން އެ ކްލަބުން މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް، ޖޭޑަން ސަންޗޯ ގަންނަން ކުރި މަޝްވަރާތައް ހުއްޓާލައިފި އެވެ.
މީގެ ހަތަރު އަހަރު ކުރިން، 90 މިލިއަން ޑޮލަރަށް، ޔުނައިޓެޑަށް ބަދަލުވި ސަންޗޯ، ފާއިތުވި ދެ ސީޒަނުގައި ވެސް ލޯނަކަށް ވަނީ ދޫކޮށްލައިފަ އެވެ. އެެ ގޮތުން، މިދިޔަ ސީޒަނުގައި ޗެލްސީ އަށް ކުޅުނުއިރު، އޭގެ ކުރިން ސީޒަނުގައި ކުޅުނީ ސަންޗޯ ކުރިން ވެސް ކުޅެފައިވާ ބޮރޫޝިއާ ޑޯޓްމަންޑަށެވެ. ޗެލްސީން ވަނީ ސަންޗޯގެ އެއްބަސްވުން ދާއިމީ ކުރަން ޔުނައިޓެޑާ އެކު، ހަދާފައިވާ އެއްބަސްވުން އުވާލަން 5-7 މިލިއަން ޑޮލަރު ވެސް ދައްކައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ސަންޗޯގެ ސޮއި ހޯދަން ޔުވެންޓަސް، ނަޕޯލީ، ފެނަބާޗޭ އަދި އެތުލެޓިކް ބިލްބާއޯ އިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. މީގެ ތެރެއިން ޔުވެންޓަސް އިން ހުށަހަޅާފައި އޮތީ ސަންޗޯ ހޯދަން ދެ ޕްރޮޕޯސަލެކެވެ. އެއީ، 60 މިލިއަން ޑޮލަރުގެ ބިޑެއް ނޫނީ، ޔުވެންޓަސްގެ ޑޫސާން ވްލާހޮވިޗް އާއިި ޑަގްލަސް ލުއީސްގެ ތެރެއިން ކުޅުންތެރިއެއްގެ އިތުރުން ދެ ޓީމަށް އެެއްބަސްވެވޭ ފީއެއް ހިމެނުމަށެވެ. އަދި، ސަންޗޯ ގެންނަން، އެއްވެސް ޓްރާންސްފާ ފީއެއް ނުހިމަނައި، ވްލާހޮވިޗާއި ޑަގްލަސް ލުއިސް ދޭން ވެސް ޔުވެންޓަސް އިން ތައްޔާރެވެ.
ފެނަބާޗޭ އިން ސަންޗޯ ހޯދަން ކުރި މަސައްކަތުގައި އެންމެ ބޮޑަށް ބާރު އެޅީ މޮރީނިއޯ އެވެ. އެކަމަކު، ސަންޗޯ އަށް ދޭން ޖެހޭ މުސާރަ ބޮޑުވުމާއި ފާއިތުވި ސީޒަންތަކުގައި އޭނާ އަށް ރަނގަޅު ލެވަލްގައި ކުޅެވުނު މެޗުތަކަށް ބެލުމަށް ފަހު، މޮރީނިއޯ ވަނީ އެ ޑީލް ކުރިއަށް ނުގެންދަން ފެނަބާޗޭގެ މެނޭޖްމަންޓަށް އަންގައިފަ އެވެ.
ކުރިއަށް އޮތް ހަފްތާ ތެރޭ ޔުނައިޓެޑުން ޕްރީ ސީޒަން ޓުއާ ފެށުމުގެ ކުރިން ސަންޗޯގެ ޑީލާ މެދު ގޮތެއް ނިންމަން، ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ