ރަޝިޔާއިން ޔޫކްރެއިންގައި ކެމިކަލް ހަތިޔާރު ބޭނުން ކުރާ ކަމުގެ ތުހުމަތު

ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިންގެ ސިފައިންނާ ދެކޮޅަށް މަނާ ކޮށްފައިވާ ނުރައްކާތެރި ކެމިކަލް ހަތިޔާރުތައް ބޭނުން ކުރަމުންދާ ކަމުގައި އެމެރިކާއިން ތުހުމަތު ކޮށްފިއެވެ. އެމެރިކާއިން ބުނީ, ޔޫކްރެއިންގެ ފައުޖުތަކާ ދެކޮޅަށް ނުރައްކާތެރި ކެމިކަލް ހަތިޔާރެއް ކަމުގައިވާ 'ކްލޮރޮޕިކްރިން' ބޭނުން ކުރަމުންދާ ކަމުގައެވެ.އިންސާނުން ނޭވާހާސްކޮށްލުމަށް ބޭނުން ކުރެވިދާނެ އެ ކެމިކަލަކީ ހަނގުރާމައިގެ މައިދާނުގައި ބޭނުން ކުރުން މަނާ ކޮށްފައިވާ ނުރައްކާތެރި ހަތިޔާރެކެވެ. ކްލޮރޮޕިކްރިންގެ އިތުރުން, މުޒާހަރާތައް ރޫޅައިލުމަށް ބޭނުން ކުރާ ނުރައްކާތެރި ހަތިޔާރު ޔޫކްރެއިންގެ ފައުޖުތަކާ ދެކޮޅަށް ރަޝިޔާއިން ބޭނުން ކުރަމުންދާ ކަމުގައި ވެސް އެމެރިކާއިން ތުހުމަތު ކުރެއެވެ."މި ފަދަ ހަތިޔާރު ބޭނުން ކުރުމަކީ ރަޝިޔާއިން އަލަށް ކުރާ ކަމެއް ނޫން. ރަޝިޔާއިން މި ފަދަ ހަތިޔާރު ބޭނުން ކުރަމުން ދަނީ, ޔޫކްރެއިންގެ ސިފައިންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުން އެ މީހުން ފައްސައިލުމަށް ބޭނުން ކުރާ އުކުޅެއްގެ ގޮތުން،" އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. އެމެރިކާއިން ވަނީ, ރަޝިޔާގައި ކެމިކަލް ހަތިޔާރު އުފައްދާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އޮކިޔުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީން ބުނީ, ކްލޮރޮޕިކްރިނަކީ ފުރަތަމަ ބޮޑު ހަނގުރާމައިގައި ފުޅާ ދާއިރާއެއްގައި ބޭނުން ކޮށްފައިވާ ނުރައްކާތެރި ހަތިޔާރެއް ކަމުގައެވެ. އެއީ, މިހާރު ދަނޑުވެރިކަމުގައި ބޭނުން ކުރަމުންދާ މާއްދާއެއް ނަމަވެސް, އެއީ 1993 ވަނަ އަހަރުގެ ކެމިކަލް ހަތިޔާރާ ބެހޭ މުއާހަދާގެ ދަށުން ހަނގުރާމައިގެ މައިދާނުގައި ބޭނުން ކުރުން މަނާ ކޮށްފައިވާ ކެމިކަލެކެވެ.ޔޫކްރެއިންގެ ފައުޖުތަކާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުން ކުރާ ކަމަށް އެމެރިކާއިން ކުރާ ތުހުމަތުތައް ރަޝިޔާއިން ދޮގު ކުރެއެވެ. ރަޝިޔާއިން ބުނީ, އެ ޤައުމުގެ އަސްކަރިއްޔާގައި އެއްވެސް ނުރައްކާތެރި ކެމިކަލް ހަތިޔާރެއް ނުހުންނާނެ ކަމުގައެވެ. ނަމަވެސް އެމެރިކާއިން ބުނީ, ނުރައްކާތެރި ގޭސްތަކެއް ކަމުގައިވާ ސީއެސް އަދި ސީއެން ހުންނަ ބޮން ވެސް ރަޝިޔާގެ ފައުޖުން ޔޫކްރެއިންގައި ބޭނުން ކުރަމުންދާ ކަމުގައެވެ.
އެމެރިކާއިން ބުނާ ގޮތުގައި, ރަޝިޔާއިން ދާދި ފަހުން ނުރައްކާތެރި ކެމިކަލްތަކެއް ބޭނުން ކުރުމާ ގުޅިގެން ޔޫކްރެއިންގެ ސިފައިންގެ 500 މީހަކަށް އަސަރުކޮށް, ފަރުވާ ދޭން ޖެހުނެވެ. އަދި, އޭގެ ތެރެއިން އެކަކު މަރުވި ކަމުގައި ވެސް އެމެރިކާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ