ދައުލަތުގެ ހަރަދުގައި މިއަހަރު 50 ފަގީރުން ހައްޖަށް ފޮނުވަނީ

ދައުލަތުގެ ހަރަދުގައި މިއަހަރު ހައްޖަށް ފޮނުވުމަށް ހަމަޖެހިފައި ވަނީ 50 ފަގީރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ފަގީރުންގެ ހައްޖަށް ފޮނުވަކީ ރައީސް ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށެވެ.
އެގޮތުން ފަގީރުން ހައްޖަށް ފޮނުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި އަހަރު 50 ފަގީރުން ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެ 50 މީހުންނާ މުއާމަލާތު ކުރެވި އެމީހުން ދަތުރަށް ތައްޔާރު ކުރުމުގެ ކަންކަން ކުރެވެމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެ މީހުން އިހްތިޔާރުކޮށްފައި ވަނީ ކެބިނެޓުގެ ނިންމުމާ އެއްގޮތަށް ގުރުވަތު ލައިގެން ކަމަށް ވެސް ޝަހީމް ވިދާޅުވެފައެވެ. ގުރުއަތުން މީހުން ހޮވާލުމުން އެކަން ކުރިއަށް ގޮސްފައި ވަނޯ އެއްވެސް ނުފޫޒެއް ނެތި ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫއަކީ ރާއްޖެއަށް ލިބޭ ކޯޓާގެ އަދަދާ ގުޅުން ހުރި ކަމަކަށްވުމުން 50 މީހުން ގެންދަން ނިންމާފައި ވަނީ ކޯޓާގެ އަދަދަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ. އަދި އަންނަ އަހަރު ހައްޖަށް ފޮނުވޭ މީހުންގެ އަދަދު މިއަށްވުރެ އިތުރު ވެދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
5 އަހަރު ތެރޭގައި 1،000 މީހުން ހައްޖަށް ފޮނުވުމަކީ ރައީސްގެ އަމާޒެއް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި ހައްޖު ކޯޓާ އިތުރު ކުރުމަށް ރައީސް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ކޯޓާގެ ދިނުމުގެ ކަންކަން ސައުދީ އަރަބިއްޔާއިން ކުރަމުން ދަނީ ވަކި ނިޒާމެއްގެ ދަށުންކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ ކޯޓާ ދޫކުރަމުން ދަނީ އެކޮމޮޑޭޓް ކުރެވޭ އަދަދުތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި ގައުމުތަކަށް ދީފައިވާ އަދަދަށް ކޯޓާ ބޭނުން ނުކުރާކަން އެނގެނީ ހައްޖު ގާތްވުމުން ކަމަށާއި، އެކަން އެނގުމުން އެ ކޯޓާތައް ދިނުމުގައި ދިވެހިރާއްޖެއަށް އިސްކަންދޭނެ ކަމަށް ސައުދީއިން ބުނެފައިވާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ޝަހީމް އިތުރަށް ވިދާޅުވި ކޯޓާ އިތުރުވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި ހައްޖާ ބެހޭ ކަންތައްތައް ހަރުދަނާ ކުރުމާއި ހައްޖުގެ އަގު ކުޑަ ކުރުމުގެ ކަންކަން ވެސް ކުރިއަށްދާ ކަމަށެވެ.
ވެރިކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، ދައުރުގެ ތެރޭ ސަރުކާރުގެ ހަރަދުގައި 1،000 ފަގީރުން ހައްޖަށް ފޮނުއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ