ސިއްހީ ހިދުމަތްތެރިންގެ އިތުބާރު ގެއްލޭގޮތަށް ވާހަކަ ނުފަތުރަން މެޑިކަލް އެސޯސިއޭޝަނުން އެދިއްޖެ

ސިއްހީ ދާއިރާގެ ހިދުމަތްތަކާ މެދު އިތުބާރު ގެއްލޭގޮތަށް ވާހަކަ ފަތުރަމުންދާ ކަމަށް ބުނެ އެކަން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ކުށްވެރިކޮށްފިއެވެ.
އެ އެސޯސިއޭޝަނުން މިހެން ބުނެފައިވަނީ އައިޖީއެމްއެޗްގައި ވިހެއި ތުއްތުކުއްޖަކަށް އެކަށީގެންނުވާ ގޮތަށް ސިއްހީ ފަރުވާ ދިނުމަށް މަސައްކަތް ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެނެވެ.
މެޑިކަލް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނަށް ހާއްސަކޮށް ޑޮކްޓަރުންނަށް އަމާޒުކޮށްގެން ސިއްހީ ހިދުމަތްތެރިންގެ އަގުހުރި ހިދުމަތުގެ އަގު ވެއްޓި ސިއްހީ ދާއިރާއިން ހިދުމަތްތަކާ މެދު އިތުބާރު ގެއްލޭގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރައި ފޮޓޯ އާއްމުކުރުން ފަދަ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"ކަމުގެ ހަގީގަތާއި ފުރިހަމަ މައުލޫމާތު ނޭނގި އެފަދަ ވާހަކަތައް މުޖުތަމައުގެ ތެރޭގައި ފެތުރުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ސިއްހީ ހިދުމަތަށް ބޭނުންވެފައިވާ އާންމު ރައްޔިތުންނަށް. އެގޮތުން މިފަދައިން އަމަލުކޮށް ސިއްހީ މުޅި ނިޒާމަށް އޮތް އިތުބާރު ގެއްލުވާލުމަކީ ކުރަން ނުޖެހޭ އެތައް ހޭދައެއްކޮށް ތަކުލީފުތައް އުފުލައިގެން ރާއްޖެއިން ލިބެން ހުންނަ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ސަގާފަތް ދިރުވޭ ކަމެއް." އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.
ސިއްހީ ހިދުމަތްތެރިން ރާއްޖޭގައި މަސައްކަތް ކުރަމުން ދަނީ އެކި ކަހަލަ ގިނަގުނަ ގޮންޖެހުންތަކާއެކު ކަމަށާއި އެފަދަ އަމަލުތަކުގެ ސަބަބުން އެފަރާތްތަކުގެ ހިތްތަކުގައި އިތުރަށް މާޔޫސްކަން އުފެދި ރަނގަޅު ޕްރޮފެޝަނަލް ހިދުމަތްތެރިން ހިދުމަތުގައި ދެމެހެއްޓުމުގައި އިތުރު ދަތިތަކާ ދިމާވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ