މެޓް އޮފީހުގެ މޫސުން ބަލާ ރާޑަރު ހަތް އަހަރަށްފަހު މަރާމާތުކޮށްފި
ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މިޓްރޮލޮޖިކަލް ސެންޓާ (މެޓް)ގައި ބޭނުން ކުރަމުން އަންނަ ރާޑަރު ހަލާކުވެފައި ހުންނަތާ ހަތް އަހަރުފަހުން އެ ރާޑަރު މަރާމާތުކޮށް ބޭނުން ކުރަން ފަށައިފި އެވެ. މެޓް އޮފީހުގައި ބޭނުން ކުރާ ރާޑަރު ބަހައްޓާފައި ހުންނަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގަ އެވެ. އެއީ ދުނިޔޭގެ ބޮޑެތި މޫސުމާބެހޭ އިދާރާތަކުގައި ވެސް ބޭނުންކުރަމުން އަންނަ "ޑޮޕްލާ ވެދާ ރާޑާ" އެކެވެ. ރާއްޖެ ސަރަހައްދުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން އޭގެ ރާޑަރެއް ހަމައެކަނި ހުންނަނީ ރާއްޖޭގަ އެވެ. އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހިމް ވިދާޅުވީ، އެ ރާޑަރު ހަރުކޮށް އަށްވަރަކަށް އަހަރު ވެފައިވާ އިރު، ވޭތުވެދިޔަ ހަތްވަރަކަށް އަހަރު އެ ރާޑަރު ހުރީ ހަލާކުވެފައި ކަމަށާއި އޭގެ ފުރިހަމަ ބޭނުން ނުހިފޭ ކަމަށެވެ. ނަމަވެސް މިހާރު 10.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ރާޑަރު ހަދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޑޮޕްލާ ވެދާ ރާޑަރެއް "ރާޑާ ހަރުކުރެވުނު ފަހުން ކުޑަދުވަސްކޮޅެއް ނުވެ އެ ހަލާކުވެގެން ރާޑަރު އެއްގޮތަކަށް ވެސް ބޭނުމެއް ނުކުރެވޭ. އެހެން ނަމަވެސް އަޅުގަނޑުމެން މިވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި މަސައްކަތްކޮށްގެން ރާޑާއަށް ބޭނުންވާ މުހިންމު ބައިތައް އިތުރުކޮށްގެން ރާޑާ މަރާމާތު ކުރުމުގެ މަސައްކަތް މިހާރު މިވަނީ 10.3 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ރާޑާ ހިންގޭ ހިސާބަށް ގެންގޮއްސަ،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މި މަސް ނިމޭއިރު ނުވަތަ ޑިސެމްބަރު މަހުގެ ކުރީކޮޅު ފައިނަލް ޓެސްޓިންގެ ކަންކަން ނިންމައި ރާޑާ ބޭނުންކުރަން ފެށޭނެ ކަމަށެވެ. އޭގެ ސަބަބުން މޫސުމާބެހޭ އެންމެ ފުރިހަމަ މައުލޫމާތުތައް ފަސޭހަކަމާ އަވަސްކަމާ އެކު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް ވެސް މިނިސްޓަރު ޠާރިގް ވިދާޅުވި އެވެ. އާންމުކޮށް ބޭނުންކުރާ ރާޑަރުތަކުން ވިލާތައް ދެއްކި ނަމަވެސް، ޑޮތްލާ ވެދާ ރާޑަރުން އެކި ސައިޒުގެ ވިލާތައް ދެނެގަނެވެ އެވެ. އެގޮތުން ކުޑަކޮށް ވިއްސާރަ ކުރާނެ ވިލާތަކާއި، ބޯކޮށް ވިއްސާރަ ކުރާނެ ވިލާތައް އަދި ފްލައިޓްތައް ފަދަ ތަކެތި ވަދެގެން ނުވާނެ ވިލާގަނޑުތައް ފަސޭހައިން ދެނެގަނެވޭނެ އެވެ. އޭގެ އިތުރުން ވާރޭގެ ބޯމިނާއި، ވައި އަންނާނެ ވަރާއި ވިލާގަނޑު ދަތުރުކުރާ ބާރުމިން މިހާރު ބޭނުންކުރާ ވަސީލަތްތަކަށްވުރެ ފަސޭހައިން އަވަހަށް ދެނެގަނެވޭނެ އެވެ. މީގެކުރިން ރާޑަރު ހަލާކުވެފައި ހުރި އިރު މެޓް އޮފީހުން މޫސުން ބަލަމުން އައީ ނާސާގެ ސެޓަލައިޓެއް މެދުވެރިކޮށެވެ. ނަމަވެސް ރާޑަރުގެ ސަބަބުން އެކަމަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ