ގެއްލުންވާ ގޮތަށް ކުރާ ކަންކަން އަބަދު ވެސް ބަލާނެ

ފެނަކަ ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ކުރާ ކަންކަން އަބަދު ވެސް ބަލަމުން އަންނަ ކަމަށާއި މިހާރު ވެސް އެފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަމުން އަންމަ ކަމަށް އެ ކުންފުނުން ބުނެފި އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި ފެނަކަ އިން މިއަދު ބުނީ ކުންފުނިން ދެމުންގެ އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހެދިފައި ހުރި އުޞޫލުތަކާ ޙިލާފަށް ކުންފުންޏަށް ގެއްލުންވާ ގޮތަށް ޢަމަލުކުރާ މައްސަލަތަކަކީ އަބަދުވެސް ހާއްސަ ކަމެއް ދީގެން ބަލަމުން އަންނަ މައްސަލަތަކެއް ކަމަށެވެ. އަދި މައްސަލަތައް ބަލައި އުސޫލުގެ ތެރެއިން މިހާރު ވެސް އަންނަނީ ފިޔަވަޅު އަޅަމުން ކަމަށް ބުންޏެވެ.
"އަދި މިގޮތަށް މިކަން ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކަށް ބުރު ނާރާނެ ގޮތްތައް ހޯދާ، ހިދުމަތް މެދު ނުކެނޑި ދިނުން ކަމުގައި ފާހަގަކުރަން." ފެނަކަ އިން ބުންޏެވެ.
ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ސަރުކާރާ ހަވާލުވި ދަރަނީގެ މައްސަލަތައް އިންތިހާ އަށް ބޮޑު، އަދި ބޭކާރު އެތައް މުވައްޒަފުންތަކަކާ ހާލަތު އެންމެ ދަށް ކުންފުންޏަކީ ފެނަކަ އެވެ. އެހެންވެ ކުންފުނީގެ މިހާރު މެނޭޖްމަންޓުން އަންނަނީ ކުރީގެ ފެނަކައިގެ ހާލަތު ރަނގަޅު ކުރަން ގިނަ ފިޔަވަޅުތަކެއް އަޅަމުން ކަމަށް ބުނެފައިވެ އެވެ.
އެގޮތުން ސިޔާސީ ބޭނުމަށް ނަގާފައިވާ ގިނަ އަދަދެއްގެ މުވައްޒަފުން ދޫކޮށްލުމާއި ހާލަތު ވަރަށް ގޯސްކޮށް ހުރި ރާއްޖޭގެ އެކި ހިސާބުތަކުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅު ކުރުމުގެ އިތުރުން ކުރީގެ މެނޭޖްމަންޓުން ހިންގާފައިވާ ހިޔާނާތް އޭސީސީ އަށް ހުށަހަޅައިގެން ބެލުން ފަދަ ކަންކަން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ