ދަރިން ބެލުމުގައި މަންމަ އާއި ބައްޕަގެ ދައުރަކީ ހަމަހަމަ ދައުރެކެވެ. އެހެނަސް ކަންކަން ރޭވި ހިނގަމުންދާގޮތަށް ބަލާއިރު ދަރިން ތަރުބިއްޔަތުކުރުމުގައި މައިން އަދާކުރާ ދައުރުމާބޮޑެވެ. ސަބަބަކީ ދަރިން ތަރުބިއްޔަތުކުރުމުގައި ޢަމަލީ ގޮތުން ބޮޑުބައި އަދާކުރަނީ މައިންކަމަށްވެފައި ދަރިންގެ ޚިދުމަތުގައި އަބަދުހެން ތިބެނީ މައިން ކަމުގައިވާތީއެވެ.
ހެޔޮލަފާ ބައްޕައިންނަށް ބެލިކަމުގައިވީނަމަވެސް ޢާންމުގޮތެއްގައި ބައްޕައިންނަކީ އަވަދިނެތި މަސައްކަތުގައި އުޅޭބައެކެވެ. އަނބިދަރިންނަށް ޚަރަދުކުރާނެ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައެވެ. އެހެންކަމުން ގިނަ ވަޤުތު ދަރިންނާއިއެކުގައި ހޭދަކުރަންޖެހެނީ މައިންނަށެވެ.
ބޭނުމަކީ ދަރިން ތަރުބިއްޔަތުކުރުމުގައި ދެމީހުންގެ ދައުރު އަޅައިކިޔުމެއް ނޫނެވެ. ބޭނުންވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންނަށް އަދާކުރަންޖެހޭ ދައުރު އަދާކުރެވޭނެ މަގު ފަހިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރުމެވެ. ދެމަފިރިންގެ މައްސަލަތަކުގެ ސަބަބުން އިތުރު ކަންކަމަށް ވިސްނަން މައިންނަށް ނުޖައްސައި މައިންގެ ވިސްނުން
މައިންކަމުގައިވީނަމަވެސް އަދި ކޮންމެ މީހަކު ކަމުގައިވީނަމަވެސް ކުރަންޖެހޭ ކަންކަމަށް ދޭންޖެހޭ ސަމާލުކަންދީގެން ރަނގަޅަށް ކުރެވޭނީ އެމީހެއްގެ ސިކނޑިއަށް ލުއިލިބިގެންނެވެ. އިތުރު ކަންކަމަށް ވިސްނަން ނުޖެހުމުންނެވެ. ވީމާ ދަރިންގެ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ދެވޭނެ ގޮތަކަށް މައިންގެ ވިސްނުން މައްސަލަތަކުން "ފްރީ"ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
ދަރިން ލިބުމުން އަމިއްލަ އުފާތައް އެކަހެރިކޮށްފައިވެސް ދަރިންނަށް ދޭންޖެހޭ ސަމާލުކަންދެމާހިނގާށެވެ. ދަރިން ލިބުމުން ވަރިކޮށްލާފައި ޚަރަދުގެ ގޮތުގައި މަދު ރުފިޔާކޮޅެއްދިނުމުން މައިން ތިބެނީ ސިކުނޑި ސުމަކަށް ގޮސްފައެވެ. އެންމެ ދެރަކަމަކީ ވަރިކުރުމަށްފަހު ޚަރަދުގެ ގޮތުގައި ދޭންޖެހޭ އެ މަދު ފައިސާކޮޅުވެސް ގިނަ ބައަކު ނުދޭކަމެވެ.
އެކަނިވެރިކަމާއެކު ދަރިން ބަލާއިރު އެއްދަރި ބޭރަށް ދިއުމުން އެދަރި ހޯދަން ނުކުންނަން ޖެހުމުން ދެންތިބި ދަރިންކޮޅު ގޭގައި ތިބެނީ އެކަނިވެފައެވެ. މިފަދަ އެތައް މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ.
އެއްވެސް ޝައްކެއް ނެތެވެ. "އިސްލާމް ދީނުގައި އުފެދުނު އެންމެ ބޮޑެތި މުޙައްދިޘުންނާއި ޢިލްމުވެރިން އުފެއްދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރައްވާފައިވަނީ އެބޭކަލުންގެ ހިތްވަރުގަދަ މައިންނެވެ."
ވީމާ ތިމާގެ ދަރިފުޅަކީ ޢިލްމުވެރި، ހުނަރުވެރި ދަރިއަކަށް ހަދަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށްވެސް އެކަމުގައި ދަރިންގެ މައިމީހާއަށް އެހީތެރިވާށެވެ. މައިން ނިކަމެތި ނުކުރާށެވެ!
ތިމާއަށް ލިބިފަތިބި ދަރިން ރަނގަޅު ގޮތުގަ ތަރުބިއްޔަތުކުރަން ބޭނުންވާނަމަ އެޒިންމާ އުފުލަން ތިބި މައިންނަށް ހެޔޮކޮށް ހިތައި އަނިޔާތަކުން ސަލާމަތްކޮށްފަ ބައިތިއްބާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ