ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމުގެ އުސޫލުތަކާ ޚިލާފުވުމުން ސުޕްރީމް ކޯޓުގެ އެސްޖީ މަގާމުން ވަކިކޮށްފި

ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމުގެ އުސޫލުތަކާ ހިލާފުވުމާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވުމުން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް މިއަދު މަގާމުން ވަކިކޮށްފިއެވެ. ފާއިޒް މަގާމުން ވަކިކުރުމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ނެރުނު ބަޔާނެއްގައި ވަނީ، އެ ޑިޕާޓްމަންޓުން ކުރި ތަހުގީގުގައި އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންކަން ސާބިތުވެފައި ވާކަމަށެވެ. އެގޮތުން، ސުޕްރީމް ކޯޓުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ކަމަށް ވިދާޅުވެ، ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފާރަލެވޭ ގޮތަށް ކޯޓުގެ އެތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ނިންމަވައި އެކަން އޭނާ ތަންފީޒު ކުރެއްވި ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެ ކެމެރާތަކުގެ ލައިވް ފީޑް އޭނާގެ ކޮޓަރިއަށް ލިބޭ ގޮތް ހަދާ އޭގެ ބޭނުން ކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައި ވާކަމަށް އެ ބަޔާނުގައިވެއެވެ. ޑީޖޭއޭގެ ބަޔާނުގައި ވަނީ، ކެމެރާ އެޅުމުގެ މަސައްކަތަށް ދެ ލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ޚަރަދުކޮށްފައިވާކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނާ ގޮތަށް ސްޓޭޓްމަންޓް އޮފް ރިކުޔަމަންޓް ތައްޔާރުނުކޮށް، ސެކިއުރިޓީ ބެލެހެއްޓުމުގެ މަގުސަދާ ހިލާފަށްކަން ބަޔާނުގައިވެއެވެ. "މި އަމަލު ކޮށްފައިވަނީ ޒިންމާދާރުކަން ކުޑަގޮތެއްގައި ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ އިސްވެރިޔާގެ ހައިސިއްޔަތުން އޭނާއަށް ކުރެވޭ އިތުބާރު މިހާރު ވަނީ ގެއްލިފައެވެ،" އެ ބަޔާނުގައިވެއެވެ. މީގެ އިތުރުން ފާއިޒް ވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައި ކަމަށް ޑީޖޭއޭއިން ވަނީ ބުނެފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމުގެ ގޮތުން އެ ކޯޓުގައި ހިނގަމުންދާ މައްސަލަތަކާ ގުޅިގެން ކޯޓުގެ މުވައްޒަފުން އަމަލުތައް ބަހައްޓަންވީ ގޮތާ ބެހޭ ގޮތުން ފަނޑިޔާރުން ދީފައިވާ އިރުޝާދުތަކާ ފާއިޒް ޚިލާފުވެފައިވާކަން ޑީޖޭއޭއިން ބެލިބެލުމުން ސާބިތުވެފައިވާ ކަމަށް އެ ޑިޕާޓްމެންޓުން ބުންޏެވެ. މި ސަބަބާހުރެ އޭނާގެ މައްޗަށް އޮތް އިތުބާރު ގެއްލުމުގެ އިތުރުން މި އަމަލަކީ ޝަރުއީ ދައިރާއާ ދޭތެރޭ އާންމުން ދެކޭގޮތް ކިލަނބުވާ ފަދަ އަމަލެއް ކަމަށް ދެކޭކަމަށް ޑީޖޭއޭއިން ބުނެފައިވެއެވެ. މި މައްސަލައިގެ ތަހުގީގުގެ މުއްދަތުގައި ފާއިޒް ހުންނެވީ މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް ސަސްޕެންޝަންގައެވެ. އޭނާ ސަސްޕެންޑްކުރީ މިދިޔަ މާޗްމަހުގެ 31ވަނަ ދުވަހުއެވެ. ފާއިޒް އެ މަގާމަށް އައްޔަން ކުރެއްވީ ޖެނުއަރީ 7، 2019 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ