އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް ޝަކީލް އައްޔަންކުރައްވައިފި

އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި, އަދި ވެރިކަން ކުރާ ޕީއެންސީގައި އިސްކޮށް އުޅުއްވި މުޙައްމަދު ޝަކީލް, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަކީލު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި ހުވާގެ އިގްރާރުގައި ސޮއިކުރައްވާފައެވެ. ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މުޙައްމަދު ސަލީމެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ޝަކީލާ ހަވާލުކޮށްދެއްވާފައެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރަން ފެންނަ ކަމަށް އިއްޔެ މަޖިލީހުގެ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ތެރެއިން 51 މެންބަރަކު ވޯޓުދެއްވިއިރު، ނުފެންނަ ކަމަށް ހަތް މެންބަރަކު ވޯޓުދެއްވިއެވެ. https://sun.mv/223761 ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ގައުމީ ބޭންކު ބީއެމްއެލްގައި ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވައި، އަދި އޭގެ ފަހުން އިލެކްޝަންސް ކޮމިޝަންގައި ވެސް ޑިރެކްޓަރު ޖެނެރަލްގެ މަގާމް ފުރުއްވި ޝަކީލް، އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރީ ޑިސެންބަރު ތިނެއް، 2014ގައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ މެއި ނުވައެއް، 2018ގައެވެ. އިލެކްޝަންސް ކޮމިޝަނުން ޝަކީލް އިސްތިއުފާދެއްވުމަށްފަހު ދެން އަދާކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ