މެމްބަރު ސިނާނު ސާބިތު ދަރަންޏެއް ނުދައްކާކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލައެއް!

ސާބިތު ދަރަންޏެއް ދައްކަމުން ނުދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާނުގެ ގޮނޑި  ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓުގައި އެދިފިއެވެ.
ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅާފައިވަނީ ސިނާން އާއި އެހެނިހެން ބަޔަކު ހިމެނޭހެން އެމްއައިބީން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ ނުދައްކާހުރި ފައިސާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާކަމަށް ބުނެއެވެ. އެ ކޯޓުން ހުކުމް ކޮށްފައިވަނީ ހަމަސް ދުވަހުގެ ތެރޭގައި ބާކީ ހުރި ފައިސާ ދެއްކުމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ ވަކީލެއްކަމަށްވާ ގާލިބު ސަލީމްއެވެ. މި މައްސަލަ ހުށައަޅާފައިވަނީ ގާނޫނުއަސާސީގައި މަޖިލީސް މެމްބަރުންނާއި ގުޅޭގޮތުން ހިމަނާފައިވާ މާއްދާއަކަށް ރިއާޔަތްކޮށެވެ. އެގޮތުން މެމްބަރެއްގެ ސާބިތު ދަރަންޏެއް އޮތްނަމަ ހުކުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާކަމަށްވާނަ މެމްބަރުކަމުން ވަކިވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ސިނާން ދައްކަން ޖެހޭ އަދަދަކީ 2.5 މިލިއަން ރުފިޔާކަމަށްވާއިރު މި ފައިސާ ހަމަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް އައްޑޫގެ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ