ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ސަރުކާރުގެ މުހިންމު ވައުދެއްކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ނެގި ރިފެރެންޑަމް ވޯޓުގެ ނަތީޖާއަށް ފަހު، ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތައް ގެނައުން ރައްޔިތުން ތާއީދު ނުކުރާކަން ހާމަވާކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރައްޔިތުން ނުރުހޭ ކަންކަންކޮށް ސަރުކާރުން ވަކި ގޮތަކަށް މަސައްކަތް ކުރުމަށް ބޭނުން ނުވަކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީއަށް އިތުރު އިސްލާހުތަކެއް ގެނައުމަށް ގަސްދު ނުކުރާކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވުމުން ނޫސްވެރިއަކު ވަނީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބަދަލުތައް ގެނައުމަށް ވެސް އިސްލާހު ހުށަހެޅުމުގެ ވިސްނުން ދޫކޮށްލީތޯ ސުވާލުކޮށްފަ އެވެ. އެގޮތުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި ގުޅޭ މަސައްކަތް މިހާރު ގޮސްފައި ވަނީ ކިހާހިސާބަކަށްތޯ ސުވާލު ކުރި އެވެ
ޖަވާބުގައި ރައީސް ވިދާޅުވީ ޤާނޫނުއަސާސީ އިސްލާހު ކުރުމަކީ ރައްޔިތުން އެހާ ބޮޑަށް ބަލައިގަންނަ ނުވަތަ ތަރުހީބުދޭ ކަމެއް ނޫންކަން ފެނިގެން ގޮސްފައިވާ ކަމަށެވެ.
ނަމަވެސް، ޖޭއެސްސީގެ ކޮމްޕޮޒިޝަން ނުވަތަ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައާއި ރިޔާސީ ބަޔާނުގައިވެސް އިއުލާން ކުރައްވާފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި ބަދަލަކީ ކޮންމެހެން ގެންނަންޖެހޭ އިސްލާހެއްކަމަށާއި، އެކަން ކުރުމުގައި އިސްތިސްނާ ނުވާނެކަމަށް ރައީސް ވިދާޅުވި އެވެ.
މީ ޖުމްލަކޮށް އަޅުގަނޑު މި ދެންނެވީ، ގާނޫނުއަސާސީ އިސްލާހުކުރުމަކީ ރައްޔިތުން ބަލައިގަންނަ، ނޫނީ އެހާ ތަރުހީބުދޭ ކަމެއް ނޫންކަން މިފަހަރު މި ފެނިގެން މި ދިޔައީ. އެހެންވީމަ، ކުރިއަށް އޮތްތާގަ އަޅުގަނޑު ހަމަ މި މަޝްވަރާ ކުރާނަން އަޅުގަނޑުމެންގެ އެޓާނީ ޖެނެރަލް އާއި އަދި ކަމާބެހޭ ބޭފުޅުންނާއެކީގަ. އެ ކޮންމެ ގޮތެއްވިޔަސް އަޅުގަނޑު އިޢުލާންކޮށްފަ އޮތް އެޖެންޑާގަ އޮތް ކަމެއް ޖޭއެސްސީ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ.. އެހެންވީމަ މި ކޮންމެހެން ގެންނަންޖެހޭ އިސްލާހުތައް ގެނައުމަކީ އޭގެތެރޭގަ އިސްތިސްނާވާންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރެވޭ. އެކަމަކު ޖުމްލަކޮށް އަޅުގަނޑު މި ގަބޫލުކުރަނީ ހަމަ ޖުމްލަ ގޮތެއްގައި ރައްޔިތުންގެ ވިސްނުމަކު ނެތް، ގާނޫނުއަސާސީ އިސްލާހުކުރުމަކީ ތާއީދުކުރާ ކަމެއް ކަމަކަށް.
އެހެންވީމާ އެކަން ކުރެވޭނެ މަގެއް ހޯދައި ހަމަ އެގޮތަށް ކުރިއަށް ދާން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން. މިކަމުގައި އެޓަރނީ ޖެނެރަލްއާއި ކަމާބެހޭ ބޭފުޅުންނާ މަޝްވަރާ ކުރާނަން
ރައީސް އިތުރަށް ވިދާޅުވީ، ޖުމްލަ ގޮތެއްގައި ގާނޫނުއަސާސީ އިސްލާހުކޮށްގެން ބޮޑެތި ބާރުތަކަކަށް ބަދަލު ގެނައުމަކީ އެމަނިކުފާނު ކުރައްވާނެކަމެއް ނޫން ކަމަށެވެ. ނަމަވެސް ޖޭއެސްސީ އިސްލާހު ކުރުމަށް ވަރަށް ސާފުކޮށް ރައްޔިތުން އެދޭތީ، އެކަމަށް މަގެއް ހޯއްދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތައް ހިމެނޭ ގޮތަށް، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުން ހިމަނައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ވެސް ވަނީ އާންމުކޮށްފަ އެވެ.
އެންމެ ފަހުން މިކަމާއި ގުޅޭގޮތުން ދެއްކެވި ވާހަކައިގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ޖޭއެސްސީ އެކުލެވިގެން އޮންނަން ޖެހޭ ގޮތުގެ މައްޗަށް އަދިވެސް އެއްބަސްނުވެވޭ ކަމަށެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުވުމަށް ރައްޔިތުން އެދޭ، އެ މަސައްކަތް ކުރިއަށްދާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ