ބަންޑުން ޖަހައިލި ކޮޅުވެއްޓިން ގެއްލުނު މީހާ ހޯދަން އެމްއެންޑީއެފްގެ ޑްރޯން ދުއްވައިފި ބަންޑުން ޖަހައިލި ކޮޅުވެއްޓިން ގެއްލުނު މީހާ ހޯދަން އެމްއެންޑީއެފްގެ ޑްރޯން ދުއްވައިފި

ރީތިރަށް ރިސޯޓު ކައިރީ އޮންނަ ކ. އެރިޔަދޫ އަށް ދަތުރުކުރަމުން ދަނިކޮށް ބުދަ ދުވަހުގެ ރޭ ބަންޑުން ޖަހައިލި ކޮޅުވެއްޓިން ގެއްލުނު ތިން މީހުންގެ ތެރެއިން މިހާތަނަށް ނުފެންނަ ބިދޭސީ މީހާ ހޯދަން އެމްއެންޑީއެފްގެ ޑްރޯން ދުއްވައިފި އެވެ.
މިއަދު ހެދުނުން 6:00 ހާއިރު މާފަރު އެއާޕޯޓުން ނައްޓައިލި މި ޑްރޯން އެނބުރި މާފަރަށް ގޮސްފައިވަނީ މެންދުރު 1:00 ހާއިރު އެވެ. އެ ޑްރޯން ވަނީ ހުޅުމާލެ އާއި މާލެ އަތޮޅު އިރުމަތީ ބިތުގެ ރަށްރަށުގެ އިރުން ދެތިން ގަޑިއިރު ދުއްވައިފަ އެވެ.
"އަލްމާކް ފިޔަ" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން ދެ މީހަކު މަރުވެފައި އޮއްވައި ވަނީ ފެނިފަ އެވެ. އެއީ ދިވެއްސަކާއި ބިދޭސީ އެކެވެ. އެ ދެ މީހުންގެ ހަށިގަނޑު ވެސް ހޯދީ ސިފައިންގެ ޑައިވިން ޓީމުންނެވެ. މިހާތަނަށް ނުފެންނަނީ ބިދޭސީ މީހެކެވެ.
ކޮޅުވެއްޓިން ގެއްލުނު މީހާ ހޯދަން ސިފައިންގެ ޑްރޯން ދުއްވާފައިވާ ގޮތް ---- ފޮޓޯ: ފްލައިޓް ރާޑަރު
ޑްރޯން އާއި ކޯސްޓު ގާޑުން ކުރި މަސައްކަތުން އެ މީހާ ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން މިހާތަނަށް ބުނެފައެއް ނުވެ އެވެ.
މެރިން ޕޮލިސްއިން ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލީ ބުދަ ދުވަހުގެ ރޭ މެންދަމު 3:48 ހާއިރު އާއިލާފުށި ރިސޯޓާ އެއް މޭލު ބޭރަށް ކަމަށެވެ.
އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ތިބީ އޭގައި އޮތް އެކްސްކެވޭޓަރެއްގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް މެރިން ޕޮލިހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ