ހަށިގަނޑު އާދަޔާ ހިލާފަށް ފަލަވުމާއި ލޭގައި ކޮލެސްޓެރޯލްގެ މިންވަރު މަތިވުމަކީ، ހާޓް އެޓޭކް ފަދަ ހިތުގެ ނުރައްކާތެރި ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުކޮށްދޭ މައިގަނޑު ދެ ސަބަބެވެ. މި ދެ ކަމަކީ ވެސް، ސައެންސްވެރިންނާއި ޑޮކްޓަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް ހައްލެއް ހޯދޭތޯ ބަލަމުން އަންނަ ނުރައްކާތެރި ދެ މައްސަލައެވެ.
ދާދި ފަހުން ސައެންސްވެރިން ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުން ކޮންމެ ދުވަހަކު ވަކި ވަރަކަށް ކަޅުދިރި ކެއުމަކީ، ހަށިގަނޑުގައި ސަރުބީ ޖެހުން ކުޑަކޮށްދީ ކޮލެސްޓެރޯލްގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. ހިތުގެ ދުޅަހެޔޮކަން ދަމަހައްޓައި، ހިތުގެ ނުރައްކާތެރި ބަލިތަކުން ދުރުހެލިވާން ބޭނުން ނަމަ، ކޮލެސްޓެރޯލްގެ މިންވަރު ދަށްކުރުމާއެކު، ހަށިގަނޑުގެ ބަރުދަން، އެމީހެއްގެ އުމުރާއި އިސްކޮޅާ އެކަށޭނަ މިންގަނޑެއްގައި ހިފެހެއްޓުން ވަރަށް މުހިންމެވެ.
އެ ގޮތުން އެމީހެއްގެ ލޭގައި ކޮލެސްޓެރޯލް އެކުލެވޭ ނިސްބަތް، ސިއްހީ މިންގަނޑުގެ ތެރޭގައި ހިފެހެއްޓިފައި ހުންނަ ނަމަ، ހިތުގެ ނުރައްކާތެރި ބަލިތައް ޖެހުމުގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ. ހަމައެއާއެކު، ހަށިގަނޑުގައި މާގިނައިން ސަރުބީ ޖަހައި އާދަޔާ ހިލާފަށް ފަލަވުމުން ހިތުގެ ނުރައްކާތެރި ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވެގެން ދެއެވެ.
ފުޑް ސައެންސް އެންޑް ނިއުޓްރީޝަން ކިޔާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން ކޮންމެ ދުވަހަކު ވެސް ކަޅުދިރީގެ މިންވަރެއް ކެއުމަކީ، ސިއްހީ މިންގަނޑުގައި ކޮލެސްޓެރޯލް ހިފަހައްޓައިދީ ސަރުބީ ސެލްތައް ހެދި ބޮޑުވުމަށް ހުރަސްއަޅާނެ، އަދި ލިޕިޑްގެ ބާވަތްތައް އުފެދޭ މިންވަރު ދަށްކޮށްދޭނެ ކަމެކެވެ. އެހެން ނަމަވެސް، މިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ކަމާ ގުޅޭ އިތުރު ދިރާސާތަކަށް ބޭނުންވާ ކަމަށް ވެސް މި ރިޕޯޓްގައިވެއެވެ.
މި ދިރާސާގައި، ކަޅުދިރީގެ އަރަގު ނަގައިގެން ސައެންސްވެރިން ފުރަތަމަ ބެލީ ކަޅުދިރީގައި އެކުލެވޭ މާއްދާތަކެވެ. އެއަށް ފަހު އެމާއްދާތަކުން އިންސާނާގެ ހަށިގަނޑަށް ކުރާ އަސަރުތަކާއި އަސަރުކުރާ ގޮތްތައް ދެނެގަތެވެ. ދެން އެކަން އަޖުމަބެލުމުގެ ގޮތުން، ކޮލެސްޓެރޯލްގެ މިންވަރު މަތީގައި ނުވަތަ މައްޗާ ވަރަށް ކައިރީގައި ހުރި، ހަށިގަނޑު ވެސް ފަލަ 42 މީހަކު ބައިވެރިކޮށްގެން އިތުރު ދިރާސާތައް ކުރިއެވެ.
މި 42 މީހުންނަކީ ވެސް، ކޮލެސްޓެރޯލް ހުރި ކަމުގައި ވިޔަސް އެކަމަށް އެއްވެސް ބޭހެއް ބޭނުންނުކޮށް ތިބި މީހުންނެވެ. އެހެންކަމުން، ކަޅުދިރި ބޭނުންކުރުމުން، ހަށިގަނޑުގައި ހުންނަ ކޮލެސްޓެރޯލްއަށް ވާ ގޮތް ބެލުމަށްޓަކައި، މުގުރައިގެން ހަދާފައި ހުރި ކަޅުދިރި ފުށް، އެމީހުންނަށް ކޮންމެ ދުވަހަކު ވަކި ވަރަކަށް ކާން ދިނެވެ.
މި ދިރާސާގެ ބައިވެރިން ދެ ބަޔަކަށް ބަހައިލިއެވެ. އެއް ބަޔަކީ އަޖުމަ ބެލުމުގެ ގޮތުން ކަޅުދިރި ކާންދޭނެ މީހުންނެވެ. އަނެއް ބަޔަކީ، ކަޅުދިރި ކާ މީހުންނަށް އަންނަ ބަދަލުތައް އަޅައިކިޔާނެ މިންގަނޑެއްގެ ގޮތުން، ކަޅުދިރި ކާން ނުދޭނެ މީހުންނެވެ.
އަޖުމަ ބަލާ ގުރޫޕުގެ މީހުންނަށް، އަށް ހަފުތާ ވަންދެން ކޮންމެ ދުވަހަކު ފަސް ގުރާމުގެ ކަޅުދިރި ފުށް ކާން ދިނެވެ. އެއަށް ފަހު، އަށް ހަފުތާ ފުރިހަމަވުމުން، ކަޅުދިރި ކާންދިން މީހުންގެ ހަށިގަނޑަށް އައި ބަދަލުތައް، ލޭގެ ޓެސްޓުތަކުން ވަޒަންކުރިއެވެ.
ކަޅުދިރި ކޭ މީހުންގެ ލޭ ޓެސްޓުކުރުމުން އެނގުނީ، އެ މުއްދަތުގައި އެމީހުންގެ ކޮލެސްޓެރޯލްގެ ޖުމްލަ މިންވަރު އިތުރުވި ކަމެވެ. އޭގެ ތެރޭގައި ނުބައި ކޮލެސްޓެރޯލް އާއި ޓްރިގްލިސަރައިޑް ހިމެނެއެވެ. ހަމައެފަދައިން ފައިދާހުރި ރަނގަޅު ކޮލެސްޓެރޯލްގެ މިންވަރު ވެސް އިތުރުވިއެވެ. ނަމަވެސް، އަޖުމަބަލާ ގުރޫޕަށް އަންނަ ބަދަލުތައް އަޅައިކިޔުމަށް ބޭތިއްބި ގުރޫޕުގެ މީހުންގެ ހަށިގަނޑަށް، އެ މުއްދަތުގައި ރަނގަޅު ކޮލެސްޓެރޯލް އިތުރެއް ނުވެއެވެ.
މީގެ އިތުރުން، އަޖުމަބަލާ ގުރޫޕުގެ މީހުންގެ ފަރާތުން ފާހަގަވި އަނެއް ކަމަކީ، ކާހިތްވާ މިންވަރު އެމީހުންގެ ކިބައިގައި އިތުރުވިކަމެވެ. އަނެއް ގުރޫޕުގެ މީހުންގެ ފަރާތުން އެކަން ފާހަގައެއް ނުކުރެވެއެވެ. އެހެންކަމުން، އިތުރު ޓެސްޓުތަކެއް ހަދައިގެން ބެލުމުން އެނގުނީ، އެމީހުންގެ ކިބައިގައި ކާހިތްވާ މިންވަރު އިތުރުވީ، ކަޅުދިރީގެ ސަބަބުން ކަމެވެ.
ކަޅުދިރިއަކީ ކޮލެސްޓެރޯލް ދަށްކޮށްދޭ އެއްޗެއް ކަޅުދިރިއަކީ ކޮލެސްޓެރޯލް ދަށްކޮށްދޭ އެއްޗެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ