ވާހަކަ: ގަބުރުސްތާނު - ވިހިވަނަ ބައި

އެޕިސޯޑް 20
އިއްޔެގެ ބަޔާ ގުޅޭ
"އަހަރެން ހަގީގަތަށް ބުނިއްޔާ ފަރީ މި ކަމަށް އެއްބަސް ވާނަންތަ؟" ބުޝްރީ ބުންޏެވެ.
"ބުނެފީމެއްނު އަހަރެން ގަބޫލެއް ނޫނޭ ދެއަތްނބަށް އޭނައާ ކައިވެނި ކުރާކަށް. އަހަރެންނަކީ ބުޝްރީއާ ޒުވާބު ކުރި މީހެއް ނޫން. އަދި ޒުވާބު ކުރާ ހިތްވާ މީހެއް ވެސް ނޫން. އެކަމަކު ބުޝްރީ އަހަރެންނަށް ތި މަޖުބޫރު ކުރަނީ އެކަމަށް. ބުޝްރީ ބޭނުން ނަމަ އަހަރެން ވަރިކޮށްފައި ޔަޒްދާއާ ކައިވެނި ކުރޭ،" ފަރީހާ ބުންޏެވެ.
"ތިއީ ފަރީގެ އެންމެ ފަހުގެ ނިންމުންތަ؟" ބުޝްރީ އެހެން އެހުމުން ފަރީހާ އިސްޖެހި އެވެ.
"އަހަރެންނަށް ޖަވާބު ލިބިއްޖެ،" ބުޝްރީ ބުންޏެވެ.
ވަހީދާއަށް ވަދެވުނީ ބަދޫރާ މައިތިރި ނުވެގެން އުޅުނު ގަޑިއެއްގަ އެވެ. ބަދޫރާ ހަމަ ހަޅޭއްލަވަނީ އެވެ. ކޮންމެވެސް އެއްޗެކޭ ވެސް ކިޔަ އެވެ. ނަމަވެސް އަނގައާ ދިމާލުން ވާގި ނެތުމުން އޭނާ ކިޔާ އެއްޗެއް މީހަކަށް ސާފުވާ ގޮތެއް ނުވެ އެވެ. ނަމަވެސް ވަހީދާއަށް ކޮންމެވެސް ވަރަކަށް ބަދޫރާ ކިޔާ އެއްޗެއް އެނގޭހެން ހީވި އެވެ.
ވަރަށް ގިނަ އިރު ހަޅޭއްލެވި ފަހުން، މުދިންބެ ފެން ތައްޓެއް ކިޔަވާފައި ބޯން ދިނުމުން އޭނާއަށް ނިދުނެވެ. އެ ވަގުތު އެތަނުގައި ތިބީ ވަހީދާ އާއި ބަދޫރާގެ މަންމަ ނަސްރީނާ އާއި ބަދޫރާގެ ފިރިމީހާ ހުސެން އެވެ. ދެން އިނީ މުދިންބެ އެވެ.
"މުދިންބެ ބުނެބަލަ. ކިހިނެއްތަ މި ވަނީ؟" ކަންބޮޑުވެފައި އިން ނަސްރީނާ އަހާލި އެވެ.
"މިއީ ވަރަށް ވަރުގަދަ ކަންތައްގަނޑެއް. އޭނާއާ އެ ހުރީ ވަރުގަދަ ކަމެއް ޖެހިފައި،" ވިސްނާލަމުން މުދިންބެ ބުންޏެވެ.
"އެއީ ޑޮކްޓަރީ ކަމެއް ނޫންތަ؟" ހުސެން އަހާލި އެވެ.
"ކަލޭމެންނަށް އެނގޭނެ އެއީ ޑޮކްޓަރީ ކަމެއް ނޫންކަން. އޭނަ ޑޮކްޓަރަށް ގެންގޮސްގެން ކޮން ކަމެއް ވީ؟ އެކަމަކު އަހަރެން ފެން ތައްޓެއް ކިޔަވާލާ އިރަށް އޭނަ މައިތިރިވެއެއްނު. އެހެންވީމަ މިއިން ވެސް އެނގެނީ މިއީ ފަންޑިތަވެރި ކަމެއްކަން،" މުދިންބެ ބުންޏެވެ.
"ދެން ބަދޫ ރަނގަޅު ވާނީ ކިހިނެއް ހަދައިގެން؟" ވަހީދާ އަހައިލި އެވެ.
"ޖެހޭނީ ކިޔަވަން. ކިޔަވައިގެން ޖިންނި ހާޒިރު ކުރަން. މިއީ އެއް ރެއަކުން، ދެ ރެއަކުން ނިމޭނެ ކަންކަމެއް ނޫން. ކަލޭމެން ހިތްވަރު ހުރިއްޔާ އަހަރެން މި ހުރީ މިރޭ ވެސް ފަށާ ގޮތަށް. ކީކޭ ނަސްރީނާ ބުނަނީ؟" މުދިންބެ ބުންޏެވެ.
"އަހަރެން ބޭނުންވަނީ ވީ އެންމެ އަވަހަކަށް އަހަރެންގެ ދަރިފުޅު ސަލާމަތްކުރަން. މިރޭ ވިޔަސް، މި ވަގުތު ފަށައިގެން ވިޔަސް ވަރިހަމަ." ނަސްރީނާ އެހެން ބުނި ނަމަވެސް ހިތުގައި އޮތީ ބިރުވެރިކަމެވެ. ވާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގެ އެވެ.
"ހުސެން މި ކަމާ އެއްބަސްތަ؟ ހުސެންގެ އެހީތެރިކަން މި ކަމަށް ވަރަށް ބޮޑަށް ބޭނުންވާނެ،" މުދިންބެ ބުންޏެވެ.
"އަހަރެން ވެސް އަހަރެންގެ އަންހެނުން ސަލާމަތް ކުރަން ބޭނުން. އަހަރެންގެ އެހީތެރިކަން ތި ކަމަށް ލިބޭނެ،" ނިދާފައި އޮތް ބަދޫރާގެ ބޮލުގައި ފިރުމާލަމުން ހުސެން ބުންޏެވެ.
"އެހެންވީމަ މިރޭ އިޝާއިން ފައިބައިގެން އަހަރެން އަންނާނަން. ދެތިން ފިރިހެނުން ވެސް މިތާ ކިޔަވާލަން ގެންނާނަން. ހުދު ފޮތިގަނޑަކާއި ހުވަނދުމާ އަދި އުނިމާ ކޮޅެއް ހޯދާފައި ބަހައްޓާ،" މުދިންބެ ބުންޏެވެ.
"އުނިމަލަކީ ޖިންނި ހާޒިރުވާ އެއްޗެއްނު؟" ހުސެން ބުންޏެވެ. "އެއީ އަހަރެން ވަރަށް ކުޑައިރު އަޑު އަހާ އެއްޗެއް."
"އާނ. އެ މަލުން އެ މީހުން ގެންނަން ފަސޭހަވާނެ. އެކަމަކު މަށަށް ހީވަނީ މިހާރު ވެސް ބަދޫރާގެ ހަށިގަނޑުގައި ޖިންނީގެ އަސަރު އެބަ ހުރިހެން،" ތަޖުރިބާގެ އަލީގައި މުދިންބެ ބުންޏެވެ.
"މުދިންބެއަށް ޔަގީންތަ އޭނަ ރަނގަޅު ކުރެވޭނެކަން؟" ހުސެން އަހާލި އެވެ.
"ހިނގާ ބަލަމާ. ޔަގީންކަމެއް އެއްވެސް މީހަކަށް ނުދެވޭނެ ދޯ؟ އިރާދަ ކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ،" މުދިންބެ ބުންޏެވެ.
"ކިހާ ދެރަ ގޮތެއް އެވީ. އަހަރެން ހިއެއް ވެސް ނުކުރަން ބަދޫއަށް އެ ކަހަލަ ކަމެއް ދިމާވެދާނެ ކަމަކަށް،" ވަހީދާ ބުންޏެވެ. ޔަޒްދާ އިނީ ހިޔާލަކަށް ގެއްލިފަ އެވެ. "އަދިވެސް ޔަޒޫ ނުދާނަންތަ ބަދޫ ކައިރިއަކަށް؟"
މީހަކު ވާހަކަ ދައްކާހެން ވެސް ޔަޒްދާއަކަށް ހިއެއް ނުވެ އެވެ. އޭނާ އިނީ ޝިފާޒްއާ މިރޭ ބައްދަލުވާނެ ކަމުގެ ފޮނި އުންމީދުގަ އެވެ. ދައްކާނެ ވާހަކަ އާއި ހޭދަ ކުރެވޭނެ އަގުބޮޑު ވަގުތުތައް ގުނުމުގެ ހިޔާލުގަ އެވެ.
"ޔަޒޫ!" ތަންކޮޅެއް ބާރަށް ވަހީދާ ގޮވާލި އެވެ. ޔަޒްދާ ސިއްސައިގެން ދިޔަ އެވެ. "ކޮން ހިޔާލަކަށް ގެއްލިފައި ތި އިންނަނީ؟"
"ކަމެއް ނުވޭ. ކީކޭ ދެންމެ ތި ބުނީ،" ފަރުވާކުޑަ ގޮތަކަށް ޔަޒްދާ ބުންޏެވެ.
"އަހަރެން ހަމަ ހައިރާންވެއްޖެ. އަހަރެން މި ދެއްކި އެއްވެސް ވާހަކައެއް ޔަޒޫއަކަށް އަޑެއް ނީވުނުތަ؟" ހިތްހަމަނުޖެހިފައި ވަހީދާ ބުންޏެވެ.
"ނޫން އަޑު އިވުނޭ. އެކަމަކު ދެން އަހަރެން ތި ކަމުގައި ކީއްތަ ކުރާނީ؟ އަހަރެންނަނީ ތި ކަހަލަ ކަންކަން ދެކެ ވަރަށް ބިރު ގަންނަ މީހެއް. ބަދޫއަށް އެހެން ދިމާވީމަ އަހަރެން ވެސް ދެރަވެއޭ. އެހެނޭ ކިޔާފައި އަހަރެންނަށް ގޮސް އެތާނގައި އިންނާކަށް ނުކެރޭނެއެއްނު."
"އަހަރެން ތިހެންނެއް ނުބުނަމޭ. އެކަމަކު ބަދޫއަށް ގޮވާލަން ވެސް ދެވޭނެއެއްނު. އޭނަގެ ހާލު ވެސް ބަލާލެވޭނެއެއްނު،" ވަހީދާ ބުންޏެވެ. "ޔަޒޫގެ ވާހަކަ ދެއްކުން ހާދަ ތަފާތޭ މިހާރު. ކަމެއް ގޯސްވީތަ؟"
"އެއްވެސް ކަމެއް ނުވޭ. ބަދޫއާ ދޭތެރޭ ނޫނަސް އަހަރެންގެ ދިރިއުޅުމުގައި ވެސް ވިސްނާނެ ކަންކަން މަދެއް ނޫނޭ ވަހީދާ." ޔަޒްދާ ވެސް އިނީ ހިތްހަމަނުޖެހިފަ އެވެ. އެކަން ވަހީދާއަށް ފާހަަގަ ކުރެވުނެވެ. އޭނާ ހީކުރީ ޝިފާޒް ނިޔާވުމުން އަދިވެސް އެކަމުން ޔަޒްދާއަށް އަރައިނުގަނެވިގެން އުޅެނީ ކަމަށެވެ.
"ޔަޒޫ. އަހަރުމެން އެންމެންނަށް ވެސް އެނގޭ ޔަޒޫގެ ހާލަތު. ތި ކަމުގައި އަހަރުމެންނަށް ވެވުނު އެހީތެރިކަމެއް ވެދޭން މިތިބީ ތައްޔާރަށް. އެކަމަކު ޔަޒޫ އަހަރުމެންނަށް އެ ފުރުސަތު ދޭން ބޭނުން ނަމަ،" ވަހީދާ ބުންޏެވެ.
"އެއްވެސް މީހަކަށް އަހަރެންގެ ހާލަތެއް ނުވިސްނޭނެ. އެހެންވެ އަހަރެން ބޭނުމެއް ނޫން އެ ވާހަކަ ދައްކާކަށް،" ތެދުވަމުން ޔަޒްދާ ބުންޏެވެ. "އަހަރެންނަށް ދެން އެންމެ ރަނގަޅީ ވަހީދާ ވެސް ބަދޫގެ ވާހަކަ ހިފައިގެން ނައުން."
ވަހީދާ ހައިރާންވި އެވެ. ތިން މީހުންގެ ރައްޓެހިކަން އެ ގޮތަށް ވިއްސި ވިހާލިވެގެން ދާނެ ކަމަކަށް އޭނާ ދުވަހަކު ވެސް ހިއެއް ނުކުރެ އެވެ. ވަހީދާއަށް ހީވީ އެހެން ގޮތެކެވެ. ކޮންމެވެސް ބައެއް ނުވަތަ މީހެއްގެ އެސްފީނާ އެ މީހުންނަށް ޖެހުނީ އެވެ. އެހެން ނޫން ނަމަ އެ ގޮތަށް ވެގެންނެއް ނުދާނެ އެވެ. ވަހީދާ އެ ގެއިން ނުކުންނަމުން އެ ކަމާ ވަރަށް ވިސްނި އެވެ. ރޭގަނޑުގެ ހަމަހިމޭންކަމުގެ ތެރެއިން ރަފީގު ގޮވާ އަޑު އިވެން ފެށި އެވެ. އިސްދަށަށް ޖަހައިގެން ހުރެ ހިނގަމުން ދިޔަ އިރު އިޝާ ނަމާދު ބަންގި ގޮވަނީ އެވެ. ފަސް މިނެޓް ހިނގައިގެން އޭނާއަށް ގެއާ ހިސާބަށް ދެވޭނެ އެވެ. ނަމަވެސް އެތައް އިރަކު ހިނގައިގެން ވެސް ގެއަކަށް ނުދެވުނެވެ. ވަހީދާ އެކި ދިމަދިމާލަށް ބަލަން ފެށި އެވެ. ފެންނަނީ ހުސް އެއް ގެތަކެކެވެ. އެއް މަގުތަކެކެވެ. ވަހީދާ ހިތަށް އެރި އެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ އޭނާ ރަނގަޅަށް ބަލަމުން މަޑުމަޑުން ހިނގަމުން ދިޔަ އެވެ. ގޯޅި އެޅިޔަސް އެޅެނީ ހަމަ އެއް ގޯޅިއަކަށެވެ. ކުއްލިއަކަށް މަގުމަތީ ދިއްލާފައި ހުރި ބޮކިތައް ނިވެމުން ދިޔަ އެވެ. މަގުތައް އަނދިރިވި އެވެ. ކައިރީގައި މީހަކު ހުރި ނަމަވެސް ނޭނގޭހާ އަނދިރި އެވެ. ވަހީދާއަކީ ބިރު ކުޑަ މީހެކެވެ. އެ ވަގުތު ދުލަށް އައި ހެޔޮ އެއްޗެހިތައް ކިޔަވަން ފެށި އެވެ. އޭރު މަގުގެ ކޮޅުން ދެ ލޯ ދިއްލިފައި ހުއްޓެވެ. ވަކި ސިފައެއް ވަކިވާ ވަރެއް ނޫނެވެ. ދެ ލޯ ހުރީ ހުދުކުލައިންނެވެ. އިރުކޮޅަކާ ދެ ލޯ މައްޗަށް ވެސް އަރަ އެވެ. ތިރި ވެސް ވެ އެވެ. މައްޗަށް އަރާ އިރު ދިގު ރުކަކާ ހަމައަށް އަރަ އެވެ. ވަހީދާގެ ހިތަށް ބިރުވެރިކަން ވަނެވެ. ނަމަވެސް މޫނުމަތިން އެކަމެއް ނުދައްކަ އެވެ. އަދި ފަރާތް ފަރާތަކަށް ނުބަލަ އެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް ފުރަގަސް ދިނެވެ. އަދި ހިނގައިގަތެވެ. ކުރިއަށް ދާން އޮތް ދިގު ހަނި މަގުން ހިނގަމުން ދިޔަ އެވެ. ކުރުސި އާއި އެކި ދުއާތައް ކިޔަމުން ދިޔަ އެވެ. ފެންނަ މަންޒަރު ނުފެންނަ ކަމަށް ހަދައިގެންނެވެ. ވަކި ހިސާބަކުން ލޯ މަރާލި އެވެ. ހިނގުމަކަށް ބަދަލެއް ނުގެނެ އެވެ. އިރުކޮޅަކު ހިނގާފައި ލޯ ހުޅުވާލި އެވެ.
-ނުނިމޭ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ