ވެއްޓުނު ޖެޖޫ އެއާ ބޯޓުގެ އިންޖީނުތަކުން ދޫނީގެ ފިޔަތަކެއް ފެނިއްޖެ

މިދިޔަ ޑިސެމްބަރު މަހު ވެއްޓުނު ދެކުނު ކޮރެއާގެ މަތިންދާބޯޓު ވެއްޓުނީ ދޫނި ބައިގަނޑެއްގައި ޖެހިގެން ކަމުގެ ހެކި ފެނިފައިވާ ކަމަށް އެ މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ. އެ ހާދިސާގައި ބޯޓުގައި ތިބި 179 މީހުން ވަނީ މަރުވެފައެވެ. ޖެޖޫ އެއާ ބޯޓުގެ ދެ އިންޖީނުގައި ވެސް ދޫނީގެ ފިޔަތަކާއި ލޭ ފެނިފައިވާ ކަމަށާއި އެއީ ބައިގަނޑަކަށް އުދުހި ހިޖްރަކުރާ ވައްތަރުގެ ދޫންޏެއް ކަމަށްވާ ބައިކަލް ޓީލް ކިޔާ ދޫނީގެ ބައިގަނޑެއް ކަމަށް ވެސް މިއަދު އާންމުކޮށްފައިވާ ތަހުގީގު ރިޕޯޓުގައި ބުނެފައިވެއެވެ. ބޯޓު ވެއްޓެން މެދުވެރިވީ ދޫނި ބައިގަނޑެއްގައި ޖެހުން ކަމަށް މީގެކުރިން ވެސް ވަނީ ލަފާކޮށްފައެވެ. ބޯޓު ވެއްޓުނު ހާދިސާއާ ގުޅޭ ތަހުގީގުގައި ދެން ބޮޑަށް ބަލާނީ ބޯޓު ވެއްޓި ޖެހުނު ކޮންކްރީޓް ސްޓްރަކްޗާއަށް ކަމަށް ވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ބޮއިންގް 737-800 ގެ އިންޖީނުތައް ތަޅާލައި ކޮންކްރީޓް ސްޓްރަކްޗާ އިތުރަށް ބެލޭނެ ކަމަށް ވެސް ރިޕޯޓުގައިވެއެވެ. ކަމާބެހޭ ފަރާތްތަކުން ކުރިން ބުނެފައި ވަނީ ހާދިސާ ހިނގުމުގެ ގާތްގަނޑަކަށް ހަތަރު މިނެޓް ކުރިން ބޯޓުން ފްލައިޓް ޑޭޓާ އާއި ކޮކްޕިޓް ވޮއިސް ރެކޯޑަރުތައް ހުއްޓިފައިވާ ކަމަށެވެ. ބޯޓު ވެއްޓުމުގެ ހާދިސާގެ ތަހުގީގުގައި ބައިވެރިވި ހަމަ އެ ބާވަތުގެ މަތިންދާބޯޓުތައް ދުއްވި ތަޖުރިބާކާރުން ވެސް ވަނީ ރަންވޭގައި ކޮންކްރީޓް ހުރަސްތައް ކުރީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. ބައެއް މީހުން ލަފާކުރާ ގޮތުގައި އެ ތަންތަން ނެތްނަމަ މަރުވި މީހުންގެ އަދަދު މަދުވާނެއެވެ. އެ ކޮންކްރީޓް ސްޓްރަކްޗާއަކީ މަތިންދާބޯޓު ޖެއްސުމަށް އެހީތެރިވެދޭ ނޭވިގޭޝަން ސިސްޓަމެއް ބަހައްޓާފައިހުރި ސްޓްރަކްޗާއެކެވެ. ދެކުނު ކޮރެއާގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނީ އޭގެ ނެވިގޭޝަން ސިސްޓަމް އެ ގައުމުގެ އެހެން އެއާޕޯޓްތަކުންނާއި ބޭރުގެ އެއާޕޯޓުތަކުން ވެސް ފެންނަ ކަމަށެވެ. އާންމުކުރި އެ ތަހުގީގު ރިޕޯޓު ވަނީ އ.ދގެ އޭވިއޭޝަން އެޖެންސީއަށާއި އެމެރިކާ، ފްރާންސް، އަދި ތައިލެންޑްގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ. ބެންކޮކުން ފުރައިގެން މުއާން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަމުންދިޔަ އެ ބޯޓު ވެއްޓި އަލިފާން ރޯވީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ