މެދުއިރުމަތީގެ ސަލާމަތީ ކަންކަން ގޯހުން ގޯހަށްދާތީ، އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީގެ މުވައްޒަފުންގެ އަދަދު މަދުކޮށް، އަދި މެދުއިރުމަތީގެ އެކި ތަންތަނުން އެމެރިކާގެ ސިފައިންގެ ބެލުމުގެ ދަށުގައިވާ މީހުން އަމިއްލައަށް ފުރުމުގެ ހުއްދަދީފި އެވެ. އޭގެ ތެރޭގައި ބަހްރައިން، ކުވައިތު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގައުމުތަކުގައި އުޅޭ މީހުން ހިމެނެ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގުސެތު ވަނީ އެ ސަރަހައްދުގައި ތިބި އަސްކަރީ ފަރާތްތަކަށް ބަރޯސާވާ މީހުން އެ ސަރަހައްދުން ބޭފުމުގެ ހުއްދަ ދެއްވާފައިވާ ކަމަށާއި ނުތަނަވަސްކަން އިތުރުވަމުންދާ މިންވަރު ސެންޓްކޮމް އިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
ރޭ ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މުވައްޒަފުން ބޭރުކުރަން ނިންމީ އެ ސަރަހައްދަކީ "ނުރައްކާތެރި ތަނަކަށް ވެދާނެތީ" ކަމަށެވެ.
"ދެން ހިނގާ ވާގޮތް ބަލަން. އެ ސަރަހައްދު ދޫކޮށް ދިއުމަށް އަޅުގަނޑުމެން އަންގައިފިން. ދެން ދިމާވާ ކަންތައްތައް އަޅުގަނޑުމެން ބަލާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެެއްދުމުގެ ޖާގަ ނުދެއްވާނެ ކަމަށާއި އެއީ ވަރަށް ސާފު ކަމެއް ކަމަށެވެ. އަދި އެ ޖާގަ އެ މީހުންނަށް ނުދެއްވާނެ ކަމަށެވެ.
އެމެރިކާ އާއީ އީރާނާ ދެމެދު ކުރަމުން އައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި އެކަމާ ގުޅިގެން ނުތަނަވަސްކަން ވަނީ އިތުރުވެފަ އެވެ.
އެމެރިކާގެ ނިއުސް ބްރޯޑްކާސްޓަރު ސީބީއެސް އިން ރޭ ރިޕޯޓުކޮށްފައިވާ ގޮތުގައި އީރާނަށް ހަމަލާ ދޭން އިޒްރޭލުން އޮތީ "ފުރިހަމައަށް ތައްޔާރަށް" ކަމަށް އެމެރިކާގެ އޮފިޝަލުންނަށް އަންގާފައިވާ ކަމަށެވެ. އަދި އެ އޭގެ ބަދަލުގައި އަވަށްޓެރި އިރާގުގައި ހުންނަ އެމެރިކާގެ ވަކި ތަންތަނަށް އަމާޒުކޮށް އީރާނުން ރައްދު ދީފާނެ ކަމަށް އެމެރިކާ ދެކެ އެވެ.
އެމެރިކާގެ އެމްބަސީގެ މުވައްޒަފުންނާއި އެ ނޫން މީހުން މެދުއިރުމަތި ދޫކޮށް ދާކަމުގެ ހަބަރުތައް ފެތުރުމާ އެކު އީރާނުން އދ.އަށް ކަނޑައަޅާފައިވާ މިޝަންއިން ސޯޝަލް މީޑިއާގައި ޝާއިއު ކުރި ޕޯސްޓެއްގައި ބުނީ "އީރާނުން ނިއުކްލިއާ ހަތިޔާރުގެ ފަހަތުން ނުދާ ކަމަށާއި އެމެރިކާގެ އަސްކަރިއްޔާއަކީ ހަމަނުޖެހުން އުފެެއްދުމަށް މަސައްކަތް ކުރާ ބައެއް" ކަމަށެވެ.
"ބާރުގަދަ ބާރެއްގެ އިންޒާރުތަކުން ހަގީގަތް ބަދަލެއް ނުވާނެ،" އީރާންގެ މިޝަނުން ބުންޏެވެ.
"ކުރިއަށްދާން އޮތް ހަމައެކަނި މަގަކީ ޑިޕޮލަމަސީ، ހަތިޔާރެއް ނޫން." އެ މިޝަނުން އިތުރަށް ބުންޏެވެ.
އެމެރިކާ މީހުން މެދުއިރުމަތިން ބޭރު ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ