އާސަންދައިން ފޯރުކޮށްދޭ ބޭހަކީ، އެކި ފިހާރައިން އެކި އަގު ޖަހައިގެން، ނަހަމަ ގޮތުގައި އެއިން ވިޔަފާރިކޮށް، ވަކި ބަޔަކު މުއްސަނދިވާ ވަސީލަތެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، ހޭދަކުރެވޭ ކޮންމެ ރުފިޔާއަކީ، ދިވެހި ލޮބުވެތި ރައްޔިތެއްގެ ދުޅަހެޔޮކަމަށްޓަކައި ކުރެވޭ ހޭދައަކަށް އިރާދަކުރެއްވިއްޔާ ބަދަލުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ފަދައިން ވިދާޅުވީ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވައި، ޤައުމާ މުޚާޠިބު ކުރައްވައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމެއް ބިނާކުރުމުގައި އެބައެއްގެ ޞިއްޙީ ދުޅަހެޔޮކަމަކީ އެންމެ އިސްކަންދޭން ޖެހޭ އެއް އަސާސް ކަމަށާއި، ޞިއްޙީ ފަރުވާއަށް ބޭނުންވާ މީހުންނަށް، އިތުބާރާއެކު ޞިއްޙީ ފަރުވާ ލިބޭނެ ނިޒާމެއް، ޤާއިމުވެފައި އޮތުން ވަރަށް މުހިންމު ކަމުގައި ވިދާޅުވިއެވެ. އެގޮތުން ޞިއްޙީ ދާއިރާއާ ރައްޔިތުން އެންމެ ބޮޑަށް ގުޅިފައިވާ އާސަންދަ ނިޒާމު، ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އާސަންދަ ނިޒާމަކީ ހުރިހާ ދިވެހި ރައްޔިތުންނަށް ޞިއްޙީ ފަރުވާ، ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ހިންގަމުންދާ، ކޮންމެހެން ދަމަހައްޓަން ޖެހޭ ނިޒާމެއް ކަމަށާއި، އެ ނިޒާމުގެ އަދުލުވެރިކަމާއި އިންސާފުވެރިކަން ކަށަވަރުވާން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، އާސަންދަ ނިޒާމުން ވެސް ނާޖާއިޒު ގޮތުގައި ބަޔަކު ފައިދާ ނަގަމުން ދިޔަކަން ސަރުކާރަށް ޔަގީންކުރެވިފައިވާ ކަމަށާއި އެހެންކަމުން އާސަންދައިގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ނިމިދިޔަ އަހަރު ވާނީ މުހިއްމު ފިޔަވަޅުތަކެއް އަޅުއްވާފައި ކަމުގައި ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ކަމަކަށް ބޭހުގެ ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެންނަން ފަށައި، ބޭހުގެ ޒަމާންވީ ނަހަމަ ވިޔަފާރިއާއި ނިޒާމީ އިސްރާފު، ހުއްޓުވުމަށްޓަކައި 250 ބޭހެއްގެ އަގު ކޮންޓްރޯލް ކުރެވިފައިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ބަދަލުތަކާއެކު، ބައެއް ފަރާތްތަކުން ކަންކުރަން ފެށި ގޮތުން، ޢާއްމު ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާން ފެށި ނަމަވެސް، އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގެން، އެކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި، އަދި މިއަހަރުގެ ތެރޭގައި މިގޮތުން އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން އިރާދަކުރެއްވިޔާ ކަށަވަރުކުރައްވާނެ ކަމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި، އެންމެ އިންސާފުވެރި ގޮތް، ސަރުކާރުން އަބަދު ވެސް އިސްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެސް.ޓީ.އޯގެ ބޭސްފިހާރަތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ބޭހުގެ ނިސްބަތް އިތުރުކޮށް، މާތް ﷲ ގެ ވާގިފުޅާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުންނަ ކޮންމެ ރައްޔިތަކަށް ވެސް، އިތުރު ޚަރަދެއް ނުވަތަ އިތުރު ދަތުރެއް ކުރަން ނުޖެހި، ފެންވަރު ރަނގަޅު ބޭސް ލިބޭކަން ކަށަވަރުކުރެއްވުމަށް މުހިންމު ޚިދުމަތްތަކެއް މި އަހަރުގެ ތެރޭގައި ތަޢާރަފުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، އާސަންދަ ޚިދުމަތުގެ ނަންފިލާގަނޑު ހުންނަ ކޮންމެ ބޭސްފިހާރަޔަކީ، ރައްޔިތުންގެ ދުޅަހެޔޮކަމަށް ޚިދުމަތްކުރާ ތަނަކަށް ވާކަން ކަށަވަރުކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ މަނިކުފާނުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ތެލެސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރައްވައި، ފުޅާކުރެއްވުމުގެ އިތުރުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެގޮތް ފަހިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ތެލެސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަވައި، ކޮންމެ އަހަރަކު މަދުވެގެން 10 ކުދިން ބޯންމެރޯއަށް ފޮނުވުމުގެ އިންތިޒާމު ފުރިހަމަކުރައްވައި، ތެލެސީމިއާ ޕްރިވެންޝަން، ކޮންޓްރޯލް އަދި މެނޭޖްމަންޓް މާސްޓަރ ޕްލޭނު 15 އޮކްޓޯބަރ 2024ގައި އިފްތިތާޙުކޮށް، ތަންފީޒީ މަރުހަލާ މިހާރު ވަނީ ފައްޓަވާފައިވާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެ މަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް ސްޓޭޓް އޮފް ދި އަރޓް ތެލެސީމިއާ ހޮސްޕިޓަލެއް، އެކޮމޮޑޭޝަން ބްލޮކާއެކު އެޅުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ނިމި، މި އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުގެ، ޢަމަލީ މަސައްކަތް ހުޅުމާލޭގައި، މި މަޝްރޫޢަށް ޚާއްޞަކުރެވިފައިވާ ބިމުގައި އިރާދަކުރެއްވިޔާ ފެށިގެންދާނެ ކަމުގެ ހެޔޮ ޚަބަރު އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއަށް ދެއްވާ އިސްކަމުގެ ތެރެއިން 24 ގަޑިއިރުގެ ޚިދުމަތްދޭ ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ ގޮތުގައި 1677ގެ ޚިދުމަތް މާރިޗް 2024ގައި ފައްޓަވައި، އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި ލ. ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލަކާއި، ގދ. ގައްދޫ ހޮސްޕިޓަލާއި، ތ. ވިލުފުށި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިއަހަރު ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް، ކުރެވެމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރިޔާސީ ބަޔާން 2025: އާސަންދައިން ހޭދަކުރެވޭ ކޮންމެ ރުފިޔާއަކީ، ދިވެހި ލޮބުވެތި ރައްޔިތެއްގެ ދުޅަހެޔޮކަމަށްޓަކައި ކުރެވޭ ހޭދައަކަށް ބަދަލުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ