އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑްގެ މައްޗަށް ވެރިވެގަތުމުގެ ވާހަކަ ދެއްކެވުމާ އެކު، ކެމްޕޭންގެ މައިގަނޑު ޝިއާރަކީ މިނިވަންކަން ކަމަށް ކަނޑައެޅި ތާރީހީ އިންތިހާބެއްގައި ގްރީންލޭންޑްގައި މިއަދު ރައްޔިތުން ނުކުމެ ވޯޓުލާން ފަށައިފި އެވެ.
ގްރީންލޭންޑަކީ ޑެންމާކުގެ ރަސްމީ ސަރަހައްދެއް ކަމަށް 1953ގައި ކަނޑައެޅި އެވެ. އަދި އެ ރަށުގެ ހާރިޖީ ކަންކަމާއި ދިފާއީ އަދި މަނިޓަރީ ސިޔާސަތު ކޮންޓްރޯލް ކުރަނީ ޑެންމާކުންނެވެ. މިނިވަންކަމާ ބެހޭ ގޮތުން 2009 ވަނަ އަހަރުން ފެށިގެން ފެންނަ ނުފެންނަ ވޯޓެއް ލުމުގެ އިހްތިޔާރު އެ މީހުންނަށް އޮތީ ލިބިފަ އެވެ. އަދި ބައެއް ރައްޔިތުން ދެކޭ ގޮތުގައި އިންތިހާބަކީ ވަކިވުމަށް ލިބޭ ފުރުސަތެކެވެ.
ގްރީންލޭންޑްގެ ގިނަ ރައްޔިތުން ތާއީދު ކުރަނީ އެ ގައުމުގެ ކުރީގެ އިސްތިއުމާރީ ވެރިޔާ، ޑެންމާކްގެ ކިބައިން ސިޔާސީ އަދި އިގްތިސާދީ މިނިވަންކަން ހޯދުމަށެވެ. ނަމަވެސް ދިރިއުޅުމުގެ ހާލަތަށް ކުރާނެ އަސަރުތަކާ މެދު ހިޔާލު ތަފާތުވާ ބަޔަކު އެބަތިއްބެވެ. އެއީ ޑެންމާކުން ގްރީންލޭންޑްގެ އިގްތިސާދަށް އަހަރަކު ބިލިއަނެއްހާ ޑޮލަރު ހަރަދުކުރާތީ އެވެ.
އެއީ މުއްސަނދި އެހެން ނަމަވެސް ވަރަށް ގިނަ އަތްނުލެވި ހުރި ވަސީލަތްތައް ހުރި ރަށެކެވެ. އޭގެ ތެރޭގައި ވަރަށް މަދުން ނޫނީ ނުފެންނަ މިނަރަލްސް ވެސް ހިމެނެ އެވެ.
ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ގްރީންލޭންޑްގެ ސްޓްރެޓެޖިކް ލޮކޭޝަނަކީ ޔޫރަޕުން އުތުރު އެމެރިކާއަށް ދަތުރުކުރާ އެންމެ ކުރު މަގަކީ އެމެރިކާގެ ބެލިސްޓިކް މިސައިލް ނިޒާމަށް ވަރަށް މުހިންމު މަގެކެވެ.
މިއަދު ލާ ވޯޓު އެ ތަނުގެ ގަޑިން 11ގައި ފަށައި މިރޭ 10ގައި ނިންމާނެ އެވެ. އެ އިންތިހާބުގައި ހިޔާލު ހޯދުމުގެ ޕޮލެއް ނުނަގަ އެވެ. ވޯޓުގެ ނަތީޖާ އެނގޭނީ މާދަމާ ގަޑިން 1 އިން 3އާ ދެމެދު އެވެ.
ގްރީންލޭންޑްގެ 57،000 ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 40،500 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް ގްރީންލޭންޑްގެ ޑޮމެސްޓިކް އެފެއާޒް މިނިސްޓްރީން ބުނެ އެވެ. އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި އާންމު އިންތިހާބުގައި ގާތްގަނޑަކަށް 27،000 މީހުން ވޯޓުލާފައިވެ އެވެ.
ގްރީންލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގައި ތިބެނީ 31 މެންބަރުންނެވެ. އަގުލަބިއްޔަތަށް ބޭނުންވަނީ 16 ގޮނޑި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވަނީ ގްރީންލޭންޑް ހިފުމާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އަދި އެމެރިކާގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އާކްޓިކް ސަރަހައްދު "އެއްގޮތަކުން ނުވިއްޔާ ނުވަތަ އެހެން ގޮތަކުން" ވެސް ހޯއްދަވާނެ ކަމަށެވެ.
ގްރީންލޭންޑްގެ އެއް ޗެމްބަރުގެ މަޖިލީހުގައި ވެރިކަން ކުރާ ފެކްޝަނަކީ މިނިވަން ކަމަށް ތާއީދުކުރާ ވާތުފިޔައިގެ ޕާޓީއެއް ކަމަށްވާ އިނުއިޓް އަޓަކަޓިގިއިޓެވެ. ނަމަވެސް އިގްތިސާދީ ގޮތުން ޑެންމާކަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ވަސީލަތެއްގެ ގޮތުގައި މައިނިން މަޝްރޫއުތަކާ ދެކޮޅު ހަދަ އެވެ.
ތާރީހީ ގޮތުން މިނިވަންކަމާ ދެކޮޅު ހެދި ސެންޓާ ލެފްޓް ސިއުމުޓާ އެކު އައިއޭ އޮތީ ކޯލިޝަނެއްގަ އެވެ. މިދިޔަ މަހުގެ ތެރޭގައި ސިއުމުޓްގެ ލީޑަރު ވަނީ މިނިވަން ކަމުގެ ވޯޓެއް ބޭއްވުމަށް ވައުދުވެވަޑައިގެންފަ އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީއަކީ މިނިވަންކަމަށް ތާއީދުކުރާ ސެންޓްރިސްޓް ނަލޭރާކެވެ.
ޖެނުއަރީ މަހު ކުރި ސާވޭއެއްގައި ގްރީންލޭންޑުގެ %56 މީހުން މިނިވަންކަމަށް ތާއީދުކުރި އިރު، %85 މީހުން ވަނީ އެމެރިކާއާ ގުޅުމުގެ ވިސްނުމާ ދެކޮޅު ހަދައިފަ އެވެ.
ތާރީހީ އިންތިހާބެއްގައި ގްރީންލޭންޑްގައި ވޯޓުލާން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ