މަސްތުން މިންޖުވާން އައްލާމް ކުރި ވޭނީ ދަތުރު: މި ހަޔާތުގައި މުޅިން ވެސް އިބުރަތް!

ގޭންގަކާ ޖެހުނު މައްސަލައެއްގައި އެ މީހުންގެ ބާރު ހިނގާ ތަނަކަށް މުހައްމަދު އައްލާމް ރަޝީދު، 24, ގެންދިޔައެވެ. އެ މީހުން އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދިނެވެ. ބޯ ފަޅައިލިއެވެ. އެއީ ތަދާއި ވޭން އިންތިހާއަށް އައްލާމް އިހުސާސްކުރި ދުވަހެކެވެ. އެ މީހުންގެ ބާރު ހިނގާ ތަނަކަށް އައްލާމް ގެންގޮސް އޭނާ ރަހީނުކޮށް، ތަޅައި އަނިޔާކޮށް "ދިރިހުއްޓާ މަރައިލި" އެވެ. އެކަމަކު، އެކަން އައްލާމަށް ވީ ނަސީބަކަށެެވެ. ސަބަބަކީ، އެއީ އައްލާމަށް މަސްތުގެ ކަނޑުން ސަލާމަތްވެ ސަލާމަތުގެ އައްސޭރިއެއް އަތުޖައްސަން ފަށަން މަޖުބޫރު ކުރުވި ހާލަތެވެ. މިއީ ކުޑަމިންވަރެކެވެ. މަސްތުގެ ދުނިޔެ އައްލާމަށް އެފަދަ އެތައް ކުލައެއް ދެއްކިއެވެ. އޭނާގެ ހިތި މާޒީއާއި، ބަދަލުވި ދިރިއުޅުމުގެ ވާހަކަ "ސަން"އާ ހިއްސާކުރިއެވެ. ސްކޫލް ދައުރުން ފަށަން ޖެހުނު ވިޔާނުދާ ދިރިއުޅުން! އައްލާމް އޭނާގެ ވާހަކަ ފެށިއެވެ. އެއީ ފުރާވަރަށް އޭނާ އެޅި ދުވަސްވަރެވެ. އުމުރުން 13 އަހަރެވެ. 400 މީހުން އަދިވެސް ހަމަ ނުވާ ނ. ފޮއްދޫގައި އުޅުނު މި ޒުވާނާގެ ދިރިއުޅުން އޭރު ވެސް އުފާވެރިއެއް ނޫނެވެ. އެއީ އޭނާގެ މަންމައާއި ބައްޕަ ވަކިވި ދުވަސްވަރެވެ. ހިތްހަމަޖައްސާލުމަށް އޭނާ ކޮށް އުޅޭ ކަމަކީ މަސް ބޭނުމެވެ. އެއީ އޭނާގެ ބައްޕަގެ ވެސް ހޮބީއެވެ. އޭރު ރަށުގައި އާބާދީ މަދުވުމުގެ ސަބަބުން ކިޔަވައިދެނީ ހަމައެކަނި ގްރޭޑް ހަތަކާ ހަމައަށެވެ. އިތުރަށް ކިޔަވަން ބޭނުންނަމަ ދާން ޖެހެނީ މާލެއަށް ނުވަތަ އަތޮޅުގެ އެހެން ރަށަކަށެވެ. އެހެންވެ، އައްލާމް ބަދަލުވީ މާލެއަށެވެ. "މާލެއަށް ބަދަލުވެފަ ވަނީ ގަލޮޅު މަދަރުސާއަށް. އެކަމަކު އެ ތަނުގައި ވެސް ކިޔެވެނީއެއް ނޫން. ބުލީގެ ބައި ވަރަށް ބޮޑު. ވާގޮތަކީ އަހަރެން މަޑުމަޑުން އިންނާތީ ކުދި އަނިޔާކޮށް މަލާމާތްކޮށް ހަދާނެ،" މުހައްމަދު އައްލާމް ރަޝީދު -- އެކަމަކު އެކަމާ ދެކޮޅަށް އެއްޗެކޭ ބުނާނެ ހިތްވަރެއް އައްލާމްގެ އޭރު ނެތެވެ. ޓީޗަރަކު ގާތު އެ ވާހަކަ ބުންޏަސް މާ ބޮޑު ވަރު އަރުވައިލައެވެ. ތަޅައި އަނިޔާ ވެސް ކުރަން ފެށީއެވެ. އެ ހިސާބުން އައްލާމްއަށް ވިސްނުނީ އެހެން ގޮތަކަށެވެ. އެ މީހުންގެ ތެރޭގައި އުޅެވޭނީ އެ މީހުން އުޅޭ ގޮތަށް އުޅެގެން ކަމަށެވެ. އިތުރު ގޮތެއް އޭނާއަކަށް ނުފެނުނެވެ. މަޑުމަޑުން ކްލާސް ތެރޭގައި އިންނާތީ އޭނާ ވީ ހަނގާގެ ޝިކާރައަކަށެވެ. "މުޅި ކްލާހުގައި ވެސް ތިބެނީ އެ ކަހަލަ މީހުން. ދެން އަހަރެން ވެސް އެ ހިސާބުން އެ މީހުން އުޅޭ ފާޑަށް އުޅެން ފެށީ. ޓީޗަރުންނަށް އުނދަގޫކޮށް،" އައްލާމް ކިޔައިދިނެވެ. ސްކޫލުން ކެނޑި ގޭންގު ދިރިއުޅުމަށް! ގަލޮޅު މަދަރުސާގެ އެ މާހައުލުގައި އެއް އަހަރެވެ. ކެތް ނުވެގެން ނުކުމެގެން "ކިޔެވޭތޯ" އައްލާމް ބަދަލުވީ މަޖީދިއްޔާ ސްކޫލަށެވެ. ގުރޭޑް ނުވަޔަކަށެވެ. އެކަމަކު، އެ ތަނުގައި ވެސް އައްލާމަކަށް ނުކިޔެވުނެވެ. "ދެން ދެ އަހަރު ރިޕީޓް ވީމަ އަހަރެން ފޫހިވެއްޖެ ކިޔަވަން. އެ ހިސާބުން ސްކޫލުން ކެނޑުނީ،" އައްލާމް ކިޔައިދިނެވެ. ސްކޫލުން ކެނޑިގެން ކަމެއް ނެތިފައި އައްލާމް ހުރީއެވެ. މާލެތެރޭގައި އެހެން އުޅެމުން، ރައްޓެއްސަކާއެކު ދެން ފެށީ އާޓިފިޝަލް ބީޗަށް ދާށެވެ. އެ ތަނުން އެއްފުރައިގެ އެކި ކުދިންނާ ބައްދަލުވެ ބޮޑު ގުރޫޕެއް އުފެދިއްޖެއެވެ. "އެތާ އެހެން އުޅެނިކޮށް ގޭންގެއްގެ ބޮޑެއް އަންނަނީ އަހަރެމެން ކައިރިއަށް. އައިސް ބުނަނީ ކަލޭމެން ކުދިކުދި ކުދިންތަކެއް ނޫންހޯ. މީހަކު އައިސް ޖެހިޔަސް ކުރެވޭނެކަމެއް ނޯންނާނެ ނޫންހޯ. އަހަރެމެން ހިސާބަށް ޖޮއިން ވާންވީ ނޫންހޯ،" އައްލާމް ކިޔައިދިނެވެ. "ދެން އަހަރެމެން އެންމެން މަޝްވަރާ ކޮށްފައި ޖޮއިންވީ،" އެ ހިސާބުން އައްލާމްގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވިއެވެ. ގޭންގަކަށް ވަދެ މަގުމަތީގައި "ދިރިއުޅެން" ފެށީއެވެ. އެއީ ވަރަށް "ކޫލް" ކަމެއް ކަމަށް ވިސްނި، އެ ކަމުގެ ތެރޭގައި އަބަދު އުޅެވެން ފެށުނީއެވެ. މާ ގިނަ ދުވަހެއް ނުވެ އެ ހިސާބުގައި ބަސް ވިކޭ މީހަކަށް އޭނާ ވިއެވެ. އައްލާމް ސައިކަލު ފޮހުމުގައި -- ސަން ފޮޓޯ: އިބްރާހިމް ޝަމްވީލް "އެ މީހުންނާއެކު ޖަރީމާތައް ވެސް ހިންގަން ފެށީ. ތަޅާފޮޅުމާ އެކަހަލަ ބައިވަރު ކަންކަން،" މާޒީގެ ވާހަކަ އައްލާމް ހިއްސާކުރިއެވެ. ނޭނގިހުއްޓާ އައްލާމް މަސްތުގެ ކަނޑަށް! ގޭންގަކާ ގުޅި ދުވަސްތަކެއް ހޭދަވި އިރުގައި ވެސް އައްލާމް މަސްތުވާ އެއްޗެއް ބޭނުމެއް ނުކުރެއެވެ. އެކަމަކު، އެ އޮޔެގައި ޖެހި އެ ދިމާލަށް ވެސް ދަމަން ފެށީއެވެ. "އެއް ރޭ ކުޑަ ބެޗު އެންމެންނަށް ދެނީ ރާ. މަށަކަށް ނުކެރުނު ބޯކަށް. އެ މީހުންނަށް ވަގަށް މަ ފުޅި އެއްލާލީ،" އައްލާމް ކިޔައިދިނެވެ. އެކަމަކު، އެ ވަރަކުން އައްލާމް ސަލާމަތެއް ނުވިއެވެ. މީހަކު އެއް ދުވަހަކު ގެންގޮސް އޭނާއަށް ދިނީ ބޮގަރެވެ. އެއީ އޭނާ ފުރަތަމަ މަސްތުވާއެއްޗެއް ބޭނުންކުރި ދުވަހެވެ. "އަހަރެން ވެސް ބޯން ހުރީމަ ބުއީ. މީހަކަށް މީހަކު ހަލާކެއް ނުކުރެވޭނެ،" އައްލާމް ބުންޏެވެ. "ދެން މަޑުމަޑުން ގޮސް ދިޔައީ ތެލަށް. ވަރަށް ގިނަ އަހަރުތަކެއް އޭގައި އުޅުމަށްފަހު މަ އެންމެ ރުޅި އަންނަ އެކައްޗަށް ވެއްޓުނީ. އެއީ ހަކުރު،" އޭނާއަށް މި ވަދެވެނީ ހަކުރުގެ ތެރެއަށް ކަމެއް، އެ ބޭނުން ކުރި އިރުގައި ވެސް އައްލާމަކަށް ނޭނގެއެވެ. އެކަމަކު، އޭނާ ބޭނުންކުރި އެހެން ހުރިހާ ޑްރަގަކަށްވުރެ އައްލާމަށް އެ ތަފާތެވެ. އޭނާއަށް އެ ބޯންދިނީ ރައްޓެއްސެކެވެ. ހަފުތާއެއް ވަންދެން އައްލާމްގެ އަތުން އެއްވެސް ހަރަދެއް ނުގޮސް، އެ ރައްޓެއްސަކު އޭނާއަށް އެ ބޯންދިނެވެ. "ދެވަނަ ހަފުތާއަށް މަ ނުބޮއެ ހުރި ރޭ މަށަކަށް ނުއެއް ނިދޭ. ފާޑެއްގެ އުނދަގޫތަކެއް ވަނީ. މަ ދެން އޭނަ ގާތު ބުނީ މިހެން މިހެން ވެޔޭ އެބަ،" އައްލާމް ކިޔައިދިނެވެ. "ބުނީމަ މީނަ ބުނީ ބޮއެބަލާށޯ. ބުއީމަ ރަނގަޅުވާނެޔޯ،" އައްލާމް ސަލާމަތެއް ނުވިއެވެ. ރަނގަޅަށް މަސްތުވާތަކެތީގެ ތެރެއަށް ވަދެ އޭނާ ހުސްވިއެވެ. ބޭނުންނުވާ އެތައް ކަމެއް ކުރެވެން ފެށުނެވެ. ގޭތެރެއިން ވެސް ވައްކަން ކުރަން ފެށީއެވެ. ވައްކަންނުކޮށް ފައިސާ ހޯދަން ކާނިވަލަށް "ގޭތެރެއިން ވައްކަން ކުރެވެން ފެށީމަ މަ ހިތަށް އެރީ އަސްލުކޮށްގެން ވާނެ ކަންކަމެއް ނޫނޭ މި ކުރެވެނީ. އާއިލާ މީހުންގެ އެއްޗިއްސޭ. ކޮންމެވެސް އެހެން ގޮތެއް ހޯދަން ވެއްޖެއޭ،" އައްލާމް ކިޔައިދިނެވެ. އޭރު ވެސް ނުބޮއެ ފަރަކު ނުޖެހެއެވެ. "ސިކުވަނީ"އެވެ. ބޯ ހާސްވެ، އެތައް އުނދަގުލެއް ވަނީއެވެ. މާޔޫސީ ދިރިއުޅުމެކެވެ. އުފަލެއް ނެތީއެވެ. އެއް ދުވަހެއްގައި ކާނިވާ ކައިރިން ހިނގައިފައި އައްލާމް ދަނިކޮށް އޭނާއަށް ފެނުނީ ހައެއްކަ ދިވެހީން ސައިކަލު ސާފުކުރާ ތަނެވެ. އެ ކަމަށް ޝައުގުވެރިވެގެން، އޭނާ ގޮސް އެ ކަން ކުރާ ގޮތާއި، އަގު އޮޅުންފިލުވިއެވެ. "ޖެހިގެން އައި ދުވަހު މަ ވެސް ދިޔައީ އެ ކަން ކުރަން. ވަރަށް ރަނގަޅު ހަމަ. ފުރަތަމަ ދިޔަ ދުވަހު ވެސް ލިބުނު 560 ކޮންމެސް އެއްޗެއް،" އައްލާމް ކިޔައިދިނެވެ. ސޯސަން މަގު ޕާކިން ޒޯނުގައި އައްލާމް ފޮޓޯއަކަށް ހުއްޓިލައިގެން -- ސަން ފޮޓޯ: އިބްރާހިމް ޝަމްވީލްކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައްލާމަށް އެތައް ކަސްޓަމަރުންނެއް ލިބުނެވެ. އޭނާ މަސައްކަތް ކުރީ އިހުލާސްތެރިކަމާއެކުގައެވެ. މީހެއްގެ މުދަލަކަށް ގެއްލުމެއް ނުދެއެވެ. މީހެއްގެ އެއްޗެއް ސައިކަލެއްގައި އޮތަސް، އެ ނަގައި ވައްކަމެއް ނުކުރެއެވެ. އެކަމަކު، އޭރު ވެސް ލިބޭހާ ފައިސާއެއް އައްލާމް "ތަޅާ ބުރުވާލީ" މަސްތުވާށެވެ. އެއީ ވައްކަން ނުކޮށް މަސްތުވާތަކެތި ބޭނުންކުރަން އޭނާ ފެށި މަސައްކަތެކެވެ. މާޒީން ނުކުމެ އާ ދިރިއުޅުމަކަށް! އައްލާމު ރިހެބަށް ގޮސް އިސްލާހުވާން އެންމެ ބޭނުންވި ސަބަބަކީ އޭނާއަށް މަސްތުގެ ދުނިޔޭން ލިބުނު އަނިޔާތަކެވެ. އެއީ ފުރަތަމަ ވެސް ކިޔައިދިން އަނިޔާގެ ވާހަކަތަކެވެ. ޖެހުނު މައްސަލައެއްގައި ގޭންގަކުން އޭނާއަށް "ހޭއަރުވާލީ" އެވެ. އެ ތަނުން އެ ގޮތް މި ގޮތުން ސަލާމަތްވެގެން ނުކުމެ، އައްލާމް ފުރަތަމަ ދިޔައީ ގެއަށެވެ. ގެއަށް ގޮސް، އަނެއްކާ ވެސް އައްލާމަށް ޖެހުނީ މަސްތުވާށެވެ. އެހެން ގޮތަކުން އެ އަނިޔާތަކުގެ ވޭން އޭނާއަށް ބަރުދާސްތެއް ނުކުރެވުނެވެ. ގެއަށް ގޮސް މަސްތުވެ، އިންދާ އޭނާގެ މަންމަ ވެސް އައެވެ. އޭނާ ހޯދަން ނުކުމެ އެ ތަން މި ތަނުގައި އުޅުމަށް ފަހުއެވެ. ހުރީ ހާސްވެ ކަންބޮޑުވެފައެވެ. "މަންމަ އައިސް ކޯޗެކޭ ބުނާނީ... ރޯން ފެށީ މަ ގައިގައި ބައްދައިގެންފައި،" އައްލާމް ކިޔައިދިނެވެ. އެ ވަގުތު އޭނާ ދިޔައީ ހޮސްޕިޓަލަށެވެ. ހަފުތާއެއް ވަންދެން ފަރުވާ ދިނުމަށްފަހު، އޭނާގެ އަމިއްލަ ސިފަ އޭނާއަށް ފެނުނީ ވެސް ހަތް ދުވަސް ފަހުންނެވެ. "އަހަންނަށް އަހަރެންގެ ސިފަ ވެސް ވަކިނުވޭ. ޑޮކްޓަރުން ބުނީ ކިޑްނީ ވެސް ކިރިޔާ ފެއިލް ނުވެ ހުރީ،" އައްލާމް ކިޔައިދިނެވެ. ވާހަކަ އަޅުގަނޑުމެންނާ ހިއްސާކުރަމުން ދިޔައިރު ވެސް އައްލާމްގެ މޫނުމަތިން ފެންނަނީ އޭނާގެ މާޒީއާމެދު ހިތާމަކުރާ މިންވަރެވެ. އެ ހިތި މާޒީ އޭނާއަށް ނަގައިދިން ފިލާވަޅުތަކެވެ. މަސްތުވާތަކެތީގެ ތެރޭގައި އުޅުމުގެ ތެރޭގައި "ބަސްޓެއް"ވެ އައްލާމްގެ މައްޗަށް އޮތީ ހުކުމެއް ކޮށްފައެވެ. އެއީ ފަރުވާ ހޯދުމަށް އޭނާއަށް ކުރި ހުކުމެކެވެ. ސައިކަލު ފޮހެން ފެށިތާ ދުވަސްކޮޅެއް ފަހުން، އޭނާއަށް ފަރުވާއަށް ދިއުމުގެ ފުރުސަތު ލިބުނެވެ. "މަ ބުނިން ކައުންސިލަރު ކައިރީ މާލޭގައި ހުރެގެން މަށަށް ފަރުވާ ކުރިއަކަށް ނުގެންދެވޭނޭ. ޔޫރިން ނަގާ ކޮންމެ ފަހަރަކު އެބަހުރޭ ޕޮޒިޓިވްވެފަ. މިހެން ކުރިއަށް ގެންދަންޏާ މަ ގޮޅިއަކަށްނު ލާނީ. މަ ބުނިން ރިހެބް ސެންޓަރަށް ފޮނުވަދޭށޭ،" އައްލާމް ކިޔައިދިނެވެ. ރިހެބަށް ފޮނުވަން ހުކުމް ކުރަން އޮތް ދުވަހު، އެންޑީއޭގެ ވަކީލުން އެދުނީ އައްލާމް ޖަލަށް ލާށެވެ. "މި ކަހަލަ މީހުން ރަނގަޅެއް ނުވާނޭ" ބުނެއެވެ. އެކަމަކު، އިސްލާހުވާން ބޭނުންކަމަށް ބުނެ، އައްލާމް ގާޒީގެ އަރިހުން އެދުނީ އެންމެ ފުރުސަތެއް ދިނުމަށެވެ. "ބުނީމަ އެންޑީއޭއިން ބުނީ ނުވާނޭ ރަނގަޅެއް. ދެން ގާޒީ ވިދާޅުވީ ކިހިނެއްހޭ ތިކޮޅަށް އެނގެނީ. ތިކޮޅުން އޭނާ ގޮޅިއަށް ފޮނުވާށޭ ބުންޏަސް، އަހަރެން އައްލާމްއަށް އެއް ފުރުސަތު ދޭނަމޭ. އެ ފުރުސަތުގެ ބޭނުން ނުހިފައިފިއްޔާ އަހަރެން ޖެހޭނީ އައްލާމް ޖަލަށް ލާށޭ،" އެ ދުވަހުގެ ހަނދާންތައް އައްލާމް އައުކުރިއެވެ. އެ ދުވަހު އައްލާމް ވަރަށް އުފާވިއެވެ. ވަގުތުން ފުރައިގެން އޭނާ ދިޔައީ ރިހެބަށެވެ. ހަތަރު މަސް ދުވަހު އޭނާ ރިހެބުގައި ހޭދަކުރިއެވެ. ފަރުވާ ނިންމުމަށްފަހު އައިސް، ފުރަތަމަ ތިން މަސް އޭނާ ހޭދަކުރީ މާލޭގައި އޭނާގެ ކޮޓަރީގައެވެ. ފޭސްބުކް އެކައުންޓު ޑިއެކްޓިވޭޓް ކޮށްލިއެވެ. ނަންބަރު ބަދަލުކުރިއެވެ. ބޭނުމަކަށްވީ، ކުރީގެ ވިޔާނުދާ އެކުވެރިން ދޫކޮށްލުމެވެ. އެ މީހުންނާއެކު އުޅެން ފަށައިފިނަމަ އަނެއްކާ ވެސް އޭނާ އެ މަގުން ކަސިޔާރު ވެދާނެތީއެވެ. އެކަމަކު މަސައްކަތެއް ނުކޮށް އޮންނަން ޖެހުމުން އަތްމަތި ދަތިވާން ފެށިއެވެ. އެހެންވެ، އަނެއްކާ ވެސް އޭނާ ނިންމީ ކާނިވަލަށް ދާށެވެ. އެ ތަނުން އޭނާގެ ކުރީގެ ރައްޓެހިންނާ ވެސް ދިމާވިއެވެ. "ރިހެބުގައި ވެސް ކިޔައިދީފަ އޮންނަނީ ނޯ ބުނަންވާ ތަނުގައި ނޯ ނުބުނެވިއްޖިއްޔާ ބޮވޭނެ. މަ އެ މީހުން ކައިރި ބުނިން ކަލޭމެން ރަނގަޅުވެގެން އަންނަަންޏާ އަންނާށޭ. މަގުމަތިން ފެނުނީމަ އިންސާނެއްގެ ހައިސިއްޔަތުން ވާހަކަ ދައްކާނަމޭ،" "އެކަމަކު ހޭންގް އައުޓްކޮށް ނޫޅެވޭނޭ،" އައްލާމް ސައިކަލު ފޮހެނީ -- ސަން ފޮޓޯ: އިބްރާހިމް ޝަމްވީލް އައްލާމް އެ ރައްޓެހިން ދުރުކޮށްލިއެވެ. އެނބުރި އޭނާގެ އަނދިރި މާޒީގެ ތެރެއަށް ފީނައިގަންނަން ބޭނުން ނުވާތީއެވެ. އަނެއްކާ އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލައި ވެސް ނުލާން ވެގެނެވެ. ބައްޕައަކަށްވެ، މަސްތާ މާ ދުރަށް! ރިހެބުން އައިސް މާ ގިނަ ދުވަސްތަކެއް ނުވެ، އައްލާމް ނިންމީ ޒަވާޖީ ހަޔާތެއްގެ ގޮށް ޖަހައިލާށެވެ. އެއީ އޭނާއަށް މަސްތުން ސަލާމަތްވުމަށް ހުޅުވޭނެ ދޮރެއް ކަމަށް ބަލައިގެންނެވެ. ކައިވެނިކޮށްފައި މާ ގިނަ ދުވަހެއް ނުވެ، އައްލާމްގެ ދެމަފިރިން ދަރިއަކު ހޯދިއެވެ. "މެރީ ކޮށްގެން މާ ގިނަ ދުވަހެއް ނުވެ މަ ކިޑެއް ހޯދީ. އެއީ ބޭނުންވެގެން ހަމަ. ކިޑެއް ހޯދި ސަބަބަކީ މަސްތުވާތަކެތިން ދުރުވާން ފަސޭހަ ވާނެ. އަހަންނަށް އެއާ ދިމާލަށް ދާން އުޅޭއިރު ވެސް ވިސްނާލެވޭނެ އަހަރެންގެ ދަރިއަކު އެބަހުރިކަން،" އައްލާމް ކިޔައިދިނެވެ. އެ ދަރިފުޅު ބެލެހެއްޓުމުގެ ޒިންމާއާ އައްލާމް ހަވާލުވީ އުފަލާއެކުގައެވެ. ދަރިފުޅު ލިބެން އުޅޭކަމުގެ ޚަބަރުން އޭނާގެ މުޅި ދުނިޔެ އުޖާލާކުރުވިއެވެ. އޭނާ ބޭނުންވީ އެ ދަރިފުޅަށް ބައްޕައެއްގެ ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި ދޭށެވެ. އެހެނަސް، މަސްތުގެ ކަނޑުގައި ފަތަމުން، އެ ކަން ނުވާނޭކަން އައްލާމަށް ޔަގީންވެއެވެ. އެއީ ވެސް އޭނާ މަސްތުން ދުރުގައި ހުންނަން މަޖުބޫރުކުރުވާ ސަބަބެކެވެ. މަސްތާ މާ ދުރަށް ގޮސް، އޭގެ ވަބާ ދެކެ ނަފުރަތުކުރަން ފެށި ސަބަބުވެސް މެއެވެ. "އަހަރެންގެ ހުރިހާ ވެސް އެއްޗަކީ އެއީ. އަހަރެންގެ ހުރިހާ ވެސް މީހަކީ އެއީ،" އައްލާމް ބުނެލިއެވެ. ދިމާވި މައްސަލަތަކެއްގެ ސަބަބުން، އައްލާމްގެ ކައިވެނި ވެސް މީގެ ދުވަސްކޮޅެއް ކުރިން ނިމުމަކަށް އައެވެ. އެއީ އޭނާގެ އެކަނިވެރި ދިރިއުޅުން އިތުރަށް ފަޅުކޮށްލި ކަމެކެވެ. ހިތާމަވެރިކަން ވެސް އިތުރުކުރުވި ކަމެކެވެ. "ބޯނެ ނަމަ ބުއީސް މި ކަންތައްތަކާ ދިމާވީމަ،" އައްލާމް ބުނެލިއެވެ. ދިރިއުޅުން އުނދަގޫވެ، ޑިޕްރެޝަންގެ ހާލަތަށް ގޮސް ވެސް ބައެއް މީހުން އެނބުރި މަސްތުގެ ހާލަތަށް ގޮސްފައި އެބަހުއްޓެވެ. އެކަމަކު، އައްލާމް ތަފާތެވެ. އޭނާ ހިތްވަރު ކުރީ އޭނާގެ އަމިއްލަ ނަފްސާއި ދަރިފުޅަށް ޓަކައެވެ. މިއަދު އެ ކައިވެނި ރޫޅިފައި ވީ ނަމަވެސް، އައްލާމް އޭނާގެ ދަރިފުޅާއެކު ވަގުތު ހޭދަކުރެއެވެ. އެއީ އޭނާގެ އެންމެ ބޮޑު އުފަލެވެ. މި އިންޓަވިއު ނެގި ރޭ ވެސް އަޅުގަނޑުގެ ގާތުގައި އައްލާމް ބުނެލިއެވެ. "މިއަދު ހަވީރު ވެސް ދިޔައިން ދަރިފުޅު ގޮވައިގެން ހިނގާލަން. ވަރަށް ލޯބި. ވަރަށް ފްރެންޑްލީ އޭނަ،" ލުއި ހިނިތުންވުމަކާއެކު އައްލާމް ބުނެލިއެވެ. އައްލާމްގެ ދުވަސް މިހާރު ވެސް ފަށަނީ ކާނިވަލުންނެވެ. ނިންމައިލަނީ ވެސް ކާނިވަލުންނެވެ. މަސްތުވާތަކެއްޗަކީ މިހާރު އޭނާގެ ދިރިއުޅުން ދަންނަ އެއްޗެއް ވެސް ނޫނެވެ. އެކަމަކު، ސައިކަލު ފޮހުމަކީ އައްލާމް އަބަދު ކުރަން ބޭނުން ކަމެއް ނޫނެވެ. ދަރިފުޅު ބޮޑުވެގެން އަންނައިރު، ހަރުދަނާ ވަޒީފާއެއްގައި ހުންނަން އޭނާ ބޭނުންވެއެވެ. "ކައިރި ރިސޯޓަކުން ނުވަތަ އެމްޓީސީސީ ކަހަލަ ތަނަކުން ވަޒީފާ ލިބުނަސް މަ ވަރަށް އުފާވާނެ،" އައްލާމް ބުންޏެވެ. އައްލާމް: އޭނާގެ ހަޔާތުގައި ވަނީ މުޅިން ވެސް އިބުރަތް -- ސަން ފޮޓޯ: އިބްރާހިމް ޝަމްވީލް އައްލާމްގެ މާޒީއަކީ އަނދިރި މާޒީއެކެވެ. އޭގައި ވަނީ އޭނާ މަސްތުގެ ކަނޑުގައި ފެތި ފެތުމެވެ. ގަނަތެޅުނު ގޮތެވެ. އެއަށްފަހު އޭނާ ސަލާމަތުގެ އައްސޭރިއަކަށް ވާސިލުވި ގޮތެވެ. މަސްތުން މިންޖުވެ، ހަށި ފޮޅައިލާ ހިންދެމިލި ގޮތެވެ. ދިރިއުޅުމައިގެން އައު އަޒުމަކާއެކު ދުއްވައިގަތް ގޮތެވެ. އޭނާގެ ގަދަ ހިތްވަރުގެ ވާހަކައެވެ. އައްލާމްގެ މި ވާހަކައަކީ މިއަދު މަސްތުގެ ކަނޑުގައި ޣަރަގުވެފައިވާ ޒުވާނުންނަށް އިބުރަތެކެވެ. ފިލާވަޅެކެވެ. މަސްތުގައި ޖެހި އައްލާމްގެ ދިރިއުޅުން ވިއްސިވިހާލިވެ، ހަފުސްވިއެވެ. އެކަމަކު، އޭނާ މިއަދު ބިނާކުރަމުންދާ ހަޔާތަކީ އޭނާގެ ދަރިފުޅަށް ޓަކައި ބިނާކޮށްދޭ އަގުބޮޑު ގަނޑުވަރެކެވެ. ކަނިވެ ނިވެމުންދިޔަ ދިރިއުޅުމުގައި އައްލާމް ރޯކުރީ އުންމީދުގެ ހުޅުކޮޅެކެވެ. އެ ހުޅުކޮޅުން އޭނާގެ ހަޔާތް މިއަދު މާ އުފާވެރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ