2007 ވަނަ އަހަރަށްފަހު މިލާން ސެމީ ފައިނަލަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި 2007 ވަނަ އަހަރު ކާމިޔާބުކުރި ފަހުން ފުރަތަމަ ފަހަރަށް މި މުބާރާތުގެ ސެމީ ފައިނަލުން އޭސީ މިލާން ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ސެމީފައިނަލުން މިލާން ޖާގަހޯދީ ކްއާޓަރ ފައިނަލްގައި އިޓާލިއަން ލީގުގެ ތާވަލްގެ އެއްވަނައިގާ އުޅޭ ނަޕޯލީއާ ބައްދަލުކޮށް 2 ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އިޓަލީއަށް ނިސްބަތްވާ މިދެޓީމްގެ ފުރަތަމަ ލެގް މިލާންގެ ދަނޑުގައި ކުޅެ އެއްލަނޑު ސުންލަނޑުން މިލާން ކާމިޔާބުކުރިއިރު، އަންގާރަ ދުވަހުގެރޭ ކުޅުނު ދެވަނަ ލެގް ނަޕޯލީގެ ދަނޑުގައި ކުޅެ އެއްލަނޑު އެއްލަނޑުން ވަނީވީ އެއްވަރުވެފައެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނަޕޯލީއިންނެވެ. ނަމަވެސް މިއާއެކުވެސް ނަޕޯލީއަށް މިލާންގެ ޑިފެންސް ފޫއަޅުވާލުން ވެގެންދިޔައީ ވަރަށް އުނދަގޫ ކަމަކަށެވެ. މިމެޗްގައި މިލާނުން ވަނީ ވަރަށް ރަނގަޅަށް ޑިފެންޑް ކޮށް ލިބުނު ފުރުސަތު ތަކުގައި ކުރިއަށް އަރާ ނަޕޯލީގެ ގޯލަށްވެސް ނުރައްކާކޮށްފައެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ދެތިން ފުރުސަތު ލިބިގެންދިޔައީ މިލާނަށެވެ. މިގޮތުން މެޗްގެ 22 ވަނަ މިނެޓްގައި މިލާނަށް ޕެނަލްޓީއެއް ލިބިގެންދިޔަ ނަމަވެސް އޮލިވަރ ޖިރޫ ޖެހި ޕެނަލްޓީވަނީ ނަޕޯލީގެ ކީޕަރ އެލެކްސް މެރެޓް ދިފާއު ކޮށްފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ޖިރޫ އިތުރު ހަމަލާއެއް ނަޕޯލީގެ ގޯލަށް ފޮނުވާލި ނަމަވެސް އެހަމަލާވެސްވަނީ މެރެޓް ދިފާއުކޮށްފައެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 43 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ މިލާނުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަފައެލް ލިއާއޮ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖިރޫއެވެ. މިމެޗްގެ ދެވަނަ ހާފްގައި ނަޕޯލީއިން އެޓީމްގެ ހަމަލާތައް އިތުރު ކުރި ނަމަވެސް މިލާންގެ ޑިފެންސް ފޫއަޅުވާލުން ވެގެންދިޔައީ އުނދަގޫ ކަމަކަށެވެ. މިމެޗްގައި ނަޕޯލީއަށް ކިރިއާވެސް އަލިކަމެއް ފެނިގެންދިޔައި މެޗްގެ 82 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓިއާއެކުއެވެ. ނަމަވެސް ހަވީޗާ ކްވަރާޓްޝޭލިއާ ފޮނުވާލި ޕެނަލްޓީ ވަނީ މިލާންގެ ކީޕަރ މައިކް މައިގްނޯން ދިފާއުކޮށްފައެވެ. މިމެޗްގައި ނަޕޯލީއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި ޖަހާދިނީ ވިކްޓަރ އޮސިމްހެންއެވެ. ނަމަވެސް މިލަނޑު ކާމިޔާބު ކުރެވުނު އިރު މެޗް ނިމެން މާގިނަ ވަގުތެއް ނެތުމާއެމު އެކަމުގެ ފައިދާ ނަޕޯލީއަށް ނެގޭގޮތެއްނުވިއެވެ.
މިކާމިޔާބީއާއެކު ގިނަ އަހަރުގެ މެދުކެނޑުމަކަށްފަހު މިލާނަށް މިމުބާރާތުގެ ސެމީފައިނަލުން ޖާގަހޯދިފަވާއިރު ސެމީފައިނަލްގައި އެ ޓީމު ބައްދަލުކުރަންޖެހޭނީ އިންޓަރ މިލާނާއި ބެންފީކާ ބައްދަލުކުރާ ކްއާޓަރ ފައިނަލުން ކުރި ހޯދާ ޓީމަކާއެވެ. ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަހޯދި ނަޕޯލީއަށް މިފަހަރު ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް 1990 ވަނަ އަހަރަށްފަހު ސެރީއާ ކާޟިޔާބ ކުރުމުގެ ފުރުސަތު އެޓީމަށް ވަރަށް ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ