ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާހިމް ރިޔާސީ ރޭހަށް ނުކުންނަވައިފި ނަމަ ބައެއް ބޭފުޅުންނަށް އުނދަގޫ އިހުސާސްވާނެ ކަމަށް އެމަނިކުފާނުގެ ސްޕެޝިއަލް އެޑްވައިޒަރ އަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވި ނަވާޒް މިފަދައިން ވިދާޅުވީ، ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގުރާމްގައި ހޯމަ ދުވަހުގެ ރޭ ބައިވެެރިވެވަޑައިގެން "ވީނިއުސް"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ނަވާޒް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ޑިމޮކްރެޓިކް ހަޔާތުގައި ފަނަރަ ވަރަކަށް އަހަރު ފާއިތުވެގެން ދިޔައިރު، އައި ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް ކެންޑިޑޭޓުން ރައީސުންނަށް ހެދުމަށް އެންމެ މުހިއްމު ދައުރެއް އަދާކޮށްދެއްވާ ފަރާތަކީ ޤާސިމް އިބްރާހިމް ކަމަށެވެ. އެއީ ހަގީގަތްކަން ފާހަަގަކުރައްވައި ނަވާޒް ވިދާޅުވީ މިފަހަރު ޖޭޕީން މިތިބީ ޕާޓީގެ ކެންޑިޑޭޓަކު ނެރެގެން ރިޔާސީ އިންތިޚާބަށް ދާން ކަމަށާއި ޕާޓީގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ނަވާޒް ވިދާޅުވީ، މިފަހަރު މިފެންނަނީ ވަރަށް ވަރުގަދަޔަށް ވިހިތޭވީހުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކުރާތަން ކަމަށެވެ. ކޮންމެ ރައީސަކަށްވެސް އެގޮނޑިއާ ހިސާބަށް އާދެވިފައިވަނީ ޤާސިމް އިބްރާހިމްގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުކަން ފާހަގަކުރައްވައި ނަވާޒް ވިދާޅުވީ، އެމަނިކުފާނު ސިޔާސީ މަޝްރަހުގެ ތެރެއަށް ނުކުމެވަޑައިގެން ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިފި ނަމަ ވަރަށް ގިނަ ބޭފުޅުންނަށް އުނދަގޫ އިހުސާސްކުރެވޭނެ ކަމަށެވެ. ސަބަބެއް ކަމަށް ނަވާޒް ފާހަގަކުރެއްވީ ޤާސިމް އިބްރާހިމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި "ކިންގު މޭކާ"އަށް ވެފައި، އިންތިޚާބު ކާމިޔާބުކުރަން އެމަނިކުފާނުގެ އެހީތެރރިކަން ނުހަނު ބޭނުންވާނެތީއެވެ.
މީގެ އިތުރުން، ނަވާޒް ވިދާލުވީ، ޤާސިމް އިބްރާހިމްގެ އެހީތެރިކަން ނުލިބޭ ހާލަތު އައުމުން ސިޔާސީ ވާދަވެރިން ދެން ބަލަނީ ކޮންމެސް ކަހަލަ ބަހުގެ ހަމަލާތަކެއް ދެވޭތޯ ކަމަށެވެ. ނަވާޒް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޝްރަހު ކުއްލިއަކަށް ހަލަބޮލިވެ، ނިއުޅި ރޫޅެމުންދާ މަންޒަރު ފެންނަމުން މިދަނީ އެހެންވެގެން ކަމަށެވެ.
ރިޔާސީ އިންތިޚާބަށް ނުކުންނާނެކަން އިއުލާންކުރި ހިސާބުން ފެށިގެން ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ސަރުކާރުގެ މަގާމުތަކުން އިސްތިއުފާދެއްވަންޖެހޭނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވާއިރު، އެކަމަށް އިޝާރާތްކުރައްވާ ނަވާޒް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ހަޔާތަށް ބަލާއިރު ކޯލިޝަނަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް އިބްރާހިމް މުހައްމަދު ސޯލިހާއެކު ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ކޯލިޝަން އެެއްބަސްވުމެއްގައި ސޮއި ކުރެއްވީވެސް އެސަބަބާ ހުރެ ކަމަށެވެ.
އެއެއްބަސްވުން ހެދިފައިވަނީ ފަސްއަހަރުގެ ރިޔާސީ ދައުރަށްކަން ފާހަގަކުރެއްވުމަށްފަހު، ނަވާޒް ވިދާޅުވީ، އެހެނެކޭ ކިޔާފައި ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށް އަމިއްލަޔަށް ރިޔާސީ ރޭހަށް ނުކުތުމުގެ ހައްގު ނުގެއްލޭނެ ކަމަށެވެ.
ކޮންމެ ޕާޓީއެއްވެސް އުފައްދަނީ ވެރިކަން ހޯދުމުގެ ނިޔަތުގައި ކަމަށް ވިދާޅުވެ، ނަވާޒްވަނީ ރިޔާސީ އިންތިޚާބަށް ނުކުތުމުގެ ހައްގު ކޮންމެ ޕާޓީއަަކަށްވެސް އޮތްކަން ފާހަަކުރައްވާފައެވެ. ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެވާހަަކަ ވަރަށް ތަފުސީލުކޮށް ވިދާޅުވެދެއްވާފައިވާ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރެން ޕާޓީގެ ކައުންސިލުން ފާސްކުރުމާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި ވަޒީރުން އަންނަނީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅުން ސަރުކާރުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވަމުންނެވެ. ރައްޔިތުނެގެ މަޖިލީހުގެ މިއަހަރުގެ ފުރަތަަމަ ދައުރުގެ 18 ވަނަ ޖަލްސާގައިވެސް އެމްޑީޕީގެ ރައީސް ޞާލިޙްގެ ފެކްޝަނަށް ނިިސްބަވްވެވަޑައިގަންނަވާ މެމްބަރުންވަނީ ޖޭޕީ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި މެމްބަރުން އިސްތިއުފާދެއްވަންޖެހޭ ކަމަށް ގޮވާފައެވެ.
އެޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ، ޖޭޕީ އާއި އެމަނިކުފާނުގެ ނިންމެވުމަށް މަރުހަބާ ވިދާޅުވެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ޖަލްސާގައި ވާހަކަދެއްކެވީތީ ވަރަށް އުފާވެއްޖެ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ. ޖޭޕީގެ މެމްބަރުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވި މެމްބަރުންނަށް ރައްދުދެއްވައި ޤާސިމް އިބްރާހިމް ވިދާޅުވީ ޖޭޕީގެ ބޭފުޅުން އިސްތިއުފާދެއްވުމަށް ގޮވާލާއިރު، ޖޭޕީން މިސަރުކާރު ގެންނަން މަސައްކަތްކުރީ ކޯލިޝަން އެއްބަސްވުމެއްގެ ތެރެއިން ކަމަށެވެ. އެ އެއްބަސްވުމުގައި ޖޭޕީއަށް ދޭން ކަނޑައަޅާފައިވާ މިންވަރަށް އަހުދުވެ ވައުދުވެފައިވާ ގޮތަށް ކަންކަން ކޮށްދެއްވިއްޖެތޯ އެބޭފުޅުން އަމިއްލައަށް ސުވާލުކޮށްލަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ، މަގާމުތަކުން ޖޭޕީގެ ބޭފުޅުން އިސްތިއުފާ ނުދެއްވުމަކީ ލަދުވެތިކަމެއް ނޫން ކަމަށާއި ކޯލިޝަން އެއްބަސްވުން ހެދިފައި އޮތީ ދައުރު ނިމެންދެން ކަމަށެވެ. އެހެންކަމުން ޖޭޕީއަަށް ނިސްބަތްވާ ބޭފުޅުން ސަރުކާރުން އިސްތިއުފާ ދެއްވަންޖެހޭނަމަ ރައީސް ޞާލިޙްވެސް އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ރިޔާސީ ރޭހަށް ނުކުންނަވައިފި ނަމަ ބައެއް ބޭފުޅުންނަށް އުނދަގޫ އިހުސާސްވާނެ: ނަވާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ