ދަރިވަރުން ހޯދާ ރަނގަޅު ނަތީޖާއިން ސަރުކާރުގެ މަސައްކަތަށް ހިތްވަރު ލިބޭ: ރައީސް

ތަޢުލީމީ ރޮނގުން ދަރިވަރުން ހޯދާ ފުރިހަމަ ނަތީޖާއިން، ސަރުކާރުން ކުރާ މަސައްކަތަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ސާނަވީ އިމްތިޙާނުން ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ، ރާއްޖޭގެ ކޮންމެ ދަރިއަކަށް، ރަނގަޅު ތަޢުލީމުދީ، ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތު ކުރުމަށް ކަމަށެވެ. އެގޮތުން އެކަން ޙާޞިލްކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ތަޢުލީމު ލިބޭނެ ގޮތްތައް ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ރޮނގުން ކުރިއަށް ދިއުމަށް ފަހިވެފައިވާ ފުރުޞަތުތަކުގެ ބޭނުން، ވީ އެންމެ ފުރިހަމައަކަށް ހިފުމަށް ހުރިހާ ދިވެހި ދަރިވަރުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ކޮންމެ ކުއްޖަކުވެސް ދިވެހި ޤައުމާއި، އެކުއްޖެއްގެ ޢާއިލާތައްވެސް ފަޚުރުވެރިވާނެ ފަދަ، ޢިލްމީ އަދި ހެޔޮލަފާ ކުދިންތަކަކަށްވުމަށް ވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެެ.
ތިޔަ ދަރިވަރުން ދެން ކުރިމަތިލާނީ މަތީ ސާނަވީ މަރުޙަލާއާ. އެއީ ތިޔަ ދަރިވަރުންގެ ކުރިމަގު ބިނާކުރުމަށް ބޭނުންވާ ބިންގާ އަޅައިދޭނެ މަރުޙަލާ. މަތީ ސާނަވީ ފުރިހަމަކުރާ ދަރިވަރުންނަށް ވެސް އަދި މަތީ ތަޢުލީމަށް ކުރިމަތިލާ ދަރިވަރުންނަށްވެސް، އަޅުގަނޑު ދަންނަވަން އޮތީ، އެ ކުއްޖެއްގެ ޤާބިލުކަމާ އެންމެ އެކަށޭނަ ރޮނގަކުން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމަށް އަމާޒު ހިފާށޭ."
ރައީސް ވިދާޅުވީ އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް، ޤައުމީ ޚިދުމަތަށް ނުކުތުމަކީ، ކޮންމެ ދަރިވަރެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް ކަމަށެވެ.
ޤައުމީ ތަރައްޤީގެ ވާހަކަ ވަރަށް ގިނައިން ދެކެވޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ  އެއީ އޭގެ ޒާތުގައި ޤައުމަށް މެދުވެރިވާ ކަމެއް ނޫން ކަމަށާ ތަރައްޤީއަކީ، ޤައުމުގެ ފަރުދުންގެ އަމިއްލަ ޒާތަށް އަންނަ ޢިލްމީ ހޭލުންތެރިކަމާއި، ތަހުޒީބީ ކުރިއެރުމުގެ ޒަރީޢާއިން ޤައުމަށް ގެނެވޭ ބަދަލުތަކެއް ކަމަށެވެ.
މި ވަގުތު ޤައުމު އޮތް ޙާލަތަށް ވިސްނައި، މާދަމާ ޤައުމު އޮންނަން ބޭނުންވާ ގޮތް، ސިކުނޑިއަށް ތަޞައްވަރުކޮށްދެނީ، އެ މީހެއްގެ ކިބައިގައި ހުންނަ ޢިލްމީ ޤާބިލުކަމަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
ތިޔައިން ކޮންމެ ދަރިވަރަކު މަސައްކަތް ކުރަންވީ، މި ދެންނެވި ޢިލްމީ ޤާބިލުކަން ހޯދުމަށް. ތަޢުލީމީ ގޮތުން ކިތަންމެ މައްޗަށް ދަތުރުކުރަން ބޭނުންވިޔަސް، އެ ފުރުޞަތު ދިވެހި ކޮންމެ ދަރިއަކަށް މި ވަގުތު އެބައޮތް. ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް، އެ ފުރުޞަތު މިއަދު އޮތީ ތަނަވަސްވެފައި. ތަޢުލީމުން އެ މީހެއްގެ ސިކުނޑި މުއްސަނދިވާ ވަރަކަށް، އެ މީހެއްގެ ފަރާތުން ޤައުމަށް ކުރާ މަންފާ އިތުރުވާނެ."
ސަރުކާރުން އެދޭ ތަރައްޤީގެ މަންޒިލަށް ޤައުމު ގެންގޮސްދޭނެ ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރެވޭނީ، ޒަމާނީ ތަޢުލީމާއި، ތަރުބަވީ އަޚްލާޤުގެ މާޙައުލަކަށް ސްކޫލްތައް ހަދައިގެންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސްކޫލްތަކުގައި އެފަދަ މާޙައުލެއް ޤާއިމުވާނީ، އެ ތަނެއް ހިންގަން ތިބޭ ވެރިންނާއި، ދަރިވަރުންނަށް ކިޔަވައިދީ ތަރުބިއްޔަތު ކުރަން ތިބޭ ޓީޗަރުންގެ ކިބައިގައި ޢިލްމީ ޤާބިލްކަމާއި ހުނަރު އިތުރުވެގެން ކަމަށެވެ.
ޖުމްލަކޮށް ދަންނަވާނަމަ، ތަޢުލީމީ ދާއިރާގެ އިންސާނީ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން، ސްކޫލްތަކުގެ ޓީޗަރުންނާއި ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް، ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް އެ ގެންދަނީ. އަދި ސްކޫލްތަކުގައި މަސައްކަތް ކުރާނެ ހެލްތު އޮފިސަރުންނާއި، ކައުންސެލަރުން ހަމަކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް އެބަގެންދޭ."
ރައީސް ވިދާޅުވީ ސްކޫލްތަކަށް ބޭނުންވާނެ ވަސީލަތްތައް ހަމަވެފައި ހުރުމަކީ ވެސް މުހިންމު ކަމެއް ކަމަށާ މިދިޔަ ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ވަސީލަތްތައް ފުރިހަމަކުރުމަށް ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ