ކަރަންޓް ވައިރިންއަށް ބަދަލު ގެނައުމުން އަދަބު ދެވޭނެ އުސޫލެއް ބޭނުންވޭ: ސްޓެލްކޯ

ގޭގެއަށް ކަރަންޓް ލައިދިނުމަށްފަހު ކަރަންޓު ވައިރިންއަށް ގެންނަ ބަދަލުތަކާއި ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލެއް އޮންނަން ޖެހޭ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މިހާރު ގޭގެއަށް ކަރަންޓް ލައިދެނީ އެނާޖީ އޮތޯރިޓީން ހުއްދަ ދީފައިވާ ފަރާތަކުން ކަރަންޓް ވައިރު ކުރުމުން ސްޓެލްކޯއިން އެގޭގެއަށް ގޮސް ކަރަންޓް ޓެސްޓް ކުރުމަށްފަހުއެވެ. ނަމަވެސް އޭގެ ފަހުން ގޭގެ ވެރިފަރާތްތަކުން ކަރަންޓަށް ބަދަލުގެނެއެވެ. ނަތީޖާއެއްގެ ގޮތުން ކަރަންޓް ޝޯޓުވެ އަލިފާނުގެ ހާދިސާތައް ހިނގަނީއެވެ. ސްޓެލްކޯގެ އިންޖީނިއަރު އިބްރާހީމް ރައޫފް ސަން އަށް ވިދާޅުވީ ސްޓެލްކޯއިން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށްފަހު ކަރަންޓް ލައިދިނުމުން ކަރަންޓަށް ބަދަލުތައް ގެންނަ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ. ކަރަންޓަށް ބަދަލު ގެނަޔަސް އަދަބު ދެވޭނެ އުސޫލެއް ނީންނަ ކަމަށާއި، އެފަދަ އުސޫލެއް އިނުން މުހިންމު ކަމަށް ރައޫފް ވިދާޅުވިއެވެ. "ބޭރު ގައުމުތަކަށް ބަލާއިރު އިންޓާނަލް ކަރަންޓަށްވެސް ޓެސްޓް ކުރުމަށްފަހު ބަދަލެއް ގެނެވޭނީ އަނެއްކާވެސް ލައިސެންސް އޮންނަ މީހުން، އެކަމަކު ރާއްޖޭގައި އެއުސޫލަކުން ނޫން ކުރަނީއެއް، އެކަހަލަ އުސޫލެއް އޮންނަންޖެހޭ،" ރައޫފް ވިދާޅުވިއެވެ. ވައިރިންއަށް ބަދަލު ގެނައުމުން އަދަބު ދެވޭނެ އުސޫލެއް ނެތް ނަމަވެސް މީޓަރާ ކުޅެފިނަމަ ޖޫރިމަނާ ކުރަމުން އަންނަ ކަމަށް ރައޫފް ވިދާޅުވިއެވެ. އިލެކްޓްރީޝަނެއް ކަމަށްވާ އަބްދުލް ހަމީދު އާދަމް ބުނި ގޮތުގައި ގޭގޭގެ ވެރިފަރާތުން ގިނަ ފަހަރަށް ކަންކުރާ ގޮތަކީ ލައިސެންސް އޮތް މީހެއް ލައްވާ އެނާޖީ އޮތޯރިޓީން ހުއްދަ ދީފައިވާ މިންގަނޑަށް ކަރަންޓް ލަނީ ސްޓެލްކޯއިން ބަލައި ފާސްކުރުމުގެ ކުރިންނެވެ. ސްޓެލްކޯ އިން ކަރަންޓް ދިނުމަށް ފަހު ކަރަންޓް ދިއުމުން ހަރަދު ކުޑަކުރަން އުސޫލްތަކާ ހިލާފަށް ބަދަލުތައް ގެންނަ ކަމަށް އޭނާ ބުންޏެވެ. "ބަދަލު މިކުރަނީ ހަރަދު ކުޑަ ކުރަން ވެގެން، މިސާލަކަށް 10 އެމްޕިއަރުގެ ބުރޭކަރަކުން އަހަރެމެން މިނަގަނީ ދެ ސޮކެޓް، އެކަމަކު ސެޓެލްކޯ މީހުން ދިޔައީމަ ގެ ހަދާ މީހުން ނަގާނެ ހަތަރު ނޫނީ ފަސް ސޮކެޓު ވެސް، ނެގީމަ އިތުރަށް ސޮކެޓް ގަންނާކަށް ވެރިމީހާއަށް ނުޖެހޭނެތާ، އެގޮތަށް އަގު ހެޔޮކުރަން ކުރާ ކަންތައްތައް، އެ މީހުން ހުންނާނެ އިތުރު ކުރެވޭ ގޮތަށް ސެޓްކޮށްފައި،" ހަމީދު ބުންޏެވެ. ހަމީދު ބުނީ ގިނަ ފަހަރަށް އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވަނީ އެގޮތަށް ގެންނަ ބަދަލުތަކުގެ ސަބަބުން ވައިރިންއަށް ލޯޑްބޮޑުވެ ޝޯޓްވުމުގެ ތެރެއިން ކަމަށެވެ. ކަރަންޓް ދިނުމަށް އާތު އަޅަން ޖެހޭ ވަރަށް އާތު ނޭޅުމުގެ ސަބަބުން ޝޯޓްވުމުން އީއެލްސީބީ(ސާކެޓެއް) ނުވެއްޓުމުގެ ސަބަބުން އަލިފާން ރޯވާން މެދުވެރިވާ ކަމަށް ހަމީދު ބުންޏެވެ. ކަރަންޓް ޝޯޓުވުމުގެ ސަބަބުން ހިނގާ އަލިފާނުގެ ހާދިސާތައް ގިނަވެ އެތައް ބައެއް ދިރިއުޅޭ ގެ ތައް ދަނީ އަނދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ