އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުމަކީ ކުރެވޭނެ ބޮޑު މޮޔަ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެެއް؟ - އެމްޑީޕީގެ ޓިކެޓުގައި 2018ގައި ވާދަކުރެއްވި ރައީސް ސޯލިހަށް އެފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުނީ ޖޭޕީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް އަދި އަދާލަތު ޕާޓީ ގުޅިގެން އުފެއްދި ކޯލިޝަނެއްގެ ތެރެއިންނެވެ.
މިފަހަރުގެ ރިޔާސީ ރޭހަށް ގާސިމް ވަކިން ނުކުންނަވާ ކެމްޕެއިން ކުރިއަށް ދާއިރު، މިރޭ ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ދެވަަނަ ދައުރަކަށް ރައީސް ސޯލިހް ހޮވަން ޖެހޭ ސަަބަބެއް ނެތް ކަމަށެވެ.
ތަފްސީލް - ސަރުކާރަށާއި، ސީދާ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުކިއުއްވަމުން ގާސިމް ވިދާޅުވި ގޮތުގައި މިފަހަރުގެ އިންތިހާބަށް ވެސް އަދި ކުރީގެ އިންތިހާބުތަކުގައި ވެސް ރާއްޖޭގެ ވެރިކަން ހައްގުވާވަރުގެ އެހެން ބޭފުޅަކު އޭނާ ނޫނީ ނެތް ކަމަށެވެ.
މިހާރު މިއޮތް ސަރުކާރަކީ، ޖޭޕީގެ ބައިވެރިވުމާ އެކު ގެނައި ސަރުކާރެއް ނަމަވެސް، ސަރުކާރުން ކުރާ ގޯސް ކަންތައް ފެނުމުން އެކަމާ ދެކޮޅަށް ނުކުންނަވަން މަޖުބޫރުވީ ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ކުރާ ގޯސް ކަންތަކުގެ ޒިންމާ ޖޭޕީން ނަގަން ނުޖެހުނަސް މި ސަރުކާރުން ކުރާ ކޮންމެ ރަނގަޅު ކަމެއްގެ %50 ޖޭޕީއަށް ލިބެންވާނެ ކަމަށެވެ. އެހެން ބުނުމުން ހިތުގައި ޖެހޭ މީހުން ސަރުކާރުގެ ތެރޭގައި ތިބޭނެކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރެއް ދެ ފަހަރަށް ގެންނަން ޖޭޕީން އެހީވި އެވެ. އެ އެހީތެރިކަމުގައި ހޯދައިދީފައި ހުންނާނީ އެންމެ ދެ ވޯޓު ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މައުލޫއުގައި ވާހަކަ ދައްކާއިރު ކުޑަ ޕާޓީ އާއި ބޮޑު ޕާޓީގެ ބަހުސް ނުގެނެވޭނެ ކަމަށެވެ. ދެން ފާހަގަކުރެއްވީ ބޮޑެތި ޕާޓީތަކަށް ރިޔާސީ އިންތިހާބުގައި ނުނެގޭ ވޯޓު ޖޭޕީން ހަމަކޮށްދޭ ހިސާބެވެ.
އެގޮތުން؛
އެމްޑީޕީން 2008ގައި ނުކުމެގެން ފުރަތަމަ ބުރުގައި ލިބުނީ %25
ޕީޕީއެމް 2013ގައި ނުކުމެގެން ފުރަތަމަ ބުރުގައި ލިބުނީ %25
ޖޭޕީ އާއި އަދާލަތު އެކުގައި ނުކުމެގެން %25 ހޯދި؛ ދެވަނަ ބުރަށް ނުދިޔައީ ކުޑަކުޑަ ތަފާތަކުން
"އަޅުގަނޑުމެންނަށް ހައްގެއް ނޫންތޯ. ސަރުކާރުން ކޮށްދީފައިވާ ރަނގަޅު ކަމެއް އޮތިއްޔާ އޭގެން ދެބައިކުޅަ އެއްބައި ހައްގުވާނޭ ބުނަން. ދެން ޕީޕީއެމް އިން ވެސް ރަނގަޅު ކަމެއް ކޮށްފިއްޔާ އެކަން ހައްގުވާނޭ ބުނުމަކީ ހުތުރު ކަމެއްތޯ ހައްގުވާނެއޭ ބުނުމަކީ،" ޖޭޕީން އެހީތެރިނުވި ނަމަ ވެރިކަމަށް އެއްވެސް ޕާޓީއަކަށް ނާދެވުނީސްކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި އޭނާއަކީ އެއްވެސް އިރެއްގައި، އެއްވެސް މީހެއްގެ ގައިގައި ލެނގިގެން ހުންނެވި ބޭފުޅެއް ނޫނެވެ. ހާއްސަކޮށް ސިޔާސީ ކަމެއްގައި މާދަމާ ވެސް މީހެއްގެ ގައިގައި ލެނގިގެން ހުންނަވަން ގަސްދުނުކުރައްވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ހައްގު ބަސް ވިދާޅުވާތީ ކޮންމެ ސަރުކާރަކުން ވެސް އޭނާއަށް ދެނީ ނިކަމެތިކަން ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެންމެ ބޮޑު ނިކަމެތިކަން ރާއްޖޭގައި ރައްދުކުރާ ފަރާތަކީ އަޅުގަނޑު. އަޅުގަނޑަށް ހުރިހާ ސަރުކާރަކުން ވެސް ނިކަމެތިކަން ދެނީ،" ގާސިމް ވިދާޅުވި އެވެ.
ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަކީ ކުރެވޭނެ ބޮޑު މޮޔަ ކަމެއް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ