މަސްވެރިންގެ ޕާކުގައި ތިބި ކުޑަކުދިންތަކެއް އެކަށީގެންވާ ސަބަބެއް ހާމަނުކޮށް ދެ ގަޑިއިރަށް ބަންދުކޮށްފި މަސްވެރިންގެ ޕާކުގައި ތިބި ކުޑަކުދިންތަކެއް އެކަށީގެންވާ ސަބަބެއް ހާމަނުކޮށް ދެ ގަޑިއިރަށް ބަންދުކޮށްފި

ވެރިކަން ހިންގާ މާލޭގެ ކާރުބާރު ބޮޑު މަގުތަކުން އެއްކައިރިވެލައި، މަސްވެރިންގެ ޕާކުގައި ތިބި ކުޑަކުދިންތަކެއް އެކަށީގެންވާ ސަބަބެއް ހާމަނުކޮށް ބަންދުކޮށްގެން ފުލުސް އޮފީހަށް ގެންގޮސްފި އެވެ.
ފުލުހުން އެ ކުދިން ބަންދު ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ބަންދު ކުރީ ކިތައް ކުދިން ކަމެއް ފުލުހުން ނުބުނެ އެވެ. އަދި އެ ކުދިން ބަންދު ކުރަން ޖެހުނު އެކަށީގެންވާ ސަބަބެއް ވެސް ފުލުހުން ނުބުނެދެ އެވެ. ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގައި އެ ކުދިން ދެ ގަޑިއިރު ބޭތިއްބި ކަމަށް އެ ތަނުން ކުއްޖެއްގެ ބެލެނިވެރިއަކު ބުނެ އެވެ.
އަދަދު އިން ސުވާލު ކުރުމުން ފުލުހުން މިއަދު ބުނީ އެ ކުދިން ބަންދު ކުރީ، މަސްވެރިންގެ ޕާކަކީ އެ ކުދިން ކުށަކަށް ހުށަހެޅިދާނެ މާހައުލެއް ކަމަށްވާތީ ކަމަށެވެ.
"އެކުދިން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނަށް ގެންގޮސް، ފަހުން ބެލެނިވެރިންނާ ހަވާލުކޮށްފަ ވަނީ، އެ ކުދިން ތިބި މާހައުލަކީ ކުށަށް ހުށަހެޅުމަށް މަގުފަހިވެދާނެ ނުވަތަ ނުރައްކާތެރި ހާލަތަކަށް އެކުދިން ހުށަހެޅިދާނެ ފަދަ މާހައުލެއް ކަމަށް ފުލުހުންނަށް ގަބޫލުކުރެވުމުން، އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން،" މި ނޫހަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުންޏެވެ.
މަސްވެރިންގެ ޕާކުގައި އެ ކުދިން ތިބިކަމަށްޓަކައި، އެ ކުދިން ޖިނާއީ ކުށަކަށް ހުށަހެޅިދާނެ ކަމަށް ބެލެވުނު ގޮތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެތަނަކީ ކުށަކަށް ހުށަހެޅިދާނެ މާހައުލެއް ނަމަ ހަމައެކަނި އެކުދިން އެތަނުން ފޮނުވާލުމުގެ ބަދަލުގައި ގަޑިއިރުތަކެއް ވަންދެން ފުލުހުންގެ ބަންދުގައި ބައިތިއްބަން ޖެހުނު ސަބަބެއް ވެސް ފުލުހުން ނުބުނެ އެވެ.
އޭގެ ކުރިން، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ގާތްގަނޑަކަށް 9:15 ހާއިރު އާންމު ތަނެއްގައި ކުޑަކުދިންތަކެއް އުޅޭ ކަމުގެ ރިޕޯޓެއް ލިބިގެން އެކުދިންގެ ސަލަމާތްތެރިކަން ކަށަވަރުކޮށްފައިވާނެ" ކަމަށެވެ.
ރޭގަނޑު 9:15 ގެ ފަހުން ކުޑަކުދިން ބޭރުގައި އުޅުމަކީ މާލޭގައި އާންމުކަމެކެވެ. ބައެއް ސްކޫލް ހަރަކާތްތައް ވެސް ރޭގަނޑު އެއަށްވުރެ ވެސް ލަހުން ޝެޑިއުލް ކުރެ އެވެ. އެހެންކަމުން، އެ ކުދިން ބޭރުގައި އުޅުނީ ނުގަޑިއެއްގައިކަން ދޭހަވާ ފަދަ މޭރުމަކުން ޝިފާން ވާހަކަ ދެއްކެވި ސަބަބެއް ނޭނގެ އެވެ.
ފުލުހުން މި ނޫހަށް ފޮނުވި މެސެޖުގައި އިތުރަށް ބުނެފައި ވަނީ، ހޮނިހިރު ދުވަހުގެ ރޭ އެ ކުޑަކުދިންނާމެދު އަމަލުކޮށްފައިވާނީ ވަގުތާއި ހާލަތަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ. އަދި އެއީ "ބޭރުގައި އުޅޭ ހުރިހާ ކުޑަކުދިންނާމެދު" އަމަލު ކުރާ އުސޫލެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މިއީ އެވަގުތު ލިބުނު މައުލޫމާތަށް ބަލައި، ހާލަތަށް ރިއާޔަތްކޮށް ފުލުހުން ނިންމި ނިންމުމެއް. މިއީ ބޭރުގައި އުޅޭ ހުރިހާ ކުޑަކުދިންނާމެދު އާންމުކޮށް އަމަލުކުރާ އުސޫލެއް ނޫން،" އެ މެސެޖުގައި ބުނެފައިވެ އެވެ.
ފުލުހުން ބަންދު ކުރި އެއް ކުއްޖެއްގެ ބައްޕަ، އެކްސްގައި ކުރި ސިލްސިލާ ޕޯސްޓުތަކެއްގައި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔެވެ.
"ކުޑަކުދިން ވެސް ހިނގާބިނގާއުޅުމުގެ ހައްގުތައް ފުލުހުން ކަށަވަރު ކޮށްދޭންވާނެ. 21:30 އަކީ ދަންވަރެއް ނޫން. ރާޅުގަނޑަށް ދިޔައީމަ ނަން ނޯޓުކުރޭ، މަސްވެރިންގެ ޕާކަށް ދިޔައީމަ ފުލުސްއޮފީހަށް ގެންގޮސް ކުށްވެރިންނަށް ހަދާހެން އޭސީ ދަށުގައި ދެ ގަޑިއިރު ބޭނދުމަކީ ކޮށްގެންވާނެ ކަމެއް ނޫން،" އޭނާ ބުނެފައިވެ އެވެ.
އެ މައްސަލަ އިއްޔެ ސޯޝަލް މީޑިއާއަށް ތިލަވުމުން އާންމުންގެ ވަރަށް ގިނަ ފަރާތްތަކުގެ ކަންބޮޑުވުމާއި ޝަކުވާ އަދި ފާޑުކިޔުން ވެސް ފުލުހުންނަށް އަމާޒުވި އެވެ. އެކްސްގައި ހިޔާލުފާޅު ކުރި އެކަކު ގޮވާލާފައި ވަނީ ކުޑަކުދިން ބަންދު ކުރި އޮފިސަރުންގެ މައްސަލަ ބެލުމަށެވެ.
"މިއީ ގަސްތުގައި ރާވައިގެން ހިންގާ ވަރަށް ނުރައްކާ ޖަރީމާ. މިހެން ކޮންމެހެން ކިޔަވާކުދިން ބޮޑެތި ކުށްވެރިންގެ ގޮތުގައި ޓްރެއިން ކުރަން މަސައްކަތް ނުކުރުމަށް ދިވެހި ފުލުހުންނަށް ހަރު އަޑުން ގޮވާލަން. މިކަން ކުރި ޑިއުޓީ އޮފިސަރުންނާ ދެކޮޅަށް އެކަށީގެންވާ ހަރުކަށި އަދަބު ދޭންޖެހޭ،" އޭނާ ބުނެފައި އޮތެވެ.
އެކްސްގައި ހިޔާލުފާޅު ކުރި އެހެން މީހަކު ބުނެފައި ވަނީ އޭނާ ދެކޭ ގޮތުގައި ފުލުހުން އަމަލު ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް އޭނާ ގޮވާލާފައިވެ އެވެ.
"މިހުންނަނީ އެއްވެސް ހާލެއްގައި ނުބަލާ ދޫކޮށްގެން ވާނެ ކަންކަމެއް ނޫން. މައްސަލަ ބަލައި ފިޔަވަޅު އަޅަން ގޮވައިލަން. މިޖަރީމާ ހިންގުމުގައި ބައިވެރިވި ފުލުހުންގެ ވަނަވަރު ހާމަކޮށް އެމީހުންނާމެދު ލަސްނުކޮށް ފިޔަވަޅު އެޅުމަށް ގޮވާލަން. މިހާރު އަހަރެމެންގެ ޅަދަރިންނާ ތިބެހެވެނީ. އެއްގޮތަކަށް ވެސް ބަލައެއް ނުގަނެވޭނެ މިފަދަ ގާނޫނާ ހިލާފް އަމަލުތަކެއް. މިކަމުގެ ތަހުގީގެއް އަވަސް ގޮތެއްގައި ކުރުމަށް އެޗްއާރްސީއެމް އަށް ވެސް ގޮވާލަން،" އޭނާ ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ