އެންއޯޕީ ހުރީ ލާޒިމްކުރާ މިންގަނޑަށްވުރެ މަތީގައި: ބީއެމްއެލް

ބޭންކަކަށް އޮންނަ މާލީ ދުޅަހެޔޮކަމާއި ރިސްކް ވަޒަންކުރުމަށް ބޭނުންކުރާ އެއް މިންގަނޑު ކަމަށްވާ "ނެޓް އޯޕަން ޕޮޒިޝަން" (އެންއޯޕީ) ބީއެމްއެލްގައި ހުރީ ރަނގަޅު މިންވަރެއްގައި ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
އެންއޯޕީއަކީ ކޮބާ؟ - އެއީ ބޭންކެއްގައި ހުރި ބޭރު ފައިސާގެ ޖުމްލަ އެސެޓްތަކާއި ބޭރު ފައިސާއިން އަދާކުރަން ޖެހޭ ޖުމްލަ ލަޔަބިލިޓީ ނުވަތަ އަދާކުރަން ޖެހޭ މާލީ ޒިންމާތަކުގެ ދެމެދުގައިވާ ތަފާތެވެ. މި މިންގަނޑުން:
ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅިފައިނުވާ މިންވަރު މިންކޮށްދޭ 
ފައިސާގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޭންކަށް ގެއްލުންވުމުގެ ނުރައްކާ އޮތް މިންވަރު ވެސް ހާމަކޮށްދޭ 
މިއީ ބޭންކުން ޑޮލަރު ދޫކުރުމަށް ހުރި ގާބިލުކަން އަންގައިދޭ މިންގަނޑެއް ނޫނެވެ. މިއާ ހިލާފަށް ލިކުއިޑިޓީއަކީ:
ކަސްޓަމަރުން ފައިސާ ނެގުމާއި އަދި ބޭރަށް ފައިސާ ފޮނުވުމާ އަދި ބޭންކުން ލޯނުދޫކުރުން ފަދަ ކަންތައްތައް ކުރުމުއްދަތެއްގައި ކުރުމަށް ބޭންކަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމަށް ލިބިފައިވާ ގާބިލުކަން 
މި ދެ މިންގަނޑަކީ ވެސް ބޭންކުގެ މާލީ ދުޅަހެޔޮކަމާއި ރިސްކް ޕްރޮފައިލް ވަޒަންކުރުމުގައި ބޭނުންކުރާ މުހިންމު މިންގަނޑުތަކެއް ކަމުގައި ވީނަމަވެސް މިއިން ކޮންމެ މިންގަނޑަކުން ވެސް ހާސިލުކޮށްދެނީ ތަފާތު މަގުސަދުތަކެއް
ބީއެމްއެލްއިން މިއަދު ބުނި ގޮތުގައި 2020ގެ ޑިސެންބަރުން ފެށިގެން އެ ބޭންކުގެ އޯޕަން ޕޮޒިޝަން ހުރީ ދަށްމިންވަރަކަށެވެ. އަދި 2024ގެ ސެޕްޓެންބަރުގައި ބޭންކުގެ ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން %20- އަށް (ޝޯޓް ޕޮޒިޝަނަކަށް) ވެއްޓުނެވެ. މިއިން އަންގައިދެނީ:
2024 ސެޕްޓެންބަރުގެ ނިޔަލަށް ބޭންކުން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު އިތުރަށް ވިއްކިފައިވާކަން
އެ ވަގުތު ބޭންކަށް އޮތް ނުރައްކަލަކީ ދިވެހި ރުފިޔާގެ އަގު ދަށްވެއްޖެ ނަމަ އެ އަދަދުގެ ނިސްބަތުން ބޭންކަށް ފޮރިން އެކްސްޗޭންޖުން ގެއްލުންތަކެއް ލިބުން ކަމަށް ބޭންކުން ބުންޏެވެ.
"މިއީ ބޭންކުގެ ލިކުއިޑިޓީއާ ނުވަތަ ކަސްޓަމަރުން ބޭނުންވާ ވަރަށް ފައިސާ ނެގުމާއި ބޭންކުން ފޮނުވަން ޖެހޭ ފައިސާ ފޮނުވުމުގެ ޒިންމާތައް އަދާކުރުމުގެ ގާބިލުކަން ނެތުމެއް ނޫނެވެ،" ބީއެމްއެލްއިން މިއަދު ބުންޏެވެ. 
އެންއޯޕީގެ ޝޯޓް ޕޮޒިޝަންގެ މައްސަލަ ހައްލުކުރުމަށް ބޭންކުން އިސްނަގައިގެން އެކި އިދާރާތަކާ ގުޅިގެން ފިޔަވަޅުތަކެއް މިހާރު އަޅާފައިވާ ކަމަށް ބުންޏެވެ. އެގޮތުން:
ބޭންކުން ކުރި ވިޔަފާރީގެ މުއާމަލާތްތަކާއި އަދި ފިނޭންސް މިނިސްޓްރީގެ އެހީތެރިކަމާއެކު، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު އެންއޯޕީ ވަނީ ލޯން ޕޮޒިޝަން ނުވަތަ ޕޮޒިޓިވް އަދަދަކަށް ބަދަލުކުރެވިފައި ކަމަށް ބުނި 
އޭގެފަހުން ވެސް މި އަހަރު ތެރޭގަވެސް ބޭންކުން އެންއޯޕީވަނީ ރެގިއުލޭޓަރީ ގޮތުން ލާޒިމްކުރާ މިންގަޑަށްވުރެ މާރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައި 
"މިވަގުތު ވެސް [އެންއޯޕީ] ވަނީ އެންމެ ރަގަޅު މިންވަރުގައި ހިފެހެއްޓިފަ އެވެ،" ބީއެމްއެލް އިން ބުންޏެވެ.
އެންއޯޕީ ޝޯޓް ޕޮޒިޝަން ރަނގަޅު ކުރުމުގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި އަދި ކޯޕަރޭޓް ކުންފުނިތަކުގެ ބޭނުންތަކަށް ޓީޓީ ހެދުމާއި ކާޑުތަކުގެ ބޭނުންތައް ހިމެނޭހެން، ޖުމްލަ 600 މިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު މިދިޔަ އަހަރު ވިއްކައިގެން ބޭންކުގެ ވިޔަފާރި މުއާމަލާތްތައް ހިންގާފައިވާކަން ބޭންކުން ފާހަގަކުރެ އެވެ.
ޔޫއެސް ޑޮލަރުގެ ލިކުއިޑިޓީއަކީ ތަފާތު ފަންޑިން ވަސީލަތްތަކާއި ހަރުދަނާ ޓްރެޝަރީ އޮޕަރޭޝަންތަކާ އެކު، ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަމުންދާކަމެއްކަން ބޭންކުން ފާހަގަކުރެ އެވެ. މި ފިޔަވަޅުތަކުގެ ސަބަބުން:
އެއްވެސް މެދުކެނޑުމެއް ނެތި ކަސްޓަމަރުންނާއި މާކެޓުގެ ބޭނުންތައް ފުއްދައިދިނުމުގެ ގާބިލުކަން ބޭންކަށް ލިބިގެންވާކަމުގެ ޔަގީންކަން ދޭ ކަމަށް ބޭންކުން ބުނި 
ޖާއްސަކޮށް، އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް 2024 އިން ފެށިގެން މިހާތަނަށް އަލަށް 365 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށް ބުނި. 
"2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާގެ މި ބޭންކުގެ ނެޓް ލޯން ޕޯޓްފޯލިއޯ 585 މިލިއަން ޔޫއެސް ޑޮލަރަށް އަރާފައިވާކަން ފާހަގަކުރަމެވެ،" ބީއެމްއެލް އިން ބުންޏެވެ.
މާޗް މަސް ތެރޭ ބޭއްވި ބޭންކުގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައާއިބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވެފައި ވަނީ ބޭންކުގެ މާލީ ހާލަތު އޮތީ ވަރަށް ހަރުދަނާކޮށް ކަމަށެވެ. ބޭންކުގެ 43 އަހަރުވީ ތާރީހުގައި ނުދެކޭ ފަދަ ރެކޯޑް ނަތީޖާތަކެއް ބޭންކުން ވަނީ މިދިޔަ އަހަރު ހޯދާފައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"މިއީ ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ރިސްކް އެޕެޓައިޓާއި ރެގިއުލޭޓަރީ މިންގަނޑުތަކާއި އަދި ބައިނަލްއަގުވާމީ ސްޓޭންޑަޑް ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިފެހެއްޓިފައިވާ ހަރުދަނާ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯތަކުގެ އެހީގައި ހޯދާފައިވާ ކާމިޔާބީއެކެވެ،" ޝަރީފް ވިދާޅުވެފައިވެ އެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކް އަބަދުވެސް ދެމިއޮންނާނީ ދެފުށް ފެންނަ ހަރުދަނާ މާލީ މެނޭޖްމަންޓެއް ގާއިމުކުރުމަށާއި ކަސްޓަމަރުންނާއި ހިއްސާދާރުން އަދި ބޭންކާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރުމުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ