އީރާނާ އެކު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ސިޔާސީ ގޮތުން އެދެވޭ ކުރިއެރުމެއް ލިބިފައި ނުވާތީ، އަވަސް އިންތިހާބަކަށް ދިއުމުގެ ބަދަލުގައި، ދައުލަތުގެ ބަޖެޓް ފާސްކޮށް ވެރިކަން ދެމެހެއްޓުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަސައްކަތް ފަށްޓަވައިފި އެވެ.
އިޒްރޭލުގެ ގާނޫނު ބުނާ ގޮތުން، މި މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓް ފާސްނުކުރެވިއްޖެ ނަމަ، 90 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވަން ޖެހެ އެވެ. އީރާނުގެ އިސްވެރިންނަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން ލިބުނު އަސްކަރީ ކާމިޔާބީތަކުގެ ބޭނުން ހިފައި، އަވަސް އިންތިހާބަކަށް ދިއުމަށް ނަތަންޔާހޫގެ ބައެއް ބައިވެރިން ކުރިން ވިސްނި ނަމަވެސް، މިހާރު އޭނާގެ އަމާޒަކީ އިންތިހާބު ލަސްކުރުން ކަމަށް ސަރުކާރުގެ އޮފިޝަލުން ރޮއިޓާސްއަށް ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދު ކުރަނީ ސަރުކާރުގެ ދައުރު ފުރިހަމަކުރުމަށް. އެއީ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހު އިންތިހާބު ބޭއްވުން،" މި މަހު 12ގައި ނަތަންޔާހޫ ވިދާޅުވި އެވެ.
ހަމަ އެއާ އެކު، ހަނގުރާމައިގެ ހަރަދުތަކަށް އިސްކަންދީފައިވާ 225 ބިލިއަން ޑޮލަރުގެ ބަޖެޓަށް ތާއީދުކުރުމަށް އޭނާގެ އިއްތިހާދުގެ ބައިވެރިންނަށް ގޮވައިލެއްވި އެވެ.
ހަނގުރާމައަށް އާންމުންގެ ތާއީދު އޮތް ނަމަވެސް، ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ސިޔާސީ މަޝްރަހަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. ސާވޭތަކުން ދައްކާ ގޮތުގައި، ވޯޓުލާ މީހުންގެ ތެރެއިން ނަތަންޔާހޫގެ އިއްތިހާދަށް ތާއީދުކުރަނީ ގާތްގަނޑަކަށް %40 މީހުންނެވެ.
އިދިކޮޅު ފަރާތްތަކަށް ވެސް އޮތީ އެވަރުގެ ތާއީދެކެވެ.
'ދަ ޓައިމްސް އޮފް އިޒްރޭލު'ން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ކުރިން ލިބުނު 34 ގޮނޑީގެ ބަދަލުގައި މިހާރު ލިބޭނެ ކަމަށް ލަފާކުރެވެނީ 28 ގޮނޑި އެވެ. މިއީ މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމަށް ބޭނުންވާ މިންވަރަށް ވުރެ މަދު އަދަދެކެވެ.
އިޒްރޭލުގެ ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ ގިޑިއޯން ރަހާތު ފާހަގަކުރެއްވި ގޮތުގައި، މި ހަމަނުޖެހުންތަކުގެ ސަބަބުން އިންތިހާބީ ގޮތުން އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އަދި އާންމުން މިކަމާ ފޫހިވެފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، "އެއް ފަހަރު ހަނގުރާމަކޮށް، މަދު މަސްތަކެއްގެ ހިމޭންކަމަށް ފަހު އަނެއްކާވެސް އަނެއް ބުރު ފެށެނީ" ކަމަށެވެ.
މި ހަނގުރާމައިގެ ސަބަބުން އިޒްރޭލުގެ އިގްތިސޯދަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. ހަފުތާއަކު ގާތްގަނޑަކަށް 5 ބިލިއަން ޝެކެލް (1.6 ބިލިއަން ޑޮލަރު) ހޭދަވާ ކަމަށް އަންދާޒާ ކުރެވެ އެވެ. ސަރުކާރުން ވަނީ ދިފާއީ ހަރަދުތަކަށް އިތުރު 32 ބިލިއަން ޝެކެލް ކަނޑައަޅާފަ އެވެ. މީގެ ސަބަބުން އިއްތިހާދުގެ ބައިވެރިން ބޭނުންވާ ކަންކަމަށް ފައިސާ ހަމަޖެއްސުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އިއްތިހާދުގެ ތާއީދު ދެމެހެއްޓުމަށްޓަކައި، ހަރުކަށި ފިކުރުގެ ޔަހޫދީ މަދަރުސާތަކަށް ނަތަންޔާހޫގެ ސަރުކާރުން ވަނީ 5 ބިލިއަން ޝެކެލް ކަނޑައަޅާފަ އެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ފިނޭންސް ކޮމިޓީގެ މެންބަރު ލަޑިމީރު ބެލިއަކް ވިދާޅުވި ގޮތުގައި، ސަރުކާރުން އިސްކަންދެނީ ވަސީލަތްތައް އިންސާފުވެރިކޮށް ބެހުމުގެ ބަދަލުގައި، ކޯލިޝަން ދެމެހެއްޓުމަށެވެ.
އީރާނު ހަނގުރާމައިން ކުރިއެރުމެއް ނުލިބި ނަތަންޔާހޫއަށް އިންތިހާބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ