އަތޮޅުތެރޭގަ ވޯޓުލާ 347 މަރުކަޒަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް އީސީން ފަށައިފި

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި އަތޮޅުތަކުގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
މިއަދުން ފެށިގެން ކަނޑުމަގުންނާ ވައިގެމަގުން ވޯޓުލާ 347 މަރުކަޒަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.
މިއަދު ވައިގެމަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ، ރ، ތ، ލ، ގއ، ގދ، ސ.އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށެވެ. އަދި ކަނޑުމަގުން ތަކެތި ފޮނުވާނީ ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅަށެވެ. އީސީން ބުނީ ކ.އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ މާޗް 30 އަދި 31ގައި ކަމަށެވެ. އީސީން ބުނީ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ އެ ކޮމިޝަނުގެ މުވައްޒަފުންނާއި ދިވެހި ފުލުހުންގެ އެހީތެރިކަމާއެކުގައި ކަމަށެވެ.
މި އިންތިހާބުގައި ޖުމްލަ 299,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ. މި އިންތިހާބުގައި 225 ދާއިރާއަކަށް 1,356 މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އަތޮޅުތެރެ، ރިސޯޓު، ޖަލު އަދި މާލޭ ސަރަހައްދުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ