ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް އަވަސްކުރަން ރައީސްގެ އަރިހުން ގާސިމް އެދިވަޑައިގެންފި

ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއިން ގެއްލުނުކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް އަވަސް ކުރެއްވުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގެންފިއެވެ.
އިނގިރޭސިވިލާތުގެ ނޫސްތަކުން ވަނީ، ޗާގޯސް އައިލެންޑު އަނބުރާ މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ކުރިން ނިންމު ނިންމުމަށް އަމަލުނުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
ގާސިމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "މި ދަނޑިވަޅުގައި އިޓްލޮސްގެ ނިންމުމާ އެކު ރާއްޖެ އާއި ޗާގޮސްގެ މައްސަލައިގައި ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯދައިދެއްވުމަށް ވިސްނުންތެރިކަމާ އެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފައްޓަވައިދެއްވުން އެދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިހުގައި ނުހަނު އިހުތިރާމާއެކު އެކު ދަންނަވާ،" ކަމަށެވެ.
އިޓްލޮސްގެ ހުކުމް އިސްތިއުނާފުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
ކަނޑުގެ މައްސަލައަށް ހައްލު ހޯދުމަށް އަޒުމުގައި ރިޔާސީ އިންތިހާބުގައި ކެމްޕޭނުގައި އޭނާ ވެސް ވާނީ އެކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާފައި ކަމަށް ގާސިމް ވިދާޅުވިއެވެ. އިނގިރޭސިވިލާތުގެ އެ ނިންމުމުގެ ސަބަބުން ދިވެހިން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައި ކަނޑުގެ ސަރަހައްދު އަނބުރާ ދިވެހިންނަށް ލިބުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އިނގިރޭސި ދައުލަތާ އެކު އަވަސް މަޝްވަރާތަކެއް ފައްޓަވައި ޒަމާނުއްސުރެ ދިވެހިން ގެންގުޅެމުން އައި ސްޓޭންޑު ދަމަހައްޓަވައި މި ކަމުގައި ދިވެހީންނަށް ކާމިޔާބު ހޯދައިދެއްވުމަށް މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން،" ގާސިމް ވިދާޅުވިއެވެ.
އަދި އެ މަސައްކަތުގައި ދިވެހި ސަރުކާރަށް އޭނާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިޓްލޮސް އިން މައްސަލަ ނިންމީ މިއަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.
މޮރިޝަސް އިން ހުށަހަޅާފައިވަނީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތުކުރީ ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެ މިން ފަށަން ޖެހޭނީ އައްޑުއާ އެންމެ ކައިރިއަށް އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ކަމަށެވެ.
ނަމަވެސް ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. ރާއްޖޭން ބުނަމުން ދިޔައީ އެއީ ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ ފަރެއް ކަމަށާއި އެ ފަރަކީ ބޮޑު ދިޔައިގައި ވެސް ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި އެއީ ޗާގޯސްގެ ސީދާ ބައެއް ވެސް ނޫން ކަމަށާއި އެ ފަރުން ފެށިގެން 200 ނޯޓިކަލް މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެ ކަމަށެވެ.
ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.
އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލިފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފައެވެ. ވެރިކަން ލިބިއްޖެނަމަ އެ ގެއްލުނު ސަރަހައްދު އަނބުރާ ހޯދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެ މަނިކުފާނު ތުހުމަތުކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ސަރަހައްދު ވިއްކާލީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ