ދިވެހިންނަށް މިއަދު ކުރިމަތިވެފައިމިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުން އެތައް ގުރުބާނީއެއް ވެގެން ހޯދި ހައްގުތައް ސަރުކާރާއި ދައުލަތުގެ މުވައްސަސާތައް އަތްގުޅުވައިގެން މުށުތެރެއަށް ލައި ރައްޔިތުން ބިކަކުރަމުން ދިއުން ކަމަށް އެމްޑީޕީން ބުނެފިއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މީހުން މެރުމާއި، ނަސްލީ ތަފާތުކުރުމާއި، އެއްވެސް މިންވަރަކަށް އިންސާފު ނުލިބުމާއި، ވީނުވީއެއް ނޭނގި ޖަލުތަކުގައި މީހުން މަރުވުން މިއަދު ރާޢްޖޭގައި އިތުރުވަމުން އަންނަ ކަމަށެވެ.
އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެ، މީޑިޔާގެ މިނިވަންކަން ނެތިކޮށްލުމާއި، ދިރިހުރުމުގެ ޙައްޤު ގެއްލެމުންދާއިރު އެކަންކަން ދިފާޢުކުރުމަށް ޤަނޫނު އަސާސީން އުފަންކުރުވި މުވައްސަސާތައް ވަނީ ވަކި މީހެއްގެ ވެރިކަން ދިފާޢުކުރާ ތަންތަނަށް ބަދަލުވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"ޤައުމެއްގެ ޙަޤީޤީ ރޫޙު ފެންނަނީ ދައުލަތުން ރައްޔިތުންނާއި، ވަކިން ޙާއްސަކޮށް މައިނޯރިޓީ ގްރޫޕްތަކާމެދު ޢަމަލުކުރާ ގޮތްތަކުންކަމަށްވީހިނދު ތަކުރާރުކޮށް ފެންނަނީ ދިވެހިރާއްޖޭގައި ބިދޭސީންނަށް ކުރާ އަނިޔާތައް އިތުރުވެ، އެމީހުންގެ ޙައްޤުތަކަށް އަރައިގަނެ، ދައުލަތުގެ ސިޔާސަތުތަކުގެ ތެރެއިންވެސް ތަފާތުކުރުން އިތުރުވަމުން އަންނަ ކަމެވެ" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
މިފެށޭ އާ އަހަރު އެއްކޮށް ބައިނަލްއަޤުވާމީ ގޮތުން ޚާއްޞަކުރެވޭނީ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާޙަދާ އެކުލަވާލިތާ 70 އަހަރު ފުރުމަށް ކަމަށްވާއިރު، އަންނަ އަހަރަކީ ރާއްޖޭގެ ޑިމޮކްރަސީ ނެތިކޮށްލަމުން އަންނަ ސަރުކާރު ބަދަލުކުރުމަށް ރައްޔިތުންނަށް އެންމެ ބޮޑު ފުރުޞަތުވެސް ލިބިގެންދާނެ އަހަރު ކަމަށް އެމްޑީޕީން ބުނެއެވެ.
އަދި ރައްޔިތުންގެ ސިޔާސީ ޙައްޤުތައް ހިމާޔަތްކުރުމާއި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި އެމްޑީޕީން ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށާއި މި ސަރުކާރުން އަރައިގަނެ ދިވެހިރާއްޖެ ފުންމިނަށް ގަންބާލާފައިވާ މި ޙާލަތުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހި ހިތްވަރާއެކު އިސްލާޙީ މަސައްކަތުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން އެމްޑީޕީން ވަނީ އަރުވާފައެވެ.
ހައްގުތައް ނިގުޅައިގަނެ ރައްޔިތުން ވަނީ ބިކަކޮށްފައި - އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ