ގދ. އަތޮޅުގައި ވައިރަލް ހުމެއް އާދަޔާ ހިލާފަށް ފެތުރެނީ

ގދ. އަތޮޅުގެ ރަށްރަށުގައި ވައިރަލް ހުމެއް އާދަޔާ ހިލާފަށް ފެތުރެމުންދާ ކަމަށާއި އަތޮޅުގެ އެކި ރަށްރަށުން ދުވާލެއްގެ މައްޗަށް 30 މީހަކު ޑޮކްޓަރަށް ދައްކަން ދާ ކަމަށް ތިނަދޫ އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.
ތިނަދޫ ހޮސްޕިޓަލުގެ ޑެޕިއުޓީ ޑިރެކްޓަރު މުހައްމަދު ހުސެން މިއަދު ވިދާޅުވީ ވައިރަލް ހުން ޖެހިގެން އަންނަ މީހުން އިތުރުވަމުން ދިޔަ ނަމަވެސް 50 އެނދުގެ ހޮސްޕިޓަލަށް މިވަގުތު އިތުރު ދަތިތަކެއް ކުރިމަތިވަމުން ނުދާ ކަމަށެވެ.
"މީގައި ބޮޑަށް ފާހަގަކުރެވިފައި މިއޮތީ ފަސް އަހަރުން މަތީގެ ކުދިންނަށް މި ހުން ބޮޑަށް ޖެހެމުން އަންނަކަން،" އޭނާ ވިދާޅުވި އެވެ. "އެހެންނަމަވެސް މިހާތަނަކަށް ސީރިއަސް އެއްވެސް ކޭހެއް ފެނިފައެއް ނުވޭ. އަދި ޗިކުންގުންޔާ ނުވަތަ ޑެންގޫ އަށް ވެސް ސަސްޕެކްޓް ކުރެވޭ ކޭހެއް ވެސް ކުރިމައްޗެއް ނުވޭ."
ތިނަދޫ ހޮސްޕިޓަލުން ވިދާޅުވީ ވައިރަލް ހުން ފެތުރެމުން އަންނާތީ އަތޮޅުގެ ރަށްރަށުގެ ރައްޔިތުން މިކަމާ ބެހޭ ގޮތުން ހޭލުންތެރި ކުރުވުމަށް މިހާރު ލީފްލެޓްތައް ވެސް ބަހަމުން ދާ ކަމަށާއި ތިނަދޫގައި މަދިރި ކޮންޓްރޯލް ކުރުމަށް ރެއިން ފެށިގެން ސްޕްރޭ ވެސް ކުރަމުން އަންނަ ކަމަށެވެ. މީގެއިތުރުން އަމިއްލަ ފަރާތަކުން ގައްދޫގައި ވެސް ސްޕްރޭ ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ތިނަދޫ ހޮސްޕިޓަލުން ބުނިގޮތުގައި ވައިރަލް ހުންޖެހިގެން މިހާތަނަށް އެ އަތޮޅު މަޑަވެލި، ހޯޑެއްދޫ، ނަޑެއްލާ، ގައްދޫ، ތިނަދޫ އަދި ފަރެސްމާތޮޑާ އިން ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާ ދީފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ