ނަޝީދު ބޭނުންވަނީ 2018 ގައި މޮޔައެއް ރައީސް ކަމަށް ގެންނަން – ފަލާހް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުން ވަނީ 2018 ގައި ރާއްޖޭގެ ވެރިކަމަށް މޮޔައެއް ގެންނަން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް މިރޭ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރ.އަތޮޅު މީދޫގައި މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ފަލާހް ވިދާޅުވީ މަސްތުވާތަކެތީ ބޭނުން ކުރުމަކީ ސިކުނޑިއަށް ގެއްލުން ހުރި ކަމެއް ކަމަށާއި ސައިންޓިފިކް ދިރާސާތަކުން ވެސް ދައްކާ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސްތުވާތަކެތި ބޭނުން ކުރުމުން ހަމަ ނުޖެހޭ ވާހަކަ ދައްކާނެ ކަމަށެވެ.
"މިދުވަސްވަރަކީ ސައިންސްގެ ވަރަށް ގިނަ ދިރާސާތައް ކުރެވެމުންދާ ދުވަސްވަރެއް. އެހެންކަމުން އަޅުގަނޑު ވެސް މިރޭ ދައްކާލާނީ ސައިންޓިފިކް ދިރާސާތަކުގެ ވާހަކަތައް. ދުނިޔޭގެ އެކި ގައުމުތަކުގައި ސައިންޓިފިކް ދިރާސާތައް ކުރެވި ޚިޔާލު ހޯދުމުގެ ވޯޓްތައް ނެގިފައިވޭ. އެހުރިހާ ދިރާސާ އަކުން ވެސް ދައްކަނީ ގައުމުގެ ރައީސް ކަމަށް އާދެވޭނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ފުއްދައިދޭނެ ވެރިއަކަށް ކަމަށް." ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ ބޭނުންވަނީ އިންތިގާލީ ރައީސް އެއް ނޫން ކަމަށާއި ބޭނުންވަނީ އިހްލާސްތެރި އިތުބާރު ހުރި ވެރިއެއް ކަމަށެވެ. އެވެރިޔަކީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ ރައީސް ޔާމީން ތަރައްޤީއަށް ކޮށްދެއްވާފައިވާ މަސައްކަތްތަކީ ރައްޔިތުންނަށް ފޮރުވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.
ދާދިފަހުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އައްޑުއަށް ކުރެއްވި ދަތުރުފުޅަށް އިޝާރާތް ކުރައްވާ ފަލާހް ވިދާޅުވީ މެޑަމް ފާތުން އައްޑުއަށް ވަޑައިގެން ބޭއްވި ޕީޕީއެމްގެ ޖަލްސާއަށް ރެކޯޑް އަދަދަކަށް މީހުން އައި ކަމަށާއި އެއީ މިހާތަނަށް އައްޑޫގައި ސިޔާސީ ޕާޓީ އަކުން ބޭއްވި އެންމެ ބޮޑު ޖަލްސާ ކަމަށެވެ.
ފަލާހް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ފަސް އަހަރުން މެނިފެސްޓޯ ފުރިހަމަ ކުރެވިދާނެ ކަމަށް ހީފުޅު ނުކުރައްވާ ކަަމަށާއި ނަމަވެސް އެމެނިފެސްޓޯ ފުރިހަމަ ކުރެއްވުމަށް ފަހު ދެވަނަ މެނިފެސްޓޯއެއް ވެސް ރައީސް ޔާމީން މިހާރު ފުރިހަމަ ކުރައްވައިފި ކަމަށެވެ.
"އަޅުގަނޑުމެން ވެސް މިތިބީ އަޖައިބުވެފައި މިހައި ކުޑަކުޑަ ވަސީލަތްތައް މަދު ގައުމެއްގައި މިހައި ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދާތީ." ފަލާހް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ