ގާސިމް ހޮސްޕިޓަލުން ދޫކޮށްލައިފި

ހާލުކޮޅު ސީރިއަސްވެ އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިދިކޮޅު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ގާސިމް ދޫކޮށްލާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެޑްމިޓު ކުރިތާ އަށް ދުވަސް ފަހުން ގާސިމް މިއަދު ގެއަށް ބަދަލު ކުރި ނަމަވެސް މުޅިން ހާލުކޮޅު ރަނގަޅު ނޫން ކަމަށް ވީއެފްޕީއަށް އެނގިފައިވެއެވެ.
ގާސިމްގެ ހާލުކޮޅު ސީރިއަސްވެ އެޑްމިޓުކޮށް ފަރުވާދޭން ފަށާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުއެވެ. އެ ދުވަހު ވެސް ގާސިމްގެ އަޑުއެހުމެއް ތާވަލުކޮށްފައި އޮތެވެ.
ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާ އިރު މާދަމާ ބާއްވަން ތާވަލުކޮށްފައިވަނީ އޭގެތެރެއިން އެއް ދައުވާއެވެ. އެއީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާއެވެ.
ދައުލަތުން ގާސިމްގެ މައްޗަށް ދެން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ. އެ ދައުވާތައް އުފުލާފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައާއި ގުޅިގެން މ.ކުނޫޒުގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.
އެ ދައުވާތައް ކްރިމިނަލް ކޯޓުންވަނީ މީގެ ކުރިން ޕީޖީ އޮފީހުން ކޯޓަށް ހާޒިރު ނުވެގެން ބޭރު ވެސް ކޮށްފައެވެ.
މިމަހުގެ 16 ވަނަ ދުވަހު ގާސިމް އެޑްމިޓުކޮށް ފަރުވާދީފައިވާ އިރު ގާސިމްގެ ފުއްޕާމޭ ވަރަށް ބޮޑަށް ދުޅަވެ ރާއްޖެއިން ހެދެން ނެތް ސްކޭނެއް ހަދަން ޖެހޭ ކަމަށް ގާސިމަށް ފަރުވާ ދެއްވި ޑޮކްޓަރުވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ