ފައިސާ ގޯނި ހިއްޕަވައިގެން މެމްބަރުންގެ ގާތަށް ވަޑައިގެންނެވި ކަމަށް އަމިއްލައަށް އިއުތިރާފުވެވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް، އެމްޑީޕީގެ މެމްބަރުން ނެތި ކޮށްލުމަށް ގޮވާލައްވައިފި އެވެ.
މުހައްމަދު އެގޮތަށް ގޮވާލެއްވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.
"އަޅުގަނޑު ގޮވާލަން ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެމްޑީޕީ އޭ މިކިޔާ މީހުން ނެތިކޮށްލަން، ފޮހެލަން،" މުހައްމަދު ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ނާއިބު ރައީސް ކަމަށް އެކޮމިޝަންގެ މެމްބަރު މުހައްމަދު ޒާހިދު އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައަށް ބަހުސް ކުރައްވަމުން މުހައްމަދު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނަށް ނާއިބު ރައީސެއް އައްޔަން ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ވާހަކަ ވިދާޅުވި އެވެ.
"މިކަހަލަ ލާއިންސާނީ ބޭބޭފުޅުން މަޖިލީހަށް ހޮއްވެވީތީ އަޅުގަނޑުމެން އެކަމަށް އަޖައިބުވަން. ރައްޔިތުން މިއަދު ވިސްނަންވީ ގައުމަށްޓަކައި ރައްޔިތުންނަށްޓަކައި މަސައްކަތްތަކެއް ކޮށްދޭނެ، ކުރައްވާނެ އިހުލާސްތެރިބަޔަކު ހޯދަން. އަޅުގަނޑުމެންގެ ސަރުކާރުގެ އިހުލާސްތެރިކަން ގައުމަށްޓަކައި ރައްޔިތުންނަށްޓަކައި އޮތްކަން ހާމަވެގެންދާ އެއް ހެއްކަކީ އަޅުގަނޑުމެންގެ ތެރޭގައި މިއަދު ހިއުމަންރައިޓްސް ކޮމިޝަނުގެ ނައިބު ރައީސެއް ނެގުމަށްޓަކައި މަސައްކަތް ކުރަމުންދާއިރުގައި، އެކަން ރަނގަޅު ގޮތުގައި ކުރަމުންދާއިރުގައި މިބޭފުޅުންގެ އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ހުރިގޮތް ބައްލަވާ،" މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވި އެެވެ.
ސަރުކާރުގެ އިހުލާސްތެރިކަން ހުރިކަމަށް ވިދާޅުވިއިރު، ދައުލަތުގެ ފައިސާ އާއި މުދަލުން ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް އިންތިހާއަށް މިސަރުކާރުގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.
މީގެ އިތުރުން ދައުލަތުގެ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަތައް ފެންމަތިވެފައިވަނިކޮށް، ފައިސާ ގޯނި ހިފައިގެން މެމްބަރުންގެ ގާތަށް ވަޑައިގެންނެވީ އޭނާ ކަމަށް މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު މުހައްމަދު އިސްމާއީލް ވަނީ އަމިއްލައަށް އިއުތިރާފް ވެވަޑައިގަންނަވާފަ އެވެ.
ނަމަވެސް މިމައްސަލަ ތަހުގީގު ކުރުމެއް ނެތި، މިނިވަންކަމާއެކު މުހައްމަދު އިސްމާއީލް މަޖިލީހުގެ ޖަލްސާތަކުގައާއި މިނިވަން ކަމާއެކު އުޅުއްވަމުން ގެންދަވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާ، މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ މެމްބަރުންނަށް ވޯޓު ދިނުމަށް ގޮވާލައްވައި އަދި ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވި މެމްބަރުން އަނބުރާ އެ ޕާޓީއަށް ވަޑައިގެންނެވުމަށް ގޮވާލެއްވުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް މަޖިލިސް މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ތުހުމަކޮށް، ޝަރީއަތުން ވަނީ އެމައްސަލަ ސާބިތުވާކަމަށް ނިންމާ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފަ އެވެ.
މީގެއިތުރުން އިދިކޮޅު މެމްބަރުންގެ ތެރޭގައި އިސްކޮށް އުޅުއްވާ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ވަނީ ޖަލުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފަ އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ފައިސާ ގޯނި ހިފައިގެން އުޅުއްވި މެމްބަރު މުހައްމަދު އެމްޑީޕީ މީހުން ނެތިކޮށްލަން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ