ހިރާ ސްކޫލް ހުޅުވުމުގެ ކުރިން މަގު ބަންދުކުރަނީ

އަލަށް އިމާރާތްކުރާ ހިރާ ސްކޫލް ހުޅުވުމުގެ ކުރިން އެސްކޫލް ހުންނަ މަގުން ލިންކްރޯޑަށް ނުދެވޭގޮތަށް އެމަގު ބަންދުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކައުންސިލް އިން މަޢުލޫމާތު ދީފައިވެއެވެ.
ހިރާ ސްކޫލްގެ އާއިމާރާތުގެ މަސައްކަތުގެ ބޮޑުބައި އެއްކޮށް ނިމި ހުޅުވުމާއި ގާތްވެފައި ވަނިކޮށް އެސްކޫލް ހުންނަ މަގުން ސީދާ ލިންކްރޯޑަށް ނޭރޭ ގޮތަށް ބަންދުކުރަނީ އެސަރަހައްދުގެ ޓްރެފިކް ފްލޯ ދެމެހެއްޓުމާއި، މަގު ބޭނުން ކުރާ ފަރާތްތަކުގެ ސަލާމަތައްޓަކައެވެ. އެމަގު ބަންދު ކުރިނަމަވެސް ސްކޫލްގެ މައި ގޭޓާއި ދިމާލުގައި އޮތް މަގު އިތުރަށް ފުޅާކޮށް ދެކޮޅަށް ދުއްވޭގޮތަށް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން ދެއެވެ.
މިގޮތަށް މިމަގު ބަންދުކުރުމުން އެސަރަޙައްދުގެ ދަތުރުފަތުރަށް ބޮޑު ބަދަލެއް އަންނާނެކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ. އެހެނީ އެސަރަހައްދަކީ ސްކޫލް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި މިހާރުވެސް ބާރުބޮޑުވެގެން ދާ ސަރަހައްދަކަށް ވާތީ ވެސްމެވެ. އަދި އެސަރަހައްދުން މިގޮތަށް މަގެއް ބަންދުކުރުމަކީ އެންމެ ރަނގަޅު ނިންމުންތޯ ވެސް އެއްބަޔަކު ސުވާލު އުފައްދަމުން ދެއެވެ.
މިހާރު ހިރާ ސްކޫލް ހިންގަމުންދާ ސަރަހައްދުގެ ޓްރެފިކް މައްސަލަ އަކީ އެސްކޫލްގެ ސެޝަންތައް ނިމޭގަޑީގައި ޖެހޭ އެންމެ ބޮޑު މައްސަލައެވެ. ނަމަވެސް އާއިމާރާތަށް ބަދަލުވުމުން މިކަމަށް އެކަށީގެންވާ ހެޔޮ ބަދަލެއް އަންނާނެކަމަށް ސްކޫލްގެ މެނޭޖްމަންޓުން ވެސް ދެކެއެވެ.
ހިރާ ސްކޫލަކީ އައްޑޫގައި އަމިއްލަ ފަރާތަކުން ހިންގަމުންދާ ސްކޫލެކެވެ. އަދި މިސްކޫލުގެ އާ އިމާރާތް ހުޅުވުމުން ޖާގަ ތަނަވަސްވެ، އިތުރު ދަރިވަރުންތަކަކަށް ފުރުސަތު ދެވިގެންދާނެކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ