އެސައިންމެންޓް ގަނެވިއްކުމުގެ ވިޔަފާރި އަށް ޖޫރިމަނާގެ އަދަބު

ދަރިވަރުން އަމިއްލަ އަށް ކުރަން ޖެހޭ މަސައްކަތެއް އެހެން ފަރާތެއް ލައްވައި ކުރުވުމާއި އެފަދަ މަސައްކަތްތައް އަގަށް ކޮށްދިނުމަކީ ކުށެއް ކަމަށް ކަނޑައަޅައި މަތީ ތައުލީމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ބިލުގައިވާ ގޮތުން މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލަ އަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން މީހަކު ލައްވައި ކުރުވައިފި ނަމަ 5،000 ރުފިޔާ އިން އެ ދަރިވަރަކު ޖޫރިމަނާކޮށް، އަގަށް އެފަދަ މަސައްކަތްތައް ކޮށްދޭ މީހުން 10،000 ރުފިޔާ އިން ޖޫރިމަނާކުރާނެ އެވެ.
ރާއްޖޭގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން އެހެން މީހުންނާ ހަވާލުކޮށްގެން އެސައިންމަންޓް ހެއްދުމަކީ އާއްމު ކަމެވެ. އިޝްތިހާރުކޮށްގެން މީހުން އެފަދަ މަސައްކަތްތައް ކޮށްދިނުން ވަނީ ވިޔަފާރިއަކަށް ވެފަ އެވެ.
އެކަމުގެ ސަބަބުން، ދަރިވަރުންނަށް ލިބެންޖެހޭ ހަގީގީ މަންފާ ގެއްލޭ ކަމަށާއި ރާއްޖޭގައި ފޯރުކޮށްދޭ މަތީ ތައުލީމުގެ ފެންވަރު ވެސް ދަށްވާ ކަމަށް ބިލު ދިރާސާކުރި މަޖިލީހުގެ ކޮމިޓީން ބުނެފައިވެ އެވެ.
ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު މަޖިލީހަށް ހުށަހެޅުއްވި މަތީ ތައުލީމުގެ ބިލު ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުން މިއަދު ފާސްކުރީ 49 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
އެސައިންމެންޓް ގަނެވިއްކުމުގެ ޖޫރިމަނާ ފައިސާ ދައްކަން ޖެހޭނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައަޅާ ތަނަކަށެވެ. އަދި އެ ފައިސާ ޖަމާކުރާނީ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ކަމަށް ވެސް ބިލުގައިވެ އެވެ.
އެފަދަ އަމަލެއް ދަރިވަރަކު ހިންގިތޯ ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް މަތީ ތައުލީމުދޭ ކޮންމެ މަރުކަޒެއްގައި ގާއިމުކޮށްފައި ހުންނަން ޖެހޭނެ ކަމަށް ބިލު ބުނެ އެވެ.
ބިލުގައި ވަނީ ޖޫރިމަނާކުރުމަށް ފަހު، މަތީ ތައުލީމު ދޭ މަރުކަޒުގެ ގަވާއިދުގައި ބަޔާންކުރާ އިތުރު ފިޔަވަޅެއް ވެސް އެ ދަރިވަރަކާ މެދު އެޅުމަށް ހުރަހެއް ނެތް ކަމަށެވެ.
ބިލުގައިވާ ގޮތަށް މަތީ ތައުލީމު ދޭ މަރުކަޒުތަކުން އަމަލުކުރަމުންދޭތޯ ބަލައި އެތަންތަން މޮނިޓާކޮށް ފިޔަވަޅު އަޅާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ