ޤައުމީ މަޖިލީހުގެ ގިނަ މެމްބަރުން އުޅެނީ ރައީސް ނަޝީދު ވުޖޫދުން ފޮހެލަން: އަހުމަދު ހަލީމް

ޤައުމީ މަޖިލީހުގެ ގިނަ މެމްބަރުން އުޅެނީ ރައީސް ނަޝީދު ވުޖޫދުން ފޮހެލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް(ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ރޭގެ ޖަލްސާގައި ޤައުމީ މަޖިލީހުގެ ގިނަ މެމްބަރުން ބައިވެރިވެ ވަޑައިނުގަތީ ގަސްތުގައިކަމަށާއި އެއީވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ހަލީމް ވިދާޅުވީ ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީވެސް އާދައިގެ ކަމަކަށް ހަދައި ރައީސް ނަޝީދަކީ އެމްޑީޕީއަށް ބޭނުން ނޫން ފަރާތަކަށް ހެދުމަށް ޤައުމީ މަޖިލީހުގެ ބައެއް މެމްބަރުން ބޭނުންވާކަމަށެވެ.
މިއާއިއެކު ހަލީމް ވިދާޅުވީ ޤައުމީ މަޖިލީހުގެ ގިނަ މެމްބަރުން އުޅެނީ ރައީސް ނަޝީދު ވުޖޫދުން ފޮހެލަން ކަމަށާއި، މިއީ ގަސްތުގައި ޖަލްސާ ބޭއްވިޔަ ނުދޭން އެ މެމްބަރުން ކުރައްވާ ކަމެއް ކަމުގައެވެ.
ހަލީމް ވިދާޅުވީ ރައީސް ނަޝީދަށް އިންސާފު ހޯދައި ދިނުމުގެ ކަންކަމުގައި އެމްޑީޕީގެ ޤައުމީ މަޖިލީހުން މަސައްކަތް ކުރަން ބޭނުން ނުވުމުގެ ސަބަބުންނާއި ގަސްތުގައި މިކަމަށް އަޅާނުލުމުގެ ސަބަބުން މިއަދު އަނެއްކާވެސް ސޯޝަލްމީޑިއާގައި ފާޅުގައި ރައީސް ނަޝީދު މަރަން މީސްމީހުނަށް ހިތްވަރުލިބިގެން އަމިއްލަ އެކައުންޓްތަކުން ޓްވީޓްކޮށް ހަދަމުންދާކަމަށެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ކޯރަމް ގެއްލި ވޯޓަށް ނޭހި ޖަލްސާ ވަނީ ނިންމާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ