ވިއްސާރައިގައި ލިބޭ ގެއްލުންތައް ފޫބެއްދުމަށް ގޮވާލައި ފޭދޫ ދާއިރާގެ މެންބަރު ހުށަހެޅި މައްސަލަޔަށް ބަހުސް ފަށައިފި

ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ރަށްރަށާއި، މީހުންގެ ގެދޮރަށާއި މުދަލަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސް ފަށައިފިއެވެ.
މެންބަރު ނިހާދު މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުން ބަލައިގަނެ ބަހުސް ކުރުމަށް ފާސް ކުރީ، ޖަލްސާގައި ތިއްބެވި 55 މެންބަރުންގެ ތެރެއިން 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން، ނިހާދު ވިދާޅުވީ، ކްލައިމެޓް އިމެޖެންސީއަކީ ޖޯކެއް ކަމަށް ނުދެކި މޫސުމަށް އަންނަ ނުރަނގަޅު ބަދަލުގެ ސަބަބުން ރާއްޖޭގެ ރަށްތަކާއި ގެދޮރާއި މުދާ ހިމާޔަތް ކުރުމުގެ މަސައްކަތަށް އިސްކަމެއްދީގެން އެކަންތައްތައް ކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރަށްރަށާއި ގެދޮރާއި، މީހުންގެ މުދަލަށް ލިބެމުންދާ ގެއްލުން ހާއްސަކޮށް އައްޑޫ ސިޓީ ފޭދޫގެ ގެދޮރަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް މިހާރުން މިިހާރަށް ފިޔަވަޅު އެޅުމަށާއި، ގެއްލުން ލިބޭ ފަރާތްތަކަށް މާލީގޮތުން ލިބޭ ގެއްލުން ފޫބެއްދުމަށް ވެސް ގަރާރުގައި ގޮވާލާފައިވެއެވެ.
މިގަރާރަށް ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވީ، ހުރިހާ ކައުންސިލަކުންވެސް ޑިޒާސްޓާ މެނެޖްމެންޓް ޕްލޭނެއް ހަދައި ވިއްސާރައިގެ ކުރިން ފިޔަވަޅު އަޅައި، ފެން ހިންދުމަށްޓަކައި އޮންނަ ނިޒާމުގެ ދަށުން ރައްޔިތުންނަށް ގެއްލުން ނުވާނެ ފަދައިން މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ.
ނިހާދު ވިދާޅުވީ، އައްޑޫގެ މަގުތައް ހެދުމުގައި އިހުމާލު ވުމުގެ ސަބަބުން، ކުރިން އޮތް ފެން ހިންދާ ނިޒާމުވެސް ވަޅުލެވިފައިވާ ކަމަށެވެ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިދިޔަ ބުދަދުވަހުން ފެށިގެން އައްޑުއަށް ކުރަމުންދާ ވިއްސާރައިގައި، ހިތަދޫން 28 ގެޔަކަށް، މަރަދޫ 20 ގެޔަކަށް، އަދި މަރަދޫ ފޭދޫގެ 44 ގެޔަކަށާއި، ފޭދޫގެ 544 ގެޔަކަށް މިހާތަނަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ