ރައްޔިތުން ތިބީ ރައީސް ޔާމީނަށް ނޫނެކޭ ބުނަން ތައްޔާރަށް: އިބޫ

ރައްޔިތުން ތިބީ ރައީސް ޔާމީންގެ ސަރުކާރަށް ނޫނެކޭ ބުނަން ތައްޔާރަށް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އާދީއްތަ ދުވަހުގެރޭ އެއަތޮޅު ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަަކަފުޅުގައެވެ.
އެމަނިކުފާނުގެ ޝަރަފުގައި ދަރަވަންދޫ ޒުވާނުން އިންތިޒާމުކުރި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން ކޮށްދެއްވޭނީ ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުވެގެން ކަމަށާއި އެކަމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ ރަށްރަށަށް ކުރެއްވި ދަތުރުތަކުން މިހާރުގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނަން ތައްޔާރަށް ތިބިކަން ފެނިގެންގޮސްފައިވާ ކަަމަށެވެ. ރައްޔިތުންނަށް ހެޔޮލަފާ ވެރިކަމެއް ކޮށްދިނުމަށް އެދޭ މިންވަރު ފެނިވަޑައިގެންފި ކަމަށާއި އިންތިޚާބު ކޮށްދީފިނަމަ ރައްޔިތުން އެދޭފަދަ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ދަރަވަންދޫ އެއާޕޯޓަކީ އެތެރޭގެ އުދުހުންތަކުގައި އެންމެ ގިނަ ފްލައިޓް ޖައްސާ އެއާޕޯޓު ކަމަށާއި އެވްރެޖްކޮށް ދުވާލަކަށް 12 ފްލައިޓް ޖައްސާ ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފިޔަވައި ސަރުކާރަށް އެންމެ ބޮޑު ފައިދާއެއް ލިބޭ އެއާޕޯޓަކީ ދަރަވަންދޫ އެއާޕޯޓު ކަމަށާއި ނަމަވެސް ރަށުގެ ތަރައްގީއަށް ސަރުކާރުން ވަނީ އިހުމާލުވެފައި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގެ މައިގަނޑު އަސާސަކީ ޖަޒީރާވަންތަ ރާއްޖެއެއް ކަމަށާއި ދަރަވަންދޫން ފެނންނަނީ އެތަސައްވުރު ކަމަށެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުން އެއްތަނަކަށް އެއްނުކުރި ނަމަވެސް ތަރައްގީ ކުރެވިދާނެ ކަމުގެ ރީތި މިސާލެއް ކަމަށެވެ.
"ގެސްޓްހައުސް ސިޔާސަތުގެ ސަބަބުން ރަށުގެ ތަރައްގީއަށް އައި ބަދަލު މިއޮތީ ފެންނަން. މިއަދާ ހަމައަށް އައިިރު 100 އަށްވުރެ ގިނަ އެނދު މިރަށުގައި އެބަހުރި ފަތުރުވެރިންނަށްޓަކައި. އެހެންނަމަވެސް ނަރުދަމާއާއި ބޯފެނުގެ ނިޒާމު ނެތުމުގެ ސަބަބުން އިތުރަށް އެކަންކަން ތަރައްގީ ކުރުމަށް ވަނީ ދަތިވެފައި. ބޯފެނާއި ނަރުދަމާއަކީ ހަމައެކަނި މިތަނަށް އަންނަ ގެސްޓުންނަށް ބޭނުންވާ އެއްޗެއް ނޫން. ރަށުގައި ދިރިއުޅޭ ރަށުގެ ރައްޔިތުންނަށް ވެސް އެހާމެ ބޭނުންތެރި ކަމެއް" އިބޫ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީ ބުނާގޮތުން ބޯފެނާއި ނަރުދަމާއަކީ ހުރިހާ ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ ޚިދުމަތެއް ނަމަވެސް ސަރުކާރުން ވަނީ އެކަމަށް އިހުމާލުވެފައި ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ދަރަވަންދޫގައި ވެސް ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު ވިދާޅުވީ މިދަތުރުފުޅުގައި ދޮންފަނާއި ކިހާދުއަށް ވަޑައިނުގަނެވުނު ނަމަވެސް އެރަށްރަށުގެ ހާލަތުވެސް ބައްލަވާފައިވާ ކަމަށެވެ. އެގޮތުން ދޮންފަނުގައި ވެސް ބަނދަރުގެ ދަތިކަމާއި ގެދޮރުގެ ދަތިކަން ބޮޑު ކަމަށާއި ނަރުދަމާ ވެސް ނެތް ކަމަށެވެ. ޕާޓީތަކުގެ މެނިފެސްޓޯ ތަފުސީލުވެގެންދާއިރު އެކަންކަމަށް ހައްލު ހޯދައިދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ކިހާދޫގައި ވެސް ފެނާއި ނަރުދަމާ މިހާރުން މިހާރަށް ބޭނުންވާއިރު ޒުވާނުން ކުޅިވަރު ކުޅޭނެ ފުޓްބޯޅަ ދަނޑެއް ވެސް ނެތް ކަމަށާއި ކަރަންޓުގެ ދަތިކަން ވެސް އެހާބޮޑު ކަމަށް ވިދާޅުވިއެވެ. މިއީ ސަރުކާރަކަށް އިހުމާލު ވެވޭނެ ކަންކަން ނޫން ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި ވަކި ރަށެއް އިސްތިސްނާ ނުކޮށް މިކަންކަން ކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި ގުޅިފައިވާ ޕާޓީތަކުގެ އިސްބޭބޭފުޅުންނާއި އެޕާޓީތަކަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޖޭޕީގެ ކައުންސިލް މެމްބަރު އާއިޝަތު ނަހުލާ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ