ގާސިމް މިނިވަންކުރުމަށް ގޮވާލާ މާމެންދޫގައި މުޒާހަރާކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިނިވަންކުރުމަށް ގޮވާލާ ގއ މާމެންދޫގައި މުޒާހަރާކޮށް އަޑުއުފުލައިފިއެވެ.
މިއަދު ހަވީރު ގއ މާމެންދޫގައި ބޭއްވި މި މުޒާހަރާގައި ވަނީ ގާސިމް އިބްރާހިމް މިނިވަންކުރުމާއި، އެމަނިކުފާނާއި ދެކޮޅަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލާ އަޑުއުފުލާފައެވެ.
މި މުޒާހަރާގައި މާމެންދޫގެ ރައްޔިތުންނާއިއެކު ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު ޑރ ހުސައިން ރަޝީދު ހަސަނާއި، ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެންބަރު އަލްއުސްތާޒު އަލީ ހުސައިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ކެންދޫ ދާއިރާގެ މެންބަރު އަލްއުސްތާޒު އަލީ ހުސައިން ވިދާޅުވީ ގާސިމް މިނިވަންކުރުމަށް ގޮވާލާ މާމެންދޫގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ރައްޔިތުން މައިގަނޑުގޮތެއްގައި އަޑުއުފުލާފައިވަނީ ސިޔާސީ ގޮތުން ގާސިމަށް ކުރަމުންދާ ޖެއްސުންތަކާއި، އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށްކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ ގާސިމް މިހާރުވެސް ހައްޔަރުކޮށްފައިވަނީ ގާނޫން އަސާސީއާއި ޚިލާފަށްކަމަށާ އެހެންކަމުން އެމަނިކުފާނު މިނިވަން ކުރަންޖެހޭކަމަށެވެ.
އަދި ގާސިމް ކުރައްވާ އިސްލާހީ މަސައްކަތަށް ސަރުކާރުން ކިތަންމެ ވަރަކަށް ހުރަސްއެޅި ނަމަވެސް އެމަނިކުފާނުވެސް އަދި ދިވެހި ރައްޔިތުންވެސް ފަހަތަށް ނުޖެހޭނެކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ