ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޝަރުތުތަކާއެކު ނަމަވެސް ޖަލު ބަންދުން ސަލާމަތްވުމަކީ އިންސާފު ގާއިމުކުރުުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނަނީ ޝަރުތުތަކަކާއެކު ގާސިމް އިބްރާހީމް ދޫކޮށްލާފައިވަނީ އެމަނިކުފާނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކުން މަހުރޫމްކޮށްފައި ކަމަށެވެ. އެމްޑީޕީން ބުނީ ގާނޫނުލްއުގޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިނުވާ ކަންކަން މަނާކުރުމާއި ކަނޑައެޅިގެން ގާނޫނުއަސާސީން އެމަނިކުފާނަށް ލިބިދޭ ހައްގުތައް ހިފެހެއްޓުމަކީ ޚުދުމުހުތާރު ވެރިކަން ދެމެހެއްޓުމަށް ކުރާ ކަމެއް ކަމަށެވެ. އެފަދަ ޝަރުތުތައް ކަނޑައެޅުމަކީ ޝަރުއީ ކޯޓުތަކަށާއި ދައުލަތުގެ މުވައްސަސާތަކަށް ލިބިގެންވާ ބާރެއްނޫން ކަމަށް ވެސް ބުނެފައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓަށް ގާސިމް އިބްރާހީމް ތާއީދު ކުރެއްވުމާ ގުޅިގެން އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދުއްތުރާތައް ކުރުމާއި، އަނިޔާވެރިކަން އިންތިހާއަށް އިތުރުކުރަމުން އަންނަކަމީ މިއަދު ދިވެހިން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި މިކަން މެއި 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވަރަށް ފުރިހަމައަށް ރައްޔިތުން ދައްކުވައިދީފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
"ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބިފައިވާ ސިޔާސީ ލީޑަރުންނަށް ސިޔާސީ މަސައްކަތް ކުރެވޭނެ ޖާގައާއި ފުރުސަތު ލިބެންޖެހޭނެއެވެ. ރައްޔިތުންނާ މަޝްވަރާކޮށް، ޖަލްސާތައް ބާއްވައި ދޮރުން ދޮރަށް ހިނގައި، ރައްޔިތުން އެދޭ ކަންކަމަށް ވަކާލާތު ކުރުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި މިނިވަންކަމާއެކު ސިޔާސީ ޕާޓީތަކަށާއި އެ ޕާޓީތަކުގެ ލީޑަރުންނަށް ކުރެވެން ޖެހޭނެ ކަންކަމެވެ. ކޯޓު އޯޑަރުން އަސާސީ ހައްގުތައް ހަނިކުރުމާއި، މުދާތައް އަތުލައި ބިރުދެއްކުންފަދަ ކަންކަން ކޮށްގެން ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް ހުއްޓުވުމަކީ ސަރުކާރުން ކުރާ ދަށުދަރަޖައިގެ ކަންކަމެވެ" އެމްޑީޕީގެ ބަޔާނުގައި ބުނެއެވެ.
އަދި ބުނެފައިވަނީ ދިވެހި ސަރުކާރުން މިފަދަ ކަންކަން ހުއްޓުވަންކުރާ ކަންކަމުގެ ސަަބަބުން މުވައްސަސާތައް ސިޔާސީވެ، ފުލުހުންގެ މުވައްސަސާ ފަދަ މުހިއްމު ތަންތަނުގެ މުޅި މިސްރާބު ޚުދުމުހުތާރު ވެރިކަން ގާއިމުކުރުމަށް ހުއްޓުމުން ގައުމު ހަލަބޮލިވެ، އިޖުތިމާއީ ފޭރާން ގެއްލި، ބޮޑެތި ކުށްތައް އިތުރުވުމަށް މެދުވެރިވާ ކަމަށެވެ. ފާއިތުވީ 5 ވަރަކަށް އަހަރުގެ ތެރޭގައި މިފަދަ ކަންކަން ތަކުރާރުވެ، ގާނޫނުގެ ވެރިކަން މިއަދު މިދަނީ ގެއްލެމުން ކަމަށް ވެސް ބުނެފައި ވެއެވެ.
އެމްޑީޕީން ބުނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ފާލުން ނެއްޓިފައިވާ މި ވަގުތުގައި ދިވެހިންނަށާއި ދިވެހިރާއްޖެއަށް މުހިއްމީ ސިޔާސީ ލީޑަރުން މިނިވަންކޮށް، ރައްޔިތުން އެދޭ ބަދަލު ގާއިމްކުރުން ކަމަށެވެ. އެހެންކަމުން ގާސިމް އިބްރާހީމަށް އެކިގޮތްގޮތުން ކުރަމުން އަންނަ އަނިޔާތައް ހުއްޓާލުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
ގާސިމް ބަންދުން ސަލާމަތްވުމީ ކުރިއެރުމެއް: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ